ENGLISH
07 ޖުލައި 2025
މެލޭޝިޔާއިން ރައީސަށް ހޫނު މަރުހަބާއެއް
27 އޭޕްރީލު 2025
|
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މެލޭޝިޔާއަށް ވަޑައިގަތުމުން، އެޤައުމުން އެމަނިކުފާނަށް މަރުހަބާ ދަންނަވަނީ..ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މެލޭޝިޔާއަށް ވަޑައިގަތުމުން، އެ ޤައުމުން، އެމަނިކުފާނަށް މަރުހަބާއެއް ދަންނަވައިފިއެވެ.
މިއީ އެ މަނިކުފާނު މެލޭޝިއާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. އެމަނިކުފާނު މެލޭޝިޔާއަށް ވަޑައިގަތީ އެ ޤައުމުގެ ބޮޑުވަޒީރު އަންވަރު އިބްރާހިމްގެ ދަޢުވަތަކަށެވެ.
ރައީސް މެލޭޝިއާ އަށް ވަޑައިގަތުމުގެ އެ ގައުމުގެ ސަރުކާރުގެ އިސްވެރިންގެ ވަފުދަކުން ވަނީ ރައީސަށް މަރުޙަބާ ދަންނަވާފައެވެ. އޭގެ ތެރޭގައި، އެޤައުމުގެ ޞިއްޙީ ވަޒީރާއި މެލޭޝިޔާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ސަފީރު ވެސް ހިމެނެއެވެ.
ރައީސް އޮފީހުން މަޢުލޫމާތުދޭ ގޮތުގައި، މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އާއި މެލޭޝިއާގެ ބޮޑުވަޒީރު ބައްދަލުކުރައްވައި ރަސްމީ މަޝްވަރާތައް ކުރިއަށް ގެންދަވާނެއެވެ. އަދި މި ބައްދަލުވުމުގައި، އެއް ޤައުމުން އަނެއް ޤައުމަށް އެއްބާރުލުން ދިނުމާ ގުޅޭގޮތުން މަޝްވަރާކުރައްވައި، ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ މައްސަލަތަކާމެދު ޚިޔާލު ބަދަލުކުރައްވައި، ދެ ޤައުމުގެ ބައިވެރިވުން އިތުރުކުރެއްވޭނޭ އިތުރު މަގުތައް ހޯއްދެވުމާ ގުޅޭ ގޮތުން މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން، މި ދަތުރުފުޅުގައި، އިޤްތިޞާދީ ތަރައްޤީ އާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން އިންތިޒާމުކުރާ ބިޒްނަސް ފޯރަމްގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވައި، މެލޭޝިއާގެ އިސް ވުނޭރުންނާ ބައްދަލުކުރެއްވުމަށްވެސް ހަމަޖެހިފައިވާއިރު، އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އޮފް މެލޭޝިއާ (އައި.އައި.ޔޫ.އެމް) އަށް ޒިޔާރަތްކުރައްވައި އެ ޔުނިވަރސިޓީގައި އެ މަނިކުފާނު ތަޤުރީރު ކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންގެ ޙާލަތު އޮޅުންފިލުއްވައި، އެމީހުންގެ މަސްލަޙަތުތައް ދެނެގަތުމަކީ ރައީސުލްޖުމްހޫރިއްޔާ ވަރަށް ޚާއްޞަ ސަމާލުކަމެއް ދެއްވާ ކަމެއްކަން ފާހަގަކޮށް ރައީސް އޮފީހުން އިތުރަށް ބުނީ، މިދަތުރުފުޅުގައި، މެލޭޝިއާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ބައްދަލުކުރައްވައި އެމީހުންގެ ކަންބޮޑުވުންތައް އަޑުއައްސަވައި، އެ ފަރާތްތަކަށް ދިމާވާ ގޮންޖެހުންތަކުން އަރައިގަނެވޭނޭ ގޮތްތަކެއް ހޯއްދަވައިދެއްވުމަށާއި، އެ ފަރާތްތަކަށް އެއްބާރުލުން ދެއްވޭނޭ ގޮތްތައް ހޯއްދެވުމާމެދު މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މެލޭޝިޔާއަށް ވަޑައިގަތުމުން، އެޤައުމުން އެމަނިކުފާނަށް މަރުހަބާ ދަންނަވަނީ. ފޮޓޯ: ރައީސް އޮފީސް
މިދަތުރުފުޅުގައި، ރައީސްގެ އަރިހުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި ސަރުކާރުގެ އިސްވެރިންގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.
ރައީސް އޮފީހުން ބުނީ، މި ދަތުރުފުޅުގެ ބޭނުންފުޅަކީ، ދެ ޤައުމުގެ ދެމެދުގައިވާ ޒަމާންވީ ބަދަހި ގުޅުން އިތުރަށް ހަރުދަނާކުރުމެވެ. މީގެ އިތުރުން، މި ދަތުރުފުޅުގައި ދެ ޤައުމުގެ ލީޑަރުންގެ ހާޒިރުގައި މުހިންމު ދާއިރާތަކުން އެއްބާރުލުންދިނުމާ ގުޅުންހުރި ފަހުމުނާމާތަކުގައި ސޮއިކުރައްވައި، ނޯޓް އެކްސްޗޭންޖްތައް ކުރިއަށްގެންދިއުމަށް ތާވަލުކޮށްފައިވެއެވެ.