ENGLISH

07 ޖުލައި 2025

Advertisement

އަމާޒަކީ ރާއްޖޭގެ މިނިވަން ކަމަށް 70 އަހަރު ފުރުމުގެ ކުރިން ރާއްޖެ އެންމެ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުން: ރައީސް

28 އޭޕްރީލު 2025

|

ޝަރާ އަބްދުﷲ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވާހަކަފުޅު ދައްކަވަނީ..ފޮޓޯ ރައީސް އޮފީސް

އަމާޒަކީ ރާއްޖޭގެ މިނިވަން ކަމަށް 70 އަހަރު ފުރުމުގެ ކުރިން ރާއްޖެ އެއްކޮށް ތަރައްޤީވެފައިވާ ޤައުމަކަށް ހެދުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ، މެލޭޝިޔާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި މިއަދު ބޭއްވި ދިވެހިރާއްޖެ- މެލޭޝިޔާ، ވިޔަފާރި ފޯރަމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރާއްޖެއަކީ އެންމެ ތަރައްޤީ ވެފައިވާ ޤައުމަކަށް ހެދުމަށްޓަކައި "ވިޝަން 2040" ގެ ނަމުގައި މަޝްރޫއުއެއް ފަށާފައިވާ ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، ރާއްޖެއަކީ މުސްތަޤުބަލަށް ތައްޔާރުވެފައިވާ ޤައުމަކަށް ހެދުމަށް މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެގޮތުން، ރާއްޖޭގައި މިހާތަނަށް ހިންގޭ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއު މިހާރު އިޢުލާންކޮށްފައިވާއިރު މެރިޓައިމް ދާއިރާ އާއި އެއަރޕޯޓް ތަރައްގީ ކުރުމާއި އިއާދަކުރަނިވި ހަކަތައަށްވެސް އިންވެސްޓް ކުރަމުން އަންނަކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ޑިޖިޓަލް ޓްރާންސްފޯމޭޝަން އަކަށް ރާއްޖެއިން ތައްޔާރުވަމުން އަންނަ ކަމަށާއި އެކަމުގައިވެސް އެހީތެރިކަން ބޭނުންވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. 

ރައިސްގެ ވާހަކަފުޅުގައި ވަނީ، ރާއްޖެ ތަރައްގީ ކުރުމަށް ސަރުކާރުން ނިންމަވާފައިވާ ކަންކަން ހާސިލް ކުރުމަށް އިންވެސްޓްމަންޓުގެ ފުރުސަތުތައް ހުޅުވާލާފައިވާކަންވެސް ފާހަގަކުރައްވާފައެވެ. އެގޮތުން، ރިއަލްއެސްޓޭޓާއި ފަތުރުވެރިކަމާއި ޕޯޓް ލޮޖިސްޓިކްސް އާއި މެރިކަލްޗަރ އާއި އިއާދަކުރަނިވި ހަކަތައާއި ވެލިއު އެޑެޑް އެކްސްޕޯޓްސް ފަދަ ދާއިރާތަކުން އިންވެސްޓް ކުރުމުގެ ފުރުސަތުތައް ހުރިކަން ރައީސް ވަނީ ފާހަގަ ކުރައްވާފައެވެ. މީގެއިތުރުން  ސްޕެޝަލް އިކޮނޮމިކް ޒޯންގެ ތެރެއިންވެސް ޚާއްސަ ފުރުސަތުތަކެއް ހުޅުވާފައިވާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވަނީ، މިދިޔަ އަހަރު ތަސްދީކޮށްފައިވާ ފޮރިން އިންވެސްޓްމަންޓް ޤާނޫނުގެ ސަބަބުން ރާއްޖޭގައި އިންވެސްޓް ކުރާ ފަރާތްތަކަށް ރައްކާތެރިކަން ކަށަވަރުވެފައިވާކަން ފާހަގަ ކުރައްވައި، ރާއްޖޭގައި އިންވެސްޓްކޮށްގެން މެލޭޝިއާގެ ކުންފުނިތަކަށް ގިނަ ފައިދާތަކެއް ލިބިގެންދާނެކަން ފާހަގަ ކުރައްވާފައެވެ.

މީގެ އިތުރުން ރާއްޖެ އޮތް ސަރަހައްދުގެ ގޮތުން، މެރިޓައިމް އަދި ލޮޖިސްޓިކް ދާއިރާއިން ގިނަ ފުރުސަތުތައް ހުރިކަން ފާހަގަ ކުރައްވައީ، ރައީސް ވަނީ ފަތުރުވެރިކަމުގެ ދާއިރާއަކީވެސް އިންވެސްޓަރުންނަށް ފައިދާވާނެ ދާއިރާއެއްކަން ފާހަގަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މިސަރުކާރުން މެލޭޝިއާއާއެކު ދޭދޭ ގުޅުމުގެ އިތުރުން އިޤްތިޞާދީ ގުޅުންވެސް ބަދަހިކުރަން ތައްޔާރަށް އޮތް ކަމަށާއި ދެ ޤައުމުގެ ގުޅުމަކީ އިތުބާރާއި ދެ ޤައުމުން ގަބޫލުކުރާ ހަމަތަކުގެ މައްޗަށް ބިނާވެފައިއޮތް ގުޅުމެއް ކަމަށެވެ. އަދި މެލޭޝިޔާގެ ޔުނިވާސިޓީތަކުން ރާއްޖެ ފަހުރުވެރިވާ ފަދަ ދިވެހި ދަރިން އުފައްވާފައިވާކަން ވެސް ރައީސް ވަނީ ފާހަގަ ކުރައްވާފައެވެ.

މި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރ އަހުމަދު ސައީދާއި މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް ވެސް ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު