ENGLISH
28 އޭޕްރީލު 2025
ރާއްޖެ އާއި މެލޭޝިއާއާ މެދު ފަސް އެއްބަސްވުމެއްގައި ސޮއިކޮށްފި
28 އޭޕްރީލު 2025
|
ރައީސް އިއްޒަތްތެރީން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވަނީ
ރާއްޖެއާ މެލޭޝިޔާއާ ދެމެދު ފަސް ދާއިރާއަކުން އެއްބަސްވުންތަކެއްގައި މިއަދު ސޮއިކޮށްފި އެވެ.
ރައީސުލްޖުމްހޫރިއްޔާ މެލޭޝިޔާއަށް ކުރައްވާ ރަސްމީ ދަތުރުފުޅު ފެއްޓެވީ އިއްޔެ އެވެ. ދެ ޤައުމުގެ ވެރީން މިއަދު ބޭއްވެވި ޕްރެސް ބްރީފިން އަށް ފަހު ދެ ޤައުމުގެ ދެމެދު ފަސް ދާއިރާއަކުން އެއްބަސްވުންތަކެއްގައި ވަނީ ސޮއިކޮށްފަ އެވެ.
އެގޮތުން ކުޅިވަރުގެ ދާއިރާ އާއި ޞިއްޙީ ދާއިރާ އާއި ފަތުރުވެރިކަމުގެ ދާއިރާއިން އެއްބާރުލުންދިނުމާއި ޚާރިޖީ ދާއިރާއިން މީހުން ބިނާކުރުމާއި ޑިޕްލޮމޭޓުން ތަމްރީންކުރުމަށް އެއްބަސްވުން ވަނީ ޤާއިމު ކޮށްފަ އެވެ.
ކުޅިވަރުގެ ދާއިރާއިން ދެޤައުމު ގުޅިގެން މަސައްކަތްކުރުމާއި އެއްބާރުލުންދިނުމުގެ އެއްބަސްވުމުގައި ރާއްޖޭން ސޮއިކުރެއްވީ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލެވެ. އަދި މެލޭޝިއާ އިން ސޮއިކުރެއްވީ އެޤައުމުގެ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު ހަނާން ޔިއޯހް އެވެ.
ޞިއްޙީ ދާއިރާއިން އެއްބާރުލުންދިނުމުގެ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލެވެ. އަދި މެލޭޝިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޑރ. ޒުލްކެފްލީ އަޙްމަދުއެވެ.
ފަތުރުވެރިކަމުގެ ދާއިރާއިން އެއްބާރުލުންދިނުމުގެ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މެލޭޝިއާއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. މަރްޔަމް ޝަބީނާ އެވެ. އަދި މެލޭޝިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރ ޚައިރުލް ފިރުދައުސް އެވެ.
ޚާރިޖީ ދާއިރާއިން މީހުން ބިނާކުރުމުގެ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މެލޭޝިއާއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. މަރްޔަމް ޝަބީނާއެވެ. އަދި މެލޭޝިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް މުޙައްމަދު އަލާމިންއެވެ.
ޑިޕްލޮމޭޓުން ތަމްރީންކުރުމުގެ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މެލޭޝިއާއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. މަރްޔަމް ޝަބީނާއެވެ. އަދި މެލޭޝިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް މުޙައްމަދު އަލާމިން އެވެ.