ENGLISH
07 ޖުލައި 2025
ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު އަަށްލައްކައިން މައްޗަށް
27 އޭޕްރީލު 2025
|
ފަތުރުވެރިންތަކެއް މަތިންދާބޯޓުން ފައިބަނީ، ފޮޓޯ: ފައިލް
މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އަށް ލައްކަ ފަހަނައަޅާފައިވާކަން ޓޫރިޒަމް މިނިސްޓްރީން ކޮންމެ ދުވަހަކު އާއްމުކުރ ފަތުރުވެރިކަމާ ބެހޭ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު ޖަނަވަރީ އެކަކުން ފެށިގެން އޭޕްރީލު މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް 806،110 ފަތުރުވެރިން އައިސްފައިވެއެވެ. އަދި އޭޕްރީލު މަހުގެ އެއްވަނަ ދުވަހާއި 26 ވަނަ ދުވަހާ ދެމެދުގައި އެވެރެޖުކޮށް ދުވާލަކު 6،680 ފަތުރުވެރިން އައިސްފައިވާއިރު އެ މުއްދަަތުގައި ޖުމްލަ 173،692 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ.
މިނިސްޓްރީގެ ހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން 566،206 ފަތުރުވެރިން އައީ ރިސޯޓުތަކަށެވެ. އެއީ ޖުމްލަ ފަތުރުވެރިންގެ 70.2 އިންސައްތައެވެ. ގެސްޓުހައުސްތަކަށް އައީ 195،066 ފަތުރުވެރިން ނުވަތަަ ޖުމްލަ ފަތުރުވެރިންގެ 24.2 އިންސައްތައެވެ.
ސަަފާރީ އުޅަނދުފަހަރަށް 20،343 ފަތުރުވެރިން އައިސްފަައިވާއިރު، ހޮޓާތަކަށް 23،968 ފަތުރުވެރިން އައިސްފައިވާކަން ހިސާބުތަކުން ފެނެއެވެ.
މިއަހަަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަައީ ޗައިނާއިންނެވެ. އެގައުމުން 87،731 ފަތުރުވެރިން އައިސްފައިވާއިރު، ދެވަނައަށް އެންމެ ގިނައިން ފަތުުރުވެރިން އައިސްފައިވަނީ އިނގިރޭސިވިލާތުންނެވެ. އެ ގައުމުން 85،690 ފަތުރުވެރިން އައެވެ. ތިންވަނައަށް އެންމެ ގިނައިން ފަތުރުވެރިން އައި ރަޝިޔާއިން ޖުމްލަ 82،833 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރިއެވެ.
ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް 61،375 އެނދު އަންނަނީ އޮޕަރޭޓުކުރަމުންނެވެ. އެއީ 172 ރިސޯޓެއްގައި އޮަޕަރޭޓުކުރާ 42،085 އެނދާއި، 15 ހޮޓަލެއްގެ 2،038 އެނދާއި، 822 ގެސްޓުހައުސްގެ 14،972 އެނދުގެ އިތުރަށް 157 ސަފާރީ އުޅަނދުގެ 3،180 އެނދެވެ.
އަހަރުގެ ދެވަނަ ކުއާޓާގެ ފުރަތަމަ މަސް ނިމުމުގެ ކުރިން އަށް ލައްކަ ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާއިރު މި އަހަރު ސަރުކާރުން ކަނޑައަޅާފައިވާ އަމާޒަަކީ 2.3 މިލިއަން ފަތުރުވެރިން ގެނައުމެވެ.
އެ އަމާޒަށް ވާސިލުވުމަށްޓަކައި ފަތުރުވެރިކަން އެންމެ ދަށް ދުވަސްވަރު ރާއްޖެއަށް އަންނަ ފަތުރުވެރިން އިތުރުކުރުމަށް ސަރުކާރުން އަންނަނީ ހާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ.