ENGLISH
07 ޖުލައި 2025
މޫސުމަށް ސަމާލުވޭ، މިއަދުވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފި
28 އޭޕްރީލު 2025
|
މާލެއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެފައި - ފޮޓޯ: އެޑިޝަންއެމްވީ
ކުރިއަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފިއެވެ.
މިއަދުގެ މޫސުން ކުރިއަށް ލަފާކޮށް އެ އިދާރާއިން ބުނީ ރާއްޖޭގެ އެކިހިސާބަށް ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ބައެއް ރަށްތަކަށް ގުގުރުމާއި އެކު ބޯކޮށް ވާރެ ވެހުން އެކަށީގެންވާ ކަަމަށެވެ.
އެ އިދާރާއިން ބުނީ ވައި ޖެހޭނީ ހުޅަނގާއި ހުޅަނގުއުތުރުން އުތުރުގެ އަތޮޅުތަކަށް ގަޑިއަކު ފަސް މޭލާއި 15 މޭލު ދެމެދުގެ ބާރުމިނުގައި ކަމަށެވެ. އެހެން ހިސާބު ތަކަށް ގަޑިއަކު 8 މޭލާއި 18 ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ އުތުރުގެ އަތޮޅުތަކަށް ރާޅުގެ އުސް މިނުގައި ދެ ފޫޓާއި ފަސް ފޫޓު ހުންްނާނެ ކަމަށް ލަފާ ކުރެވޭ ކަމަށާ މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް ތިން ފޫޓާއި ހަ ފޫޓު ހުންނާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
'އެމްއެމްޓީވީ' އަށް މައުލޫމާތު ދެއްވަމުން މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ ރާއްޖޭގެ އުތުރާއި ދެކުނުން އަންނަ ތެތް ވައި ރާއްޖެ ސަރަހައްދުގެ މަތީގައި ޖަމާވެ، އުފެދެމުންދާ ވިލާތަކުގެ ސަބަބުން ކުރަމުންދާ ވިއްސާރައެއް ކަމަށެވެ. މޫސުން އަލިވާނެ ކަމަށް ލަފާކޮށްފައިވަނީ އަންނަ ބުދަ ދުވަހުގެ ފަހުން ކަމަށް ވެސް މެޓް އޮފީހުން ބުންޏެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މާލެއަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމާ ގުޅިގެން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް އާއި ދިވެހި ފުލުހުންގެ ޚިދުމަތުން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ މަސައްކަތް ކޮށްފައިވެއެވެ.