ENGLISH
28 އޭޕްރީލު 2025
ހަފުތާގެ ކޮންމެ ދުވަހަކު މިހާރު އުއްދޫއަށް ދަތުރުދެވޭނެ
27 އޭޕްރީލު 2025
|
ދ. އުއްދޫ
ހަފުތާގެ ކޮންމެ ދުވަހަކުވެސް ދ. އަތޮޅު އުއްދޫއަށް މިހާރު ދަތުރުދެވޭނެ ކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ.
ނިލަންދެއަތޮޅު ދެކުނުބުރީ ރައްޔިތުން ދަތުރުދާ ރަށެއްގެ ގޮތުގައި އެ އަތޮޅު އުއްދޫ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހަމަޖައްސަވައި ދެއްވާނެ ކަމަށް ވިދާޅުވީ، އެ އަތޮޅަށް އެ މަނިކުފާނު އެންމެ ފަހުން ކުރެއްވި ރަސްމީ ދަތުރުފުޅުގައި، އެ އަތޮޅު މީދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ދ. އުއްދޫ ދަތުރުދާ ރަށެއްގެ ގޮތުގައި ހަމަޖައްސަވައިދެއްވާ މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސްއާ ޙަވާލުކުރުމާ ގުޅިގެން އެ ރަށް ވަނީ، މި ހިނގާ އެޕްރީލް މަހުގެ 15 ވަނަ ދުވަހު ހުޅުވާލައިފައެވެ. ހަފުތާ ބަންދު ދުވަސްތަކާއި، ސަރުކާރު ބަންދު ދުވަސްތަކުގައި ޕިކްނިކް ދެވޭނެގޮތަށް އޭރު ހުޅުވާލިޔަސް، މިޔަދުން ފެށިގެން ކޮންމެ ދުވަހަކުވެސް އެ ރަށަށް ދަތުރުދެވޭނެ ކަމަށް މިނިސްޓަރު ވަނީ މިއަދު ވިދާޅުވެފައެވެ.
ޕިކްނިކު ދަތުރުގެ ކަންތަކާ ގުޅޭގޮތުން މަޢުލޫމާތު ހޯދުމަށް ގުޅުއްނީ 9108899 / 7777848 ނަންބަރަށެވެ. ދަތުރުދާ ފަރާތްތަކަށް ގިނަގުނަ ޚިދުމަތްތަކެއް އެ ރަށުން ހަމަޖެހޭނެ ގޮތް ހައްދަވައި ދެއްވުމަށް ޓަކައި މިނިސްޓްރީން އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ.