ENGLISH

07 ޖުލައި 2025

Advertisement

ރައީސަށް ބޮޑުވަޒީރުގެ ތަޢުރީފު: އިޒްރޭލު ޕާސްޕޯޓް މަނާކުރުމަކީ ހިތްވަރުގަދަ ނިންމުމެއް

28 އޭޕްރީލު 2025

|

އަޙުމަދު ޙަމީދު

ދެ ޤައުމުގެ ވެރީން ބޭއްވެވި ބައްދަލްވުން

އިސްރާއީލުގެ ޕާސްޕޯޓު މަނާކުރުމަށް ދިވެހި ދައުލަތުން ނިންމެވި ނިންމެވުމަކީ ވަރަށް ހިތްވަރުގަދަ ނިންމެވުމެއް ކަމަށް ވިދާޅުވެ މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެ ނިންމެވުމަށް ވަރަށް ބޮޑަށް ތަޢުރީފު ކުރައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ މެލޭޝިޔާއަށް ކުރައްވާ ރަސްމީ ދަތުރުފުޅު ފެއްޓެވީ އިއްޔެ އެވެ. ދެ ޤައުމުގެ ވެރީން މިއަދު ބޭއްވެވި ޕްރެސް ބްރީފިންގައި ބޮޑުވަޒީރު އަންވަރު ވަނީ އިޒްރޭލްގެ ހައްދުފަހަނައަޅާފައިވާ އަމަލުތަކާ ދެކޮޅުކަން ހާމަކުރުމުގެ ގޮތުން އެ ގައުމުގެ ޕާސްޕޯޓް މަނާކުރަން ނިންމި ނިންމުމަށް ތަޢުރީފު ކުރައްވާފަ އެވެ.

އެއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި ވަރަށް ހިތްވަރުގަދަ ނިންމެވުމެއްގެ ގޮތުގައި ވެސް ސިފަ ކުރެއްވި އެވެ.

ބޮޑުވަޒީރު ވިދާޅުވި ގޮތުގައި އެމަނިކުފާނުގެ ވިސްނުންފުޅަކީ ވެސް އިޒްރޭލަށް ފިޔަވަޅު އެޅުން ކަމަށް ވިދާޅުވި އެވެ. 

މި ބައްދަލްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ފަލަސްތީނުގެ މިނިވަން ކަމަށް ގޮވާލާ ގޮވާލުން ތަކުރާރު ކުރައްވާފަ އެވެ. އަދި ދިވެހީން އަބަދުވެސް ދެމި ތިބޭނީ ފަލަސްތީނުގެ ރައްޔިތުންނާއެކު ކަމަށް ވިދާޅުވި އެވެ.

އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެ ނުވެވޭ ގޮތަށް އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލު ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަސްދީގު ކުރެއްވީ އޭޕްރީލް 15 ވަނަ ދުވަހު އެވެ.

އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރަން މަޖިލީހުން ފާސްކޮށްފައި މި ވަނީ އިޒްރޭލުން ޣައްޒާއަށް ދެމުންދާ ލާއިންސާނީ ހަމަލަތާ ގުޅިގެންނެވެ. އެ ހަމަލާތައް ވަގުތުން ހުއްޓުވައި ދިނުމަށް ރާއްޖޭން އަންނަނީ ދުނިޔެއަށް ގޮވާލަމުންނެވެ.

އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެ ނުވެވޭ ގޮތަށް ފާސްކުރިއިރު އިޒްރޭލު ފާސްޕޯޓް މަނާކޮށްފައިވާ 13 ޤައުމު މިހާރުވެސް އެބަ އޮތެވެ.

ރާއްްޖޭގެ އިތުރުން ޕާސްޕޯޓް މަނާކޮށްފައިވާ ޤައުމުތަކަކީ އަލްޖީރިއާ އާއި ބަންގްލަދޭޝް އާއި ބުރުނާއީ އާއީ އިރާނާއި އިރާޤުގެ އިތުރުން ކުވައިތާއި ލުބްނާނާއި ލީބިއާ އަދި މެލޭޝިޔާ އާއި ޕާކިސްތާނާއި ސައުދިއަރަބިއްޔާ އާއި ސީރިއާ އަދި ޔަމަނެވެ.

ކިޔުންތެރިންގެ ހިޔާލު