ENGLISH
28 އޭޕްރީލު 2025
މިނިސްޓްރީ އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާގައި ބިންވެރިޔާ ސްކީމާ ގުޅޭ ލިޔެކިއުންތަކުގެ ދެލިކޮޕީ ނެތިގެންދިޔަ: މިނިސްޓަރު
28 އޭޕްރީލު 2025
|
ހައުސިން މިނިސްޓްރީ ހިންގާ ޢިމާރާތުގައި އޮވެ އަނދަމުން ދަނީ. --ފޮޓޯ: އެމްޑީއެފް
ހައުސިންގ މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން މިނިސްޓްރީ އާއި އެންވަޔަރްމަންޓް މިނިސްޓްރީގައި ހިނގި އަލިފާނުގެ ހާދިސާގައި އިމާރާތުގައި ހުރި ބިންވެރިޔާ ސްކީމާ ގުޅޭ ލިޔެކިއުންތަކުގެ ދެލިކޮޕީ ނެތިގެން ގޮސްފައިވާ ކަމަށް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާރ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
މިއަދުގެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވަނީ ބިންވެރިޔާ ސްކީމާ ގުޅޭ ތަހުގީގެއް ދައުލަތުގެ މުއައްސަސާތަކުން ހިންގަމުންދާއިރު އެ ހާދިސާގައި އެ ސްކީމާ ގުޅިގޭ އެއްވެސް ލިޔެކިޔުމެއް އަނދައިގެންގޮސްފައި ވޭތޯ މިނިސްޓަރާ ސުވާލުކުރައްވާފައެވެ.
އެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ ބިންވެރިޔާ ސްކީމާ ގުޅިގެން ދައުލަތުގެ މުއައްސަސާތަކުން ބަލަމުންދަނީ އެ ސްކީމުގެ ދަށުން އޮޅުވާލައިގެން ގޯތި ލިބިފައި ނުވާ ފަރާތްތަކަށް ގޯތި ލިބިފައިވާ ކަމަށް ދައްކާ، ސައްހަނޫން ލިޔެކިޔުންތަކެއް ހަދާފައިވާ މައްސަލަ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މި ސްކީމަކީ ޕޯޓަލް އެއް މެދުވެރިކޮށް އެޕްލިކޭޝަންގެ މަރުހަލާތައް ނިންމައި، ޕޯޓަލް މެދުވެރިކޮށް ބަލަހައްޓަމުންދާ ސްކީމެއް ކަމަށެވެ. އެހެންކަމުން މިނިސްޓްރީ ކުރިން ހިންގަމުން ދިއަ އިމާރާތުގައި 12 ޑިސެމްބަރ 2024 ވަނަ ދުވަހު ހިނގި އަލިފާނުގެ ހާދިސާގައި ބިންވެރިޔާ ސްކީމާ ގުޅިގެން ދައުލަތުގެ މުއައްސަސާތަކުން ބަލަމުންދާ މައްސަލަތަކާ ގުޅިގެން ތަހުގީގަށް ބޭނުންވާ އެއްވެސް ލިޔެކިޔުމެއް ނެތިގެން ގޮސްފައިވާ ކަމަށް މިހާތަނަށް ފާހަގަކުރެވިފައި ނުވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ލިބޭ ފަރާތްތަކުގެ ލިސްޓަކީ ގެޒެޓްކުރެވިފައިވާ ލިސްޓެއް. އެ ސްކީމްގެ ދަށުން ގޯތިލިބޭ ފަރާތްތަކުގެ މައުލޫމާތު މިނިސްޓްރީން ގެންގުޅޭ ޕޯޓަލްގައި އެބަހުރި. އަދި ބިންވެރިޔާ ސްކީމާ ގުޅިގެން ދައުލަތުގެ މުއައްސަސާތަކުން ބަލަމުންދާ މައްސަލަތަކަށް ބޭނުންވާ މައުލޫމާތު މިހާރުވެސް މިނިސްޓްރީން ދަނީ ފޯރުކޮށްދެމުން،" - ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާރ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު
އެހެން ނަމަވެސް ހާދިސާ ހިނގައިގެން ދިޔައިރު އިމާރާތުގައި ހުރި ބިންވެރިޔާ ސްކީމާ ގުޅޭ ލިޔެކިއުންތަކުގެ ދެލިކޮޕީ ނެތިގެން ގޮސްފައިވާ ކަން މިނިސްޓަރ ވަނީ ފާހަގަ ކުރައްވާފައެވެ.