ENGLISH

28 އޭޕްރީލު 2025

Advertisement

މަސްވެރިންގެ ހުވަފެން ހަގީގަތަކަށް: ބީއެމްއެލް އިން މަސްވެރިން ބަލައިގަނެ، ރަހުނަކާ ނުލައި 3 ލައްކަ ރުފިޔާ

28 އޭޕްރީލު 2025

|

އަހުމަދު ސައީދު

މަސްވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އެއްބަސްވުމުގައި މަސްވެރިކަމާ ބެހޭ މިނިސްޓްރީ އާއި ބޭންކް އޮފް މޯލްޑިސް އާ ދެމެދު ސޮއިކުރުމުގެ ރަސްމިއްޔާތު. -- ފޮޓޯ/ބީއެމްއެލް

މަސްވެރިިންނަށް، މަސްވެރިކަމުން ލިބޭ އާމްދަނީއަށް ބިނާކޮށް ރަހުނަކާ ނުލައި ތިން ލައްކަ ރުފިޔާއާ ހަމައަށް ލޯނު ދޫކުރަން ނިންމާ، މަސްވެރިކަމާ ބެހޭ މިނިސްޓްރީ އާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާ ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެެ.

މަސްވެރިންގެ ގައުމީ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ އާމްދަނީ އަށް ބިނާކޮށް މާލީ އެހީ ލިބޭނެ މަގު ގައުމީ ބޭންކުން ތަނަވަސްކޮށް ދިނުމަކީ، މަސްވެރިންގެ އާމްދަނީ އަށް އެކަނި ބިނާކޮށް ލޯނު ދޫކުރަން ބޭންކަކުން ނިންމި ފުރަތަމަ ފަހަރެވެ. 

މަސްވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އަޙްމަދު ޝިޔާމް އެވެ. ބީއެމްއެލްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފް އެވެ. 

މަސްވެރިންނަށް ދޫކުރާ ލޯނުގައި އެންމެ ޚާއްސަ ކަމަކީ މަސްވެރިކަމުގެ މޫސުމަށް އަންނަ ބަދަލުތަކާއެކު އާމްދަނިއަށް ރިއާޔަތްކޮށް ލޯނު އަނބުރާ ދެއްކުމަށް ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސައިދޭން ބޭންކުން ނިންމާފައިވުމެވެ. މިއީ މިފަދަ ނިންމުމެއް ބީއެމްއެލް އިން ނިންމި ފުރަތަމަ ފަހަރެވެ.

މަސްވެރިންނަށް މާލީ އެހީ ފޯރުކޮށްދިނުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވި ބައެއް ފަރާތްތައް-- ފޮޓޯ/ސީއެންއެމް

މަސްވެރިންނަށް ދޫކުރާ މާލީ އެހީތެރިކަން:

  • ލޯނު ދޫކުރާނީ މަސްވެރިންގެ ގައުމީ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް.
  • ލޯނު ދުކުރުމުގައި މަސްވެރިކަމުން ލިބޭ އާމްދަނިއަށް ބަލާނެ.
  • ރަހުނު އަދި އިކުއިޓީއަކާ ނުލައި 300,000ރ. އާ ހަމައަށް ޕަރސަނަލް ފައިނޭންސިން ނެގޭނެ.
  • އަނބުރާ ފައިސާ ދައްކާއިރު، މަސްވެރިކަމުގެ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ލުއި ލިބޭނެ.
  • ކްރެޑިޓް ކާޑު އަދި ގެދޮރު ގަތުމާއި މާރާމާތުކުރުމާއި އިމާރާތް ކުރުން ފަދަ ބޭނުންތަކަށް ލޯނު ލިބޭނެ.
  • ބީއެމްއެލް އެޕް މެދުވެރިކޮށް ކޮންމެ ތަނަކުން ވެސް ލޯނަށް އެދި ހުށަހެޅޭނެ.

އަންނަ މަހުން ފެށިގެން ދޫކުރަން ފަށާ ލޯނާ ގުޅޭ ގޮތުން ޝަރީފް ވިދާޅުވީ "މަސްވެރިންނަށް އާމްދަނީ ލިބޭ ގޮތާއި މޫސުމީ ގޮންޖެހުންތަކަށް ރިއާޔަތްކޮށް، އެ ފަރާތްތަކުގެ ދިރިއުޅުމަށް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންވާ މާލީ ހައްލުތައް" ލޯނާ ގުޅޭ ގޮތުން މަސްވެެރިކަމާ ބެހޭ މިނިސްޓްރީ އާ އެކު ހެދި އެއްބަސްވުމުގެ ދަށުން ފޯރުކޮށްދެވޭނެ ކަމަށެވެ. 

މިނިސްޓަރު ޝިޔާމް ވިދާޅުވި ގޮތުގައި ގާތްގަނޑަކަށް 95 ޕަސެންޓު މަސްވެރިން މިހާތަނަށް މަސްވެރިންގެ ދަފުތަރުގައި ރަޖިސްޓްރީ ވެފައިވެއެވެ. ރަޖިސްޓްރީ ނުވެ ތިބި މަސްވެެރިން ވެސް އަވަހަށް ރަޖިސްޓްރިވުމަށް މިނިސްޓަރު ގޮވާލެއްވިއެވެ. 

ކިޔުންތެރިންގެ ހިޔާލު