ENGLISH
07 ޖުލައި 2025
މުޒާހަރާކުރާ ޒުވާނުން: އަޑުއައްސަވާތީ އަޅުގަނޑުމެންގެ ރައީސަށް ޝުކުރިއްޔާ
27 އޭޕްރީލު 2025
|
ޒުވާނުންގެ މުޒާހަރާ -- ފޮޓޯ: މިހާރު
މި މަހުގެ 18 ވަނަ ދުވަހު ހިނގި ހާދިސާއާ ގުޅިގެން އިންސާފު ހޯދުމަށް ގޮވާލާ ޒުވާނުން ކުރިއަށް ގެންދާ މުޒާހަރާގައި އެ ޒުވާނުން ދައްކާ ވާހަަތައް އަޑުއައްސަވާތީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ޝުކުރު އަދާކުރާ ކަމަށް މުޒާހަރާގައި އިސްކޮށް ހަރަކާތްތެރިވާ ޒުވާނުން ބުނެފި އެވެ.
މުޒާހަރާތައް ކުރިއަށް ގެންދިއުމުގައި އިސްކޮށް ހަރަކާތްތެރިވާ ދެ ޒުވާނަކު "ޖަވިޔަނި" އޮންލައިނަށް ދިން އިންޓަވިއު އެއްގައި ވަނީ މުޒާހަރާގެ މަޤްސަދާއި މުޒާހަރާ އިންތިޒާމު ކުރާ ފަރާތްތަކާއި ގުޅޭގޮތުން ވާހަކަ ދައްކާފަ އެވެ.
އެ ޒުވާނުން ބުނީ އެއީ އެއްވެސް ސިޔާސީ ޕާޓީއަކާއި އަދި ގޭންގަކާއި ވެސް ގުޅުން އޮތް މުޒާހަރާތަކެއް ނޫން ކަމަށެވެ. އަދި އެއީ ސިޔާސީ ކަމާއި ގުޅުން އޮތް މުޒާހަރާތަކެއް ވެސް ނޫން ކަމަށެވެ.
މުޒާހަރާ ކުރުމުގެ ބޭނުމަކީ އެ ރޭގެ ހާދިސާގެ ހަޤީޤަތް ހާމަކޮށް ދިނުމަށް ގޮވާލާ އިންސާފު ހޯދުމަށް އަޑުއުފުލުން ކަމަށެވެ. އަދި ފުލުހުންގެ މުއައްސަސާ ޒިންމާދާރުކުރުވުން ކަމަށް ބުންޏެވެ.
އެ ޒުވާނުން ބުނީ މުޒާހަރާތައް ސިޔާސީކޮށް ނުފޫޒު ފޯރުވުމަށް ގިނަ ބަޔަކު މަސައްކަތް ކުރާ ކަމަށެވެ. ނަމަވެސް އެ ފުރުސަތު ނުދޭނެ ކަމަށް ބުންޏެވެ. އަދި މުޒާހާރާގެ ބައިވެރީންގެ އަޑު، ރައީސް އައްސަވާކަން ފާހަގަކޮށް އެކަމަށް އެމަނިކުފާނަށް ޝުކުރު އަދާކުރި އެވެ.
"އަޅުގަނޑުމެން ވަރަށް ޝުކުރު އަދާކުރަން ބޭނުންވޭ އަޅުގަނޑުމެންގެ ރައީސަށް. އަޅުގަނޑުމެންގެ ޑިމާންޑްތައް މަޑުމަޑުން އެބަ ފިލްފުލް ކޮށްދޭ،"
އެ ޒުވާނުން ވަނީ މައްސަލަ ބެލުމަށް ޚާއްސަ ކޮމިޝަން އުފެއްދިކަން ފާހަގަކޮށްފަ އެވެ. އަދި އެދުނީ ކުރީ ސަރުކާރުން ހެދި ގޮތަށް ނަތީޖާއެއް ނުނެރެވޭ ކޮމިޝަނަކަށް މި ފަހަރު ވިޔަ ނުދިނުމެވެ.
އެ ޒުވާނުން ވަނީ މުޒާހަރާގެ ބައިވެރީން ދައްކާ ވާހަކަ އަޑުއަހާތީ އެކަމަށް ތަކުރާރުކޮށް ޝުކުރު އަދާކޮށްފައިވެ އެވެ.