ENGLISH
28 އޭޕްރީލު 2025
"އަބަދަށް" އޮލިމްޕަހަށް އަންނަން ކުރި އިންތިޒާރު ނިމުކަކަށް، މިރޭ މިއީ ޕްރިމިއާ ނައިޓް
28 އޭޕްރީލު 2025
|
ގިނަ ބަޔަކު އިންތިޒާރުކުރަމުންދިޔަ ފިލްމް "އަބަދަށް" މިރޭ އޮލިމްޕަސް ސްކްރީނަށް އަންނާނެ އެވެ.
ދިވެހީންގެ ބޮޑު މަގުބޫލުކަމެއް ހޯދި "ލޫދިފާ"ގެ ޕްރޮޮޑިއުސަރ ނޫރައްދީންގެ މި ފިލްމްގެ ޕްރިމިއާ ނައިޓް މިރޭ އޮންނައިރު ފިލްމާމެދު ޕްރޮޑިއުސަރު ދޭ އެންމެ ބޮޑު ޔަގީން ކަމަކީ މި ފިލްމް ބަލާފައި އެއްވެސް މީހަކު ރިގްރެޓްކުރަން ނުޖެހޭނެ ކަމެވެ.
"ލޫދިފާ" އާއި 'ހޭލާ' އަދި 'ހެޕީ ބާތު ޑޭ' ފަދަ މޮޅެތި ފިލްމުތައް ގެނެސްދިން މޫމިން ފުއާދު ލިޔެ ޑައިރެކްޓްކޮށްފައިވާ މި ފިލްމާ ގުޅޭ ގޮތުން ނޫރު ބުނީ ފިލްމެއް ބަލައިގެން ލިބޭނެ ހުރިހާ ހިތްހަމަޖެހުމަކާއި އުފަލެއް "އަބަދަށް"ބަލައިގެން ލިބޭނެ ކަމެވެ.
"މި ފިލްމް ބަލައިގެން އަބަދަށްޓަކައި އެ ހިތްހަމަޖެހޭނެ. އެހެންވެ މި ފިލްމަށް އަބަދަށް މި ނަން މިދިނީވެސް"
މިއަދުގެ މުޖުތަމައުގައި ހިނގަމުންދާ މުހިއްމު ހާދިސާތަކުގެ މައްޗަށް ބަލައިގެން ހަދާފައިވާ މި ފިލްމުގައި މޯލްޑިވްސް ޕޮލިސް ސަރވިސް އަދި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން މިއަދުގެ މުޖުތަމައުގައި އަދާކުރާ ދައުރުވެސް ވަރަށް ބޮޑަށް ވަނީ ގެނެސްދީފަ އެވެ.
މިރޭ ފިލްމް އޮލިމްޕަހުގައި އަޅުވާއިރު ހަމަ އެއް ވަގުތެއްގައި ރާއްޖޭގެ އެހެން ބައެއް ރަށްތަކުގައިވެސް މި ފިލްމް އަޅުވާނެ އެވެ.
މި ފިލްމްގެ އިސް ރޯލެއް އަދާކުރަނީ ރާއްޖޭގައި މި ވަގުތު ތިބި އެންމެ މޮޅެތި ފަންނާނުންނެވެ. ޔޫސުފް ޝަފީއު (ޔޫއްޕެ)، އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ) ވާޝިޔާ މުހައްމަދު، އަހްމަދު ޝާރިފު، ފަދަ އިތުރު މާބޮޑު ތައާރަފަކަށް ބޭނުން ނުވާނެ ތަރިން މި ފިލްމުގައި މުހިއްމު ރޯލުތައް ވަނީ އަދާކޮށްފަ އެވެ. މި ފިލްމުގައި އެމީހުން ދައްކައިދީފައިވާ އާދަޔާ ހިލާފު ހުނަރު ފިލްމު ނުބަލަނީސް ސިފަކޮށްދިނުންވެސް ވާނީ އުނދަގޫ ކަމަކަށެވެ.
މި ފިލްމްގެ ހާއްސަ ސިފަތަކެއް ނޫރައްދީންވެސް ފާހަގަކުރެ އެވެ.
"މި ފިލްމް ބައްލަވާލައްވާފައި ރިގްރެޓެއް ނުކުރައްވާނެ. ފިލްމެއް ބަލާލާފައި ހިތްހަމަޖެހުން ލިބޭނެ. މި ފިލްމު ބަލާލާފައި ދިވެހިންވެސް ރަނގަޅު ފިލްމު އުފައްދަ އޭ، ދިވެއްސަކަށްވީތީ ފަހްރުވެރިވަމޭ ބުނާފަދަ އިހްސާސެއް މި ފިލްމުން ގެނެސްދޭނެ،" ނޫރައްދީން ބުންޏެވެ.
މި ފިލްމްގެ ޓިކެޓް މިހާރުވެސް ދަނީ އޮލިމްޕަހުގައި ވިއްކަމުންނެވެ. "އަބަދަށް" މި ފިލްމަކީ އޮލިމްޕަހުން ޖަގަ ލިބޭތޯ ގިނަ ދުވަސްތަކެއްް ވަންދެން މަޑުކުރަން ޖެހުނު ފިލްމެކެވެ. އެހެންވެ މިރޭ އަކީ "އަބަދަށް" އޮލިމްޕަހަށް އައުމަށް ކުރި އިންތިޒާރު ވެސް ނިމުމަކަށް އަންނާނެ ރެ އެވެ.