ENGLISH
07 ޖުލައި 2025
ރައީސް ވިދާޅުވީ ދަތުރުފުޅުން އިންވެސްޓްމެންޓުގެ ގިނަ ދޮރުތައް ހުޅުވޭނެ ކަމަށް
27 އޭޕްރީލު 2025
|
މެލޭޝިޔާއަށް ފުރާވަޑައިގަތުމުގެ ކުރިން ރައީސް ސަލާމްކުރައްވަނީ. ފޮޓޯ: ރައީސް އޮފީސް
ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މެލޭޝިޔާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ރާއްޖެއަށް އިންވެސްޓްމެންޓުގެ ގިނަ ދޮރުތަކެއް ހުޅުވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.
އެ ގައުމުގެ ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ ދަޢުވަތަކަށް މެލޭޝިޔާއަށް ފުރާވަޑައިގެންނެވުމުގެ ކުރިންް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މީޑިއާއާއި ވާހަކަދައްކަވަމުން ރައީސް ވަނީ މި ދަތުރުފުޅުގެ ސަބަބުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.
މި ދަތުރުފުޅުގައި، އިގްތިސޯދީ ތަރައްގީ އާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން އިންތިޒާމުކުރާ ބިޒްނަސް ފޯރަމްގައި ބައިވެރިވެވަޑައިގަންނަވައި، މެލޭޝިއާގެ އިސް ވުނޭރުންނާ ރައީސް ބައްދަލުކުރައްވާނެ އެވެ. އެގޮތުން، މި ފޯރަމްގެ ތެރެއިން ރާއްޖޭގައި އިންވެސްޓުކުރަން ހުޅުވިފައި އޮތް ދާއިރާތަކާއި ގުޅޭ މައުލޫމާތު ތަފްސީލީ ގޮތެއްގައި ލިބިގެންދާނެ ކަމަށެވެ.
"އަޅުގަނޑުމެން އެބަ ބާއްވަން މިސާލަކަށް ވިޔަފާރިވެރިންނަށް އޮންނަ ބިޒްނަސް ފޯރަމެއް ވެސް. އިންވެސްޓްމެންޓް އޮޕޮޗުނިޓީޒްތައް ހުރި ގޮތް މި ދަތުރުގައި މި އޮންނަ ފޯރަމްގައި ކިޔާދެވިގެންދާނެ" ރައީސް ވިދާޅުވި އެވެ.
ރައީސް ގަބޫލުކުރައްވާ ގޮތުގައި މި ދަތުރުފުޅާ އެކު ރާއްޖެއަށް އިންވެސްޓްމެންޓުގެ ގިނަ ދޮރުތަކެއް ހުޅުވޭނެ އެވެ.
މިދަތުރުފުޅުގައި، މެލޭޝިއާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ބައްދަލުކުރައްވައި އެމީހުންގެ ކަންބޮޑުވުންތައް އަޑުއައްސަވައި، އެ ފަރާތްތަކަށް ދިމާވާ ގޮންޖެހުންތަކުން އަރައިގަނެވޭނޭ ގޮތްތަކެއް ހޯއްދަވައިދެއްވުމަށާއި، އެ ފަރާތްތަކަށް އެއްބާރުލުން ދެއްވޭނޭ ގޮތްތައް ހޯއްދެވުމާމެދު މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ހަމައެއާއެކު، އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އޮފް މެލޭޝިއާ (އައި.އައި.ޔޫ.އެމް) އަށް ޒިޔާރަތްކުރައްވައި އެ ޔުނިވަރސިޓީގައި އެ މަނިކުފާނު ތަޤުރީރު ކުރައްވާނެއެވެ.