ENGLISH
28 އޭޕްރީލު 2025
ކުރީގެ ސީޕީ ޢަލީ ޝުޖާއު ރިޓަޔަރ ކުރައްވައިފި
28 އޭޕްރީލު 2025
|
މިދިޔަ ހޮނިހިރު ދުވަހު މަޤާމުން އިސްތިއުފާ ދެއްވި ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު ރިޓަޔަރ ކުރައްވައިފިއެވެ.
ޝުޖާއު އިސްތިއުފާ ދެއްވާފައި ވަނީ މި މަހުގެ 18 ވަނަ ދުވަހު، ފުރާޅެއްގެ މައްޗަށް އަންހެންކުއްޖަކު ވެއްޓިފައިވާ މައްސަލައިގެ ތަހުގީގު ކުރިޔަށްގެންދާ ގޮތާމެދު ގިނަ ބަޔަކު ނުރުހުން ފާޅުކުރަމުން އަންނަ ދަނޑިވަޅެއްގައެވެ.
މި ސަރުކާރުގެ ފުރަތަމަ ޕޮލިސް ކޮމިޝަނަރުގެ ގޮތުގައި ޝުޖާއު އެ މަގާމަށް އައްޔަން ކުރައްވާފައިވަނީ، 25 ޑިސެމްބަރު 2023 ގައެވެ. ޢަލީ ޝުޖާއު ވަނީ، ކޮމިޝަނަރުގެ މަގާމުން ހޮނިހިރު ދުވަހު އިސްތިއުފާ ދެއްވުމަށް ފަހު ޝަރަފްވެރިކަމާއެކު ރިޓަޔަރ ކުރައްވާފައެވެ.
ޝުޖާއު ފުލުހުންގެ ވަޒީފާއާ ގުޅިވަޑައިގަތުމުގެ ކުރިން އުޅުއްވީ ތައުލީމީ ދާއިރާގައެވެ. އެގޮތުން ޓީޗަރެއްގެ ވަޒީފާގެ އިތުރުން އެސިސްޓެންޓް ޕްރިންސިޕަލްކަމާއި ޕްރިންސިޕަލްގެ މަގާމު ވެސް ފުރުއްވިއެވެ.