ENGLISH
07 ޖުލައި 2025
ބީއެމްއެލް އިން ކޮމާޝަލް ޕްރޮޕަޓީ ފައިނޭންސިން ފެސިލިޓީ ތައާރަފްކޮށްފި
27 އޭޕްރީލު 2025
|
ބީއެމްއެލް އިން މިދިޔަ މާޗް މަހު ހއ. އުތީމުގައި އޭޓީއެމް ހިދުމަތް ދިނުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. އެ ބޭންކުން މިއަދު ވަނީ އައު ފައިނޭންސިން ފެސިލިޓީއެއް ހުޅުވާލާފަ. ފޮޓޯ: ބީއެމްއެލް
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކޮމާޝަލް ޕްރޮޕަޓީ ފައިންނޭސިން ފެސިލިޓީއެއް މިއަދު ތައާރަފްކޮށްފިއެވެ.
ބީއެމްއެލް އިން މިއަދު އާއްމުކުރި ބަޔާނުގައި ބުނީ އަލަށް ތައާރަފްކުރި ފެސިލިޓީގެ ދަށުން ބިމާއި ވިޔަފާރީގެ ބޭނުންތަކަށާއި އިމާރާތާއި ގަރާޖު ގަތުމަށް ފައިނޭންސިން ލިބޭނެ ކަމަށެވެ.
"ކޮމާޝަލް ޕްރޮޕަޓީ ފައިނޭންސިން ފެސިލިޓީ ފަރުމާކޮށްފައިވަނީ އޮފީސް ޖާގައާއި ގުދަން ފަދަ ތަންތަން ހޯދުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދީގެން ވިޔަފާރިތައް ބާރުވެރިކުރުވުމަށް. މި ފައިނޭންސިންއާ އެކު ވިޔަފާރިތަކަށް ކުރިއެރުމާއި ހިންގުމުގެ ޤާބިލްކަން އިތުރުކުރުމަށް އިންވެސްޓްކުރެވޭނެ އައު މަގުތަކެއް ހުޅުވައިދޭނެ" - ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަރީފް
އަލަށް ހުޅުވާލި ފައިނޭންސިން ފެސިލިޓީގެ ދަށުން 30 މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. އެ ލޯނުތައް 12 އިންސައްތައިގެ ރޭޓެއްގައި ދޭއިރު ގްރޭސް ޕީރިއަޑެއް ހިމެނޭނެކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ. އަދި، ލޯނު އަނބުރާ ދެއްކުމުގައި ލުއިފަސޭހަ ގޮތްތަކެއް ހަމަޖެހޭނެކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ.
ކޮމާޝަލް ޕްރޮޕަޓީ ފައިންނޭސިން ފެސިލިޓީ ފަރުމާކޮށްފައިވަނީ ވިޔަފާރި ފުޅާކުރުމަށާއި، އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓަށް އަދި ދެމެހެއްޓެނިވި ކުރިއެރުމަށް ބޭނުންވާ މާލީ ހައްލުތައް ފަސޭހައިން ލިބޭނެ ގޮތަށް ކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ.
ކޮމާޝަލް ޕްރޮޕަޓީ ފައިނޭންސިންގެ އާ ފެސިލިޓީއެއް ބީއެމްއެލް އިން މިއަދު ހުޅުވާލިއިރު، ވިޔަފާރިތައް ތަރައްޤީކުރުމަށް ބީއެމްއެލް އިން އަންނަނީ ލޯނު ފައިނޭންސިންއާއި އެސްއެމްއީ ފައިނޭންސިންގެ އިތުރުން ޓްރޭޑް ފައިނޭންސިން އަދި ވަރކިން ކެޕިޓަލް ފެސިލިޓީތައް ފޯރުކޮށްދެމުންނެވެ.