ENGLISH

07 ޖުލައި 2025

Advertisement

މިނިސްޓަރު އަމީނުއާ ގުޅުވާ ފަތުރަނީ ދޮގެެއް، ޔުމްނު ވެއްޓުނު ހާދިސާ ހިނގިއިރު އަމީން ރާއްޖޭގައި ނެެތް

27 އޭޕްރީލު 2025

|

އަޙުމަދު ޙަމީދު

މިނިސްޓަރު އަމީން

އޭޕްރީލު މަހުގެ 18 ވަނައަށްވީ ހުކުރުދުވަހުގެ ފަތިހުގެ ވަގުތެއްގައި މާލޭގެ ގެއެއްގެ ނުވަވަނަ ފަންގިފިލާއިން އެގެއާ އިންވެގެން ހުރި ގުދަނުގެ މައްޗަށް ޒުވާނަކު ވެއްޓުނު ހާދިސާ ހިނގިއިރު ޓްރާސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން އެ ގޭގައި އުޅުއްވި ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތައް މިނިސްޓަރު އަމީން ދޮގު ކުރައްވައިފި އެވެ.

ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް އަންހެނަކު ވެއްޓުނު ހާދިސާއާ ގުޅިގެން ބަޔަކު ގަސްތުގައި ދަނީ ދޮގު ވާހަކަތަކެއް ފަތުރަމުންނެވެ. އެެއް ވާހަކައަކީ އެ ހާދިސާއާ ގުޅުން ހުރި އެއް ގެއެއްގައި އަމީން އެެ ރޭ އުޅުއްވި ކަމަށް ބުނާ ވާހަކަ އެކެވެ. އަނެއް ވާހަކަ އަކީ އަންހެން މީހާ ވެއްޓުނު ހ. ފެންޓޯނިއާގޭ ގައި މިނިސްޓަރު އަމީންގެ ބޫޓް ހުރި ކަމަށް ބުނާ ވާހަކަ އެކެވެ. އަދި މި ހާދިސާއާ ގުޅިގެން ފުލުހުން ހިންގާ ތަޙުޤީޤަށް މިނިސްޓަރު އަމީން ނުފޫޒު ފޯރުވަން މަސައްކަތް ކުރެއްވި ކަމަށް ބުނާ ބުނުމެވެ.

މިނިސްޓަރު ވަނީ ހެއްކި ހާމަކުރައްވާ އެކަން ދޮގު ކުރައްވާފަ އެވެ. އެ ހާދިސާ ހިނގިއިރު މިނިސްޓަރު އަމީން ރާއްޖޭގައި ވެސް ވަޑައިގެން ނެތެވެ. އަމީން ހުންނެވީ އައިކާއޯ އިން ގަތަރުގެ ދޯހާގައި ބޭއްވި އައިސީއޭއޯ ފެސިލިޓޭޝަން ކޮންފަރެންސް 2025 ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށެވެ.

އެ ރަސްމިއްޔާތަށް ފަހު ރާއްޖެ ވަޑައިގެންނެވީ އެ ދުވަހުގެ ހާދިސާ ހިނގި ފަހުން ހުކުރު ދުވަހުގެ ހެނދުނު އަށެއްވެސް ޖެހި ފަހުންނެވެ. އެ ދަތުރުފުޅުގެ ޓިކެޓާއި އެ ނޫން މައުލޫމާތުތައް އެމްއެމްޓީވީއަށް ވަނީ ލިބިފަ އެވެ.

މީގެ އިތުރުން ހާދިސާ ހިނގި ގޭގައި މިނިސްޓަރު އަމީން އުޅުއްވާ ކަމަށް ދެކެވޭ ވާހަކަ އަކީވެސް ދޮގެކެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި އެއީ އެއްވެސް ހަޤީޤަތެއް ނެތް ދޮގު ވާހަކަތަކެކެވެ. އެގެއާ މިނިސްޓަރު އަމީނާއި އެއްވެސް ގުޅުމެއް ނެތެވެ.

"މިއީ އަޅުގަނޑާއި ޒައްރެއްގެ މިންވަރުވެސް ގުޅުން އޮތް ކަމެއް. ފުރަތަމަ ކަމަކަށް އަޅުގަނޑު އޭރު ރާއްޖޭގައި ވެސް ނެތިން. އެ ހާދިސާ ހިނގިކަން އެނގުނީ ވެސް ހާދިސާ ހިނގިތާ އެތައް އިރެއްގެ ފަހުން،" މިނިސްޓަރު ވިދާޅުވި އެވެ.

އަދި މި ހާދިސާއާ ގުޅިގެން ފުލުހުން ހިންގާ ތަޙުޤީޤާއި ގުޅިގެން އެއްވެސް ނުފޫޒެއް ފޯރުވުމަށް އެއްވެސް ކަމެއް ކުރައްވާފައިނުވާނެ ކަމުގެ ޔަޤީންކަން ވެސް މިނިސްޓަރު ވަނީ ދެއްވާފަ އެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި އެފަދަ ކަމެއް ކުރައްވަން ޖެހިވަޑައިގަންނަވާވެސް އެއްވެސް ސަބަބެއް ނެތެވެ.

ހުކުރު ދުވަހުގެ ރޭ އަމީން ދިރިއުޅުއްވާ ގޭގައި އެއްވުމެއް އޮތް ކަަން އިސްވެ މިނިސްޓަރު ވަނީ ހާމަ ކުރައްވާފަ އެެވެ. ނަމަވެސް އެއީ މިނިސްޓަރާއި އެއްވެސް ގުޅުމެއް ނެތް ކަމެއް ކަމުގައި ވިދާޅުވި އެވެ. އެ ގެއަކީ މިނިސްޓަރުގެ އެއްބަނޑުއެއްބަފާ އެހެން ބޭފުޅުންގެވެސް ގެކަން ފާހަގަ ކުރައްވާ މިނިސްޓަރު ވިދާޅުވީ އެ ގޭގައި ހިނގާ ކޮންމެ ކަމެއް ހުއްޓުވުމުގެ ބާރެއް ނޯންނާނެ އެމަަނިކުފާނަށް ނެތެވެ. އަދި އެ ރޭގެ އެއްވުން އޮތީ މިނިސްޓަރުގެ ބާރު ހިނގާ ހިސާބެއްގައި ނޫންކަން ވެސް ފާހަގަ ކުރެއްވި އެވެ.

މިނިސްޓަރު އަމީންއާ ގުޅޭގޮތުން އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތައް ބަޔަކު ފަތުރަމުން ދަނީ ސިޔާސީ ގޮތުން އެމަނިކުފާނާއި ދިމާކޮށްލުމުގެ ގޮތުންނެވެ.

ކިޔުންތެރިންގެ ހިޔާލު