ENGLISH

28 އޭޕްރީލު 2025

Advertisement

ޅޮހީގެ ފެނާއި ނަރުދަމާގެ މަސައްކަތް އަންނަ އަހަރަށް ނިންމާލެވޭނެ: މިނިސްޓަރު

28 އޭޕްރީލު 2025

|

ޝާމަ ޝުޢައިބު

ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު - ފޮޓޯ: މަޖިލިސް

ނ. ޅޮހީގެ ފެނާއި ނަރުދަމާގެ މަސައްކަތް އަންނަ 2026 ވަނަ އަހަރަށް ނިންމާލެވޭނެ ކަމަށް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާރ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ. 

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވަނީ ނ. ޅޮހީގައި ފެނާއި ނަރުދަމާގެ ނިޒާމުގެ މަސައްކަތް ފެށިގެން ކުރިއަށްދާތާ އެތައް ދުވަހެއްވީއިރު ވެސް، އެ މަސައްކަތް ނިންމާލެވިފައިނުވާ ކަމަށާއި އެ މަސައްކަތުގެ ތެރެއިން ނުނިމި ހުރި މަސައްކަތް ނިމޭނެ ތާރީޚާ ގުޅޭ ގޮތުން މިނިސްޓަރާ ސުވާލުކުރައްވާފައެވެ. 

އެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ ޅޮހީގައި ކުރީ ސަރުކާރުން ކުރިޔަށް ގެންދިޔަ ފެނާއި ނަރުދަމާގެ މަސައްކަތް އެއްބަސްވުމާ އެއްގޮތަށް ކުރިއަށް ނުގެންދިއުމުން 28 މާރޗް 2024 ގައި އެ އެއްބަސްވުން ބާތިލް ކުރެވިފައިވާ ކަމަށެވެ. އަދި މި މަސައްކަތް މިހާރު ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. 

"ނުނިމި ހުރި މަސައްކަތް އެއީ ގާތްގަނޑަކަށް 34 ޕަސެންޓުގެ މަސައްކަތް ނިންމުމުގެ ގޮތުން 13 މާރޗް 2025 ގައި ފެނަކަ ކޯޕަރޭޝަނާއި ވަނީ ހަވާލުކުރެވިފައި. މި މަސައްކަތް ނިންމާލެވޭނީ 2026 އަށް،" - ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު

އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ހަތަރު ވަނަ ދުވަހަށް އެ މަސައްކަތް ނިންމާލެވޭނެ ކަމަށް ވިދާޅުވެ މިނިސްޓަރު ވިދާޅުވީ އަންނަ އަހަރު ރައްޔިތުންނަށް އެ ޚިދުމަތުގެ ބޭނުން ކުރެވޭނެ ކަމަށެވެ. 

ނ. ޅޮހީ ފެނާއި ނަރުދަމާގެ މަސައްކަތަކީ 29 ސެޕްޓެމްބަރު 2019 ވަނަ އަހަރު ކުރީ ސަރުކާރުން ސްޓެޓިކް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެން ކުރިޔަށް ގެންދިޔަ މަޝްރޫއެކެވެ. 

ކިޔުންތެރިންގެ ހިޔާލު