ENGLISH
07 ޖުލައި 2025
ހިމާޔަތްކޮށްފައިވާ ބ. ނެލިވަރު ފިނޮޅަށް ހުއްދަ ނެތި އެރުމުން ބޮޑު ޖޫރިމަނާއެއް
27 އޭޕްރީލު 2025
|
ބ. ނެލިވަރު ފިނޮޅު. ހުއްދަ ނުހޯދައި އެރަށަށް އެރުމުން ވަނީ ޖޫރިމަނާކޮށްފަ
ހިމާޔަތްކޮށްފައިވާ ބ. ނެލިވަރު ފިނޮޅަށް ސޮނެވާފުށީގެ މުވައްޒަފުންތަކެއް ހުއްދަ ނެތި އަރައި، އެރަށުގައި ހިންގާފައިވާ އަމަލުތައް ބެލުމަށްފަހު، އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ސޮނެވާފުށި ރިސޯޓުގެ މައްޗަށް ބޮޑު ޖޫރިމަނާއެއްކޮށްފިއެވެ.
އީޕީއޭއިން ބުނީ ސޮނެވާފުށީގެ މުވައްޒަފުންނާއި ފަތުރުވެރިން ހިމެނޭގޮތަށް މިދިޔަ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހު، ހުއްދަ ނެތި އެ ފިނޮޅަށް ގޮސް އަމަލުތަކެއް ހިންގާފައިވާކަމުގެ ރިޕޯޓް ލިބުނު ކަމަށެވެ. މައްސަލަ އީޕީއޭއަށް ހުށަހެޅީ ބ. އަތޮޅު އޭދަފުށީގައި ހިންގަމުން އަންނަ ބަޔޯސްފިއާ ރިޒާވް އޮފީހުންނާއި ފުލުހުންނެވެ. މައްސަލަ ބެލުމުން ނުގަވައިދުން އަމަލުކޮށްފައިވާކަން ފާހަގަވެފައިވާކަމަށް އީޕީއޭއިން ބުނެފައިވެއެވެ.
އީޕީއޭއިން ބުނީ ގުދުރަތީގޮތުން ރައްކާތެރިކޮށް ބަލަހައްޓާ ތަންތަނާބެހޭ ގަވާއިދާ ހިލާފަށް، އެތަނުގައި ސޮނެވާފުށީގެ މުވައްޒަފުން އަމަލުކޮށްފައިވާކަމަށެވެ. އެކަންކަން ބެލުމަށްފަހު ސޮނެވާފުށި ރިސޯޓް ޖޫރިމަނާކުރީ 448،375 ރުފިޔާއިންނެވެ. ޖޫރިމަނާ ފައިސާ ދެއްކުމަށް އީޕީއޭއިން ދީފައިވާ މުއްދަތަކީ އޭޕްރީލް 23 އިން ފެށިގެން 30 ދުވަހެވެ.
ބ. ނެލިވަރު ފިނޮޅު ހިމާޔަތްކުރީ 2023 ވަނަ އަހަރުގެ ނޮވެމްބަރު 9 ވަނަ ދުވަހު އެވެ. ހިމާޔަތްކުރުމާއެކު އެ ސަރަހައްދުގެ ބޭނުން ކުރެވޭނީ ހާއްސަ ހުއްދަތަކެއް ލިބިގެންނެވެ.
އީޕީއޭއިން ވަނީ މައްސަލަ ނިންމުމުގައި ރިއާޔަތްކުރި މުހިއްމު ކަންކަން ހާމަކޮށްފައެވެ. އެގޮތުން އެސަރަހައްދަށް ދިއުމަށްފަހު އަލިވާގޮތަށް ރޭގަނޑު އެ ސަރަހައްދު ދިއްލުމާއި، އެތަނުގެ ދިރުންތަކާއި އާދަކާދައަށް ބުރޫއަރާގޮތަށް އަޑުގަދަކުރުން އަދި އަލިފާން ރޯކުރުން ހިމެނޭކަމަށް އީޕީއޭއިން ވަނީ ބުނެފައެވެ.
އެ މައްސަލައާ ގުޅިގެން ސޮނެވާފުށި ރިސޯޓުން ވަނީ އީޕީއޭއަށް ސިޓީއެއް ފޮނުވައިފައެވެ. ސިޓީގައި ސޮނެވާފުށީގެ ބައެއް މުވައްޒަފުން ނެލިވަރު ފިނޮޅަށް އަރައި ހިންގި އަމަލުތަކަށް އެ ރިސޯޓުން އިއުތިރާފުވެފައި ވާކަމަށް އީޕީއޭއިން ބުނެފައިވެއެވެ.