ENGLISH

28 އޭޕްރީލު 2025

Advertisement

ގުޅީފަޅުން ގޯތި ލިބުނު މީހުންނަށް އަންނަ މެއި މަހު ރަޖިސްޓްރީ ހަވާލުކުރާނެ: ވަޒީރު

28 އޭޕްރީލު 2025

|

އުމްނާ އިސްމާޢީލް

މިނިސްޓަރު އަބްދުﷲ މުއްތަލިބު (ފޮޓޯ/ މަޖިލީސް)

ބިންވެރިޔާ ސްކީމްގެ ދަށުން ގުޅީފަޅުން ގޯތި ލިބުނު ފަރާތްތަކަށް އަންނަ މެއި މަހުގެ ތެރޭގައި ގޯތީގެ ރަޖިސްޓްރީ ދޫކުރަން ފަށާނެ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ މުއްޠަލިބޔު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާއަށް ވަޑައިގެން މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ނެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ 9031 ގޯތީގެ ތެރެއިން 2438 ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ގުޅީފަޅުން ނެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި، މަޤާމާއި ހަވާލުވެވަޑައިގެންނެވިއިރު އެ ސްކީމްގެ ދަށުން ގޯތި ލިބުނު 465 ފަރާތަކަށް ރަޖިސްޓްރީ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި މި ސަރުކާރުން ފުރަތަމަ އެކުލަވާލި ހައުސިންގ މިނިސްޓްރީން އިތުރު 159 ފަރާތަކަށް ރަޖިސްޓްރީ ހަވާލުކުރި ކަމަށެވެ.

ގުޅީފަޅު ހިއްކުމުގެ މަސައްކަތުގެ އެންމެ ފަހުގެ އަދާހަމަ ދެއްވަމުން މިނިސްޓަރ މުއްޠަލިބު ވިދާޅުވީ ގޯތި ލިބުނު ފަރާތްކަށް ރަޖިސްޓްރީ ހަވާލުނުކުރެވި ލަސްވަމުންދަނީ، ތިލަމާލެ ބްރިޖާއި އެ ބްރިޖުގެ ސައިޓާއި ސްޓޯރޭޖްގެ މަސައްކަތްތަކަށް ވެސް ގުޅީފަޅުން ބިން ކަނޑައަޅާފައިވާތީ ކަމަށެވެ. އަދި އެ މަސައްކަތް ކުރިއަށްދާގޮތަށްބަލައި، ޕްލޭނަށް ބަދަލު ގެނެސްގެން ނަމަވެސް ރަޖިސްޓްރީ ހަވާލުކުރުމުގެ މަސައްކަތް ކުރެއްވުމަށް ނިންމަވާފައިވާ ކަމަށް ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ މެއި މަސް ތެރޭގައި އަޅުގަނޑުމެން ގުޅީފަޅުގެ ރެޖިސްޓްރީތައް އެފަރާތްތަކަށް އެ ގޯތިތައް ކަނޑައެޅިގެން އެނގޭ ގޮތަށް ހަވާލުކުރަން ފަށާނަން" - މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ގުޅީފަޅުން ބިން ހިއްކުމަށް މިހާތަނަށް 200 މިލިއަން ޑޮލަރު ޚަރަދުކޮށްފައިވާއިރު، އެ ރަށުގައި ފެނާ ނަރުދަމާގެ އިތުރުން އަސާސީ ޚިދުމަތްތައް ގާއިމުކުރުމަށް 400 މިލިއަން ޑޮލަރު ޚަރަދުވާނެ ކަމަށެވެ. އަދި މީހުން އާބަދުކުރުމަށް ކުރަންޖެހޭ މަސައްކަތަށް އެންމެ މަދުވެގެން 700 މިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ ހަރަދުވާނެ ކަމަށް މިނިސްޓަރު އަންދާޒާ ކުރައްވަ އެވެ.

ކިޔުންތެރިންގެ ހިޔާލު