ENGLISH
07 ޖުލައި 2025
ޒުވާނުންގެ ކަންބޮޑުވުންތަކުގެ ނާޖާއިޒު ފައިދާ ނެގިޔަނުދިނުމަށް ރައީސް އިލްތިމާސްކުރައްވައިފި
27 އޭޕްރީލު 2025
|
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، ފޮޓޯ: ރައީސް އޮފީސް
ޒުވާނުންގެ ހަގީގީ ކަންބޮޑުވުންތަކާއި އުދާހުގެ ނާޖާއިޒު މަންފާ ހޯދުމުގެ ފުރުސަތު އެއްވެސް ބަޔަކަށް ނުދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ޒުވާނުންނަށް އިލްތިމާސްކުރައްވައިފިއެވެ.
ރަސްމީ ދަތުރުފުޅެއްގައި މެލޭޝިޔާއަށް ފުރާވަޑައިގަތުމުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަވަމުން، ހިނގަމުންދާ އޭޕްރީލު މަހުގެ 18 ވަނަ ދުވަހު މާލޭގެ އިމާރާތެއްގެ ފުރާޅު މައްޗަށް ޒުވާނަކު ވެއްޓިފައި އޮއްވައި ފެނުނު މައްސަލައާ ގުޅިގެން ޒުވާނުން ފާޅުކުރަމުންދާ ކަންބޮޑުވުންތަކަކީ ހަގީގީ ރަނގަޅު ކަންބޮޑުވުންތަކެއްކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެކަންބޮޑުވުންތައް އަޑުއައްސަވާނެ ކަމުގެ ޔަގީންކަންވެސް އެމަނިކުފާނު ދެއްވިއެވެ.
އިތުރަށް އެމަނިކުފާނަކީ ރައްޔިތުން ވޯޓު ދީގެން ރައީސްކަމަށް އިންތިހާބުކޮށްފައި ހުރި ރައްޔިތުންގެ ހާދިމެއްކަން ފާހަގަކުރައްވަމުން އިންސާފު ގާއިމުކުރެއްވުމުގައި އެއްވެސް މީހަކަށް އެމަނިކުފާނުގެ މައްޗަށް ނުފޫޒު ފޯރުވުމުގެ ފުރުސަތެއް ނުދެއްވާނެ ކަމަށެވެ. ގައުމުގެ ހައްގުގައި އިންސާފު ގާއިމުކޮށް ހަމަޖެހުމާއި ސުލްހަމަސަލަސްކަމާއި އިސްތިގުރާރު ނެގެހެއްޓުމުގައި އަޅުއްވަންޖެހޭ ފިޔަވަޅުތައް އަޅުއްވަމުންގެންދަވާނެކަމަށް ވިދާޅުވިއެވެ.
އޭޕްރީލު 18 ވަނަ ދުވަހު ހިނގި ހާދިސާއާ ގުޅިގެން އެކަމުގެ ތަހުގީގު ފުލުހުން ހިންގަމުން އައި ގޮތާމެދު ޒުވާނުން ކަަންބޮޑުވުން ފާޅުކުރަމުންދާ ދިއުމަށް އިޝާރާތްކުރައްވައި ތަކުރާރުކޮށް ރައީސް ވިދާޅުވީ ޒުވާނުންގެ ކަންބޮޑުވުންތަކީ "ޖެނުއައިން" ހައްގު ކަންބޮޑުވުންތަކެއް ކަމަށެވެ.
އެއާއެކު ޒުވާނުންގެ ހައްގު ކަންބޮޑުވުންތަކާއި، އެ ކުދިންގެ ހިތުގައި އުފެދިފައިވާ އިހުސާސްތަކާއި ޝުއޫރުތަކުގެ ނާޖައިޒު މަންފާ ނެގުމުގެ ފުރުސަތު އެއްވެސް ބަޔަކަށް ނުދިނުމަށް ޒުވާނުންނަށް ރައީސް އިލްތިމާސްކުރެއްވިއެވެ. އަދި ޒުވާނުންގެ ހައްގު ކަންބޮޑުވުންތަކާއި އުދާސްތަކުގެ ނާޖާއިޒު މަންފާ ނަގައިގެން ގައުމުގައި އޮތް ހަމަޖެހުން ނަގަައިލުމުގެ ފުރުސަތު ނުދިނުމަށް އެދިވަޑައިގަތުމާއެކު، ޒުވާނުންގެ އިހުސާސްތައް ބޭނުންކޮށްގެން ގައުމުގައި ހަމަނުޖެހުން އުފެއްދުމަށް ސިޔާސީ ބަައެއް ފަރާތްތަކުން މަސައްކަތްކުރާކަން ފާހަގަކުރެވިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
"މިހާރު ފެނިގެން އެބަދޭނޫންހޭ، ތިކުދިންގެ ޝުއޫރުތަކުގެ ބޭނުންހިފައިގެން ގައުމުގައި ހަލަބޮލިކަން އުފައްދަން އުޅޭކަން އެބަފެނޭ ނޫންހޭ. ގައުމުގައި ހަމަޖެހުން އުފެއްދުމަށް އެއްވެސް ފަރާތަކުން ފުރުސަތު ނުދޭށޭ. ފަރުދީ ގޮތުންވެސް ޖަމާއީ ގޮތުންވެސް ކޮންމެ މީހަކުވެސް ބޭނުންވާނީ ގައުމުގައި ހަމަޖެހުން އޮތުމަށޭ ދަންނަވާލަން ބޭނުންވަނީ،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކަންކަން އަޑުއެއްސެވުމުގައި ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށާއި، ކިތައްމެ ބޮޑު ހިތްހަމަނުޖެހުމެއް ނަމަވެސް އަޑުއެއްސެވުމަކީ އެމަނިކުފާނަށް އުދަގޫކަމެއް ނޫންކަމަށާއި، ކަމަކާމެދު ހިތްހަމަނުޖެހުމެއް އޮތަސް، އަދި ސިޔާސަތަކާ ދެކޮޅުވިޔަސް އެ ހުރިހާ ވާހަކައެއް އަޑުއައްސަވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.