ENGLISH
28 އޭޕްރީލު 2025
އިޤްތިޞާދީ ޚާއްޞަ ސަރަޙައްދުގައި އިންވެސްޓްކުރަން މެލޭޝިއާގެ ވިޔަފާރިވެރިންނަށް ރައީސް ދަޢުވަތު ދެއްވައިފި
28 އޭޕްރީލު 2025
|
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަދި މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިން. ފޮޓޯ: ރައީސް އޮފީސް
ދިވެހި ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަހައްދުގައި އިންވެސްޓް ކުރުމުގެ ދަޢުވަތު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މެލޭޝިއާގެ ވިޔަފާރިވެރިންނަށް ދެއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ މެލޭޝިއާއަށް ވަޑައިގަތީ އެ ޤައުމުގެ ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ ދަޢުވަތަކަށެވެ.
އެމަނިކުފާނު މެލޭޝިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ދެ ޤައުމުން މިއަދު ވަނީ ގުޅިފައިވާ ނޫސްވެރިންގެ ބައްދަލުވުމުއް ބާއްވާފައެވެ. މި ބައްދަލުވުމުގައި ދެޤައުމުން ވަނީ މިހާރަށްވުރެ ބޮޑަށް ގުޅިގެން މަސައްކަތްކުރުމަށް އަޒުމުކަނޑައަޅާފައިވާކަން ހާމަކުރައްވާފައެވެ.
އިޤްތިޞާދީ ދާއިރާއަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ޚާއްޞަ އިޤްތިޞާދީ ސަރަޙައްދާއި، ވިޔަފާރީގެ ދާއިރާއާއި، މާލީ ދާއިރާގެ އިތުރުން، ކަނޑުތަކުގެ ދާއިރާގައި ހުރި ފުރުޞަތުތަކުގެ ބޭނުން ހިފުމަށް މެލޭޝިއާގެ އިންވެސްޓަރުންނަށް ދަޢުވަތުދެއްވާ ކަމަށެވެ. އަދި، އެ ފުރުޞަތުތަކުގެ ބޭނުން ހިފައިގެން، ދެ ޤައުމުގެ މެދުގައި އޮންނަ އިޤްތިޞާދީ ގުޅުން އިތުރަށް ބަދަހިކުރެވިގެންދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މެލޭޝިއާ އާއި ރާއްޖެއާ ދެމެދު އޮތް ޒަމާންވީ ގުޅުން ބިނާވެފައިވަނީ، ދެ ޤައުމުން ހިއްސާކުރާ އިސްލާމީ އަޤީދާއާއި އެއް ޤައުމުން އަނެއް ޤައުމަށް ކުރާ އިޙްތިރާމާއި، އިޙްސާންތެރިކަމުގެ ތަރަހައިގެ މަތީގައި ކަމަށެވެ.
ފަލަސްތީނުގެ މައްސަލައިގައި މެލޭޝިއާއިން ގެންގުޅޭ ސިޔާސަތަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ތަޢުރީފުކުރައްވައިފައެވެ. މި ބައްދަލުވުމުގައި ދެ ޤައުމުގެ ލީޑަރުންވެސް ވަނީ، މިނިވަން ދައުލަތެއް ޤާއިމުކުރުމަށް ފަލަސްތީނުން ކުރާ ޙައްޤު ދައުވާއަށް ތާއީދުކުރެއްވުމުގައި ސާބިތުވެ ތިއްބެވި ކަމަށް ވިދާޅުވެ، ޢަދުލުވެރިކަމާއި އަމަންއަމާންކަން ޤާއިމުކުރުމުގައި ދެ ޤައުމުން ވެސް ހިއްސާކުރާ ޢަޒުމެއްކަން ހާމަކުރައްވާފައެވެ.
ދެ ޤައުމުގެ ދެމެދުގައި އޮންނަ ގުޅުން ބަދަހިކުރުމަށް މަތީ ފަންތީގެ މަޢުލޫމާތާއި، ޚިޔާލު ބަދަލުކޮށް އެއްބާރުލުން އިތުރުކުރައްވަން އަމާޒުހިއްޕަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.