ENGLISH

07 ޖުލައި 2025

Advertisement

އަންހެނުންގެ ފުރިހަމަ ބައިވެރިވުން ނެތި ޤައުމެއް ބިނާނުކުރެވޭނެ: މެޑަމް ސާޖިދާ

27 އޭޕްރީލު 2025

|

ޢަލީ ޝަހީމް

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަދި ޗީފް ގައިޑް، މެޑަމް ސާޖިދާ މުޙައްމަދު ޖަލްސާގައި ވާހަކަފުޅުދައްކަވަނީ. ފޮޓޯ: ރައީސް އޮފީސް

އަންހެނުންގެ ފުރިހަމަ ބައިވެރިވުން ނެތި ޤައުމެއް ބިނާކުރުމަކީ ކުރެވޭނެކަމެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ. 

ޤައުމު ބިނާކުރުމުގައި އަންހެނުންގެ ދައުރުގެ މުހިއްމުކަމާއި ގުޅޭގޮތުން މެޑަމް ސާޖިދާ ވާހަކަފުޅުދެއްކެވީ، އިއްޔެ އެކަމަނާ ޝަރަފުވެރިކޮށްދެއްވި މޯލްޑިވްސް ގަރލްގައިޑްސް އެސޯސިއޭޝަންގެ 2024 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައެވެ. 

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަދި ޗީފް ގައިޑް، މެޑަމް ސާޖިދާ މުޙައްމަދު ޝަރަފުވެރިކޮށްދެއްވި  ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އެކަމަނާ ވިދާޅުވީ ޤައުމެއް ކާމިޔާބުވުމުގައި އަންހެނުންގެ ޙަޤީގީ ދައުރު މުހިއްމު ކަމަށެވެ. 

"އަންހެނުންގެ ފުރިހަމަ ބައިވެރިވުން ނެތި ޤައުމެއް ބިނާކުރުމަކީ ކުރެވޭނެކަމެއް ނޫން. އަންހެނުންގެ ޙަޤީޤީ ދައުރާ ނުލައި މުޖުތަމަޢެއް އިޞްލާޙުކުރުމަކީ ވެސް، އެއް ގޮތަކަށް ވެސް ކާމިޔާބުކުރެވޭނެ ކަމެއް ނޫން" - ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަދި ޗީފް ގައިޑް، މެޑަމް ސާޖިދާ މުޙައްމަދު

ޖަލްސާގައި މެޑަމް ސާޖިދާ މުޙައްމަދު ވަނީ އަންހެނުން ދީނީ ގޮތުން ހޭލުންތެރި، ދީންވެރި ބަޔަކަށްވުމަށް ބާރުއަޅުއްވައި ވާހަކަފުޅުދައްކަވައިފައެވެ. އަދި، ދިވެހި އަންހެނުން ޤައުމީ ރޫހު ދިރުވާ ބަޔަކަށް ވުމަށާއި، ޒަމާނުގެ ޢިލްމުތަކާއި ފަންނުތަކަށް ލޯހުޅުވިފައިވާ އެކަންކަމަށް އަހުލުވެރި ބަޔަކަށްވުމަށް މެޑަމް ސާޖިދާ މުޙައްމަދު ބާރުއެޅުއްވިއެވެ. ދިވެހި މުޖުތަމަޢުގައި އަންހެނުން އިސްނަގައިގެން އިސްރޯލެއް އަދާކުރެއްވުމަށްވެސް އެކަމަނާ ވަނީ އިލްތިމާސްކުރައްވާފައެވެ. 

ޖަލްސާގައި މެޑަމް ސާޖިދާ މުޙައްމަދު އިތުރަށް ވިދާޅުވީ ގަރލްގައިޑްސް ހަރަކާތަކީ ދިވެހީންގެ ދިރިއުޅުމުގެ ތެރޭގައި އޮތް ރަނގަޅު އިޖުތިމާޢީ އެތައް ސިފަތަކެއް ރަސްމީ ގޮތެއްގައި ދަމަހައްޓައިދޭ ވިޔުގައެއްކަމަށާއި، ދިވެހީންގެ ރީތި ސަގާފަތާއި އާދަކާދައަށް ދިރުންދޭ ބައިވެރިއެއް ކަމަށެވެ. އަދި، ގަރލްގައިޑްސް ހަރަކާތް ބުނެދެނީ ކޮންމެ އަގަކީ ފައިސާއިން ލިބޭ އަގެއް ނޫންކަމަށާއި، ގަރލްގައިޑްސް ހަރަކާތުން އިންސާނީ ކަރާމާތުގެ އަގުގެ މަތިވެރިކަން ދަސްކޮށްދޭކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަދި ޗީފް ގައިޑް، މެޑަމް ސާޖިދާ ވަނީ މޯލްޑިވްސް ގަރލްގައިޑްސްގެ ވެބްސައިޓް އިފްތިތާޙުކޮށްދެއްވާފައެވެ. އަދި އެކަމަނާ ވަނީ ގަރލްގައިޑްސް އެސޯސިއޭޝަނަށް 20 އަހަރާއި 25 އަހަރުގެ ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވި ފަރާތްތަކަށް ސެޓްފިކެޓާއި ބެޖު ހަވާލުކޮށްދެއްވާފައެވެ. އަދި، އަލަށް ޗީފް ކޮމިޝަނަރގެ މަޤާމާ ހަވާލުވެވަޑައިގެންނެވި ޢާއިޝަތު ނަޝީދާއަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަދި ޗީފް ގައިޑް ވަނީ ސެޓްފިކެޓް ހަވާލުކޮށްދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު