ENGLISH

07 ޖުލައި 2025

Advertisement

ބޭނުންވަނީ އިންސާފު ގާއިމުކުރަން، ކޮމިޝަނުން ރަނގަޅު ތަހުގީގެއް ހިންގާނެ: ރައީސް

27 އޭޕްރީލު 2025

|

ޝިފްޒާން އަޙްމަދު

މެލޭޝިޔާއަށް ފުރާވަޑައިގަތުމުގެ ކުރިން ނޫސްވެރިންނަށް ރައީސް ބަސްދީގަތުމެއް ދެއްވަނީ، ފޮޓޯ: ރައީސް އޮފީސް

ހިނގަމުންދާ އޭޕްރީލު މަހުގެ 18 ވަނަ ދުވަހު މާލޭގެ ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮތް ޒުވާނާ ވެއްޓުނު ހާދިސާގައި ބޭނުންފުޅުވަނީ އިންސާފު ގާއިމުކުރެއްވުމަށް ކަމަށާއި، އެ މައްސަލަ ތަހުގީގުކުރުމަށް އުފެއްދެވި ރިޔާސީ ކޮމިޝަނުން ރަނގަޅު އެކަށީގެންވާ އިންސާފުވެރި ތަހުގީގެއް ހިންގާނެކަމުގެ ޔަގީންކަން އެބައޮތްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

މެލޭޝިޔާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ފުރާވަޑައިގަތުމުގެ ކުރިން ދައުލަތުގެ މީޑިޔާ ޕީއެސްއެމްއަށް ދެއްވި ބަސްދީގަތުމެއްގައި ރައީސް ވިދާޅުވީ އެއްވެސް ރައްޔިތަކާމެދު ތަފާތުކުރެއްވުމަކީ އަދި އަނިޔާވެރިވެވަޑައިގަތުމަކީ އެމަނިކުފާނު ކުރައްވާނެ ކަމެއް ނޫންކަމަށާއި، މި މައްސަލާގައިވެސް ފުރަތަމަ ދުވަހުން ފެށިގެންވެސް އެމަނިކުފާނު ބޭނުންފުޅުވީ ކަމުގެ ހަގީގަތް ހޯއްދަވައި އިންސާފު ގާއިމުކުރެއްވުން ކަމަށެވެ. 

މި މައްސަލާގައި ކަން ހިނގި ގޮތް ފޮރުވާކަމަށް ކުރެވޭ ތުހުމަތުތަކަށާއި، އެކަމާ ގުޅިގެން ޒުވާނުން ފާޅުކުރަމުންދާ ކަންބޮޑުވުންތަކަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވީ ޒުވާނުންގެ ކަންބޮޑުވުންތަކަކީ ހަމަ ހަގީގަތުގައިވެސް ރަނގަޅު ހަގީގީ ކަންބޮޑުވުންތަކެއް ކަމަށެވެ. ޒުވާނުންގެ އެ ކަންބޮޑުވުންތައް އަޑުއެއްސެވުމަކީ އެމަނިކުފާނަށް މުހިއްމު ކަމެއްކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. 

"އަޅުގަނޑު އަބަދުވެސް ބޭނުންވަނީ މިކަމުގައިވެސް އަދި މިހެން ދިމާވާ ކޮންމެ ކަމެއްގައިވެސް އިންސާފު ގާއިމުކޮށްދޭން. ކުށްކުރި ފަރާތަކީ ކޮބައިކަން ދެނެގަނެ އެ ފަރާތަކަށް، އެއީ ކޮންމެ ފަރާތަކަށް ވިޔަސް، ގާނޫނުއަސާސީއާއި ގާނޫނުގައިވާ ގޮތުގެ މަތިން، އޮންނަ އުސޫލުގެ ތެރެއިން އޮންނަ އަދަބެ ދިނުން. އެއްވެސް މީހެއް އަޅުގަނޑަށް މުހިއްމެއް ނޫން އެ އިންސާފު ގާއިމުކުރުމުގައެއް،" ރައީސް ވިދާޅުވިއެވެ. 

މި މައްސަލަ ތަހުގީގުކުރުމަށް އެމަނިކުފާނު އުފެއްދެވި ރިޔާސީ ކޮމިޝަނަށް ގިނަ ބާރުތަކެއް ދެއްވާފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެ ކޮމިޝަނުން ރަނގަޅު މަސައްކަތްތަކެއްކޮށް އިންސާފުވެރި ތަހުގީގެއް ކުރިއަށްގެންދާނެކަމުގެ ޔަގީންކަން އެމަނިކުފާނަށް އޮތް ކަމަށެވެ. 

"އެއްވެސް ކަހަލަ ހުރަހެއް ނޯންނާނެ ހަގީގަތް ހޯދުމުގައި ނޫނިއްޔާ ބަލަންޖެހޭ ކަމެއް ބެލުމުގައި. ހުރަހެއް ކުރިމައްޗެއްވެސް ނުކުރެވޭނެ. ސުވާލުނުކުރެވޭނެ ފަރާތެއް ނުހުންނާނެ ޓަކި ނުޖެހޭނެ ދޮރެއް ނޯންނާނެ،" ރައީސް ވިދާޅުވިއެވެ. 

ބޭރުގެ ފަރާތްތަކުން ހޯދަންޖެހޭ އެހީތެރިކަން ހޯދުމުގެ ބާރުވެސް ކޮމިޝަނަށް ދެވިފައިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެމަނިކުފާނު ބޭނުންފުޅުވަނީ ރަނގަޅު އިންސާފުވެރި ތަހުގީގެއް ހިންގައި މި މައްސަލާގައި އުފެދިފައިވާ ހުރިހާ ސުވާލަކަށްވެސް ޖަވާބު ލިބުން ކަމަށެވެ. 

"އަޅުގަަނޑު ބޭނުންވަނީ ވަރަށް ދެފުށް ފެންނަ ގޮތެއްގައި ވަރަށް ޒިންމާދާރު ގޮތެއްގައި މި މައްސަލަ ބަލައިނިމެން. އަޅުގަނޑުމެންގެ ތެރޭގައި އުފެދޭ ސުވާލުތަކަކީ ޖަވާބު ލިބެންޖެހޭ ސުވާލުތަކެއް. ހަމަ ހުރިހާ ކަމެއް ސާފުވެގެންދާންޖެހޭނެ،" ރައީސް ވިދާޅުވިއެވެ. 

މިއަދުވެސް ރައީސް ތަކުރާރުކުރެއްވީ ރާއްޖޭގައި ހަމަޖެހުން އޮތުމާއި އަދުލުއިންސާފު ގާއިމުވެފައި އޮތުމާއި، ރާއްޖޭގައި ހަމަޖެހުމާއި ސުލްހަވެރިކަން އޮތުމަކީ އެމަނިކުފާނު ބޭނުންފުޅުވާ ގޮތްކަމަަށާއި، އެކަންކަން ގާއިމުކުރުމުގައި އެމަނިކުފާނަަށް ހުރަހަކަށްވާނެ އެއްވެސް މީހަކު ނުހުންނާނެ ކަމެވެ. 

އަދި އެމަނިކުފާނު ޖަވާބުދާރީވެވަޑައިގަންނަވާނީ ހަމައެކަނި ރައްޔިތުންނަށްކަން ކަށަވަރުކޮށްދެއްވަމުން ރައީސް ވިދާޅުވީ ކުރިއަށް އޮތް ތަނުގައިވެސް އެއްވެސް މީހަކަށް އެމަނިކުފާނަށް ނުފޫޒު ނުފޯރުވޭނެ ކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު