ENGLISH
28 އޭޕްރީލު 2025
ބަންޑާރަ ގޯތި ދޫކުރަން ހުއްޓުވައިދޭން ޤާނޫނަށް ބަދަލު ގެނެސްދިނުމަކަށް ނޭދެން: މިނިސްޓަރު
28 އޭޕްރީލު 2025
|
ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާރ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު - ފޮޓޯ: މަޖިލިސް
ބަންޑާރަ ގޯތި ދޫކުރުން ހުއްޓުވައިދޭން ޤާނޫނަށް ބަދަލު ގެނައުމަށް މަޖިލީހުގައި އެދިފައިނުވާނެ ކަމަށް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާރ މިނިސްޓަރު ޑރ. ޢަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވެފައިވަނީ މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން، ބަންޑާރަ ގޯތި ދޫކުރަން ހުއްޓުވައިދޭން ޤާނޫނަށް ބަދަލު ގެނެސްދިނުމަށް މަޖިލީހުގައި މިނިސްޓަރު އެދިވައިޑައިގެންފައިވާ ކަމަށް ބުނެ ބައެއް މީޑިއާތަކުން ރިޕޯޓް ކުުރުމާއި ގުޅިގެންނެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ވިދާޅުވީ އެކަން ކުރުމަށް ޤާނޫނަށް ބަދަލު ގެނެސްދިނުމަށް އެދިވަޑައިގެންފައި ނުވާ ކަމަށެވެ. މިނިސްޓަރ ވިދާޅުވީ އެކަމަކީ ރާއްޖެއަށް ޚާއްސަ ކަމެއް ކަމަށާއި ދާއިމީ ގޮތެއްގައި ކުރިއަށް ގެންދިއުމަށް ދަތިވެދާނެ ކަމެއްކަމަށް މަޖިލީހުގައި ދެންނެވި ކަމަށެވެ. އަދި އެއީ މަޖިލިސް ތެރެއިން ހައްލެއް ހޯދަންޖެހޭ ފަދަ މައްސަލައެއްކަމަށް ވިދާޅުވި ކަމަށް ވެސް އެކްސްގައި ކުރެއްވި ޕޯސްޓުގައި މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
މިއަދުގެ މަޖިލީހުގެ ޖަލްސާގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ ބިންވެރިޔާ ސްކީމްގެ ގޯތިތަކަކީ ބަންޑާރަ ގޯތިތަކެއް ކަމަށެވެ. އަދި އެގޮތަށް ބަންޑާރަ ގޯތި ދޫކުރުމަކީ ދުނިޔޭގެ އެހެން ގައުމުތަކުގައި ކުރަމުންދާ ކަމެއް ނޫން ކަމަށާ އެކަމަކީ ރާއްޖެއަށް ޚާއްސަ ސިފައެއް ކަމަށެވެ.
"އިނގިރޭސި ބަހުން ދަންނަވާކަމަށްވާނަމަ ފްރީ ހޯލްޑުގެ ގޮތުގައި މި ބިން ދިނުމަކީ މި ރާއްޖެއަށް ދިރިއުޅުމަށްޓަކައި ދިނުމަކީ ވަރަށް ރާއްޖެއަށް ޚާއްސަ ކަމެއް. އެހެންވިމާ މިފަދަ ކަލްޗަރަލީ ވެސް އަދި ހިސްޓޮރިކަލީ ވެސް ރާއްޖެއަށް މުހިއްމު ގޮތުގައި ފާހަގަކުރެވިފައި އޮތް ކަމެއް ބަދަލުކުރުމަކީ އެ ސިޔާސަތު ބަދަލުކުރުމަކީ އަޅުގަނޑަށް އެކަނި ލިބިގެންވާ ބާރެއް ނޫން،" - ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާރ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު
އެހެންނަމަވެސް ބަންޑާރަ ގޯތި ދީގެން ކުރިއަށްގެންދިއުމަކީ ދަތިކަމަކަށް ވެދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.