ENGLISH
06 ޖުލައި 2025
ފާއިތުވި މަސްތަކުގެ ރައީސްގެ "ޕްރޯ" ނިންމެވުންތައް
02 މޭ 2025
|
ރައީސް ޑރ. މޫޙައްމަދު މުޢިއްޒު އަތޮޅުތެރޭގެ ރަށަކަށް ވަޑައިގަތުން -- ފޮޓޯ/ ރައީސް އޮފީސް
ފާއިތުވި ހަ މަސްދުވަސް ވެގެން ގޮސްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ދުރުވިސްނުންފުޅާއެކު، ސިޔާސީގޮތުން މުހިންމު ނިންމެވުންތަކެއް ނިންމެވި ހަ މަސްދުވަހަށެވެ. ރައީސުލްޖުމްހޫރިއްޔާ މިހާތަނަށް ރައްޔިތުންނަށް ވެވަޑައިގަންނަވާ ވަޢުދުތަކަކީ ރައްޔިތުންގެ ސަމާލުކަން ހޯއްދެވުމަށް ވިދާޅުވާ ބަސްފުޅުތަކެއް ނޫންކަން އެމަނިކުފާނު ގެންދަވަނީ ސާބިތު ކޮށްދެއްވަމުންނެވެ.
ފާއިތުވެދިޔަ ހަ މަސް ދުވަހުގެ ތެރޭގައި، ރާއްޖޭގެ ރައްޔިތުންގެ ފުދުންތެރިކަން އިތުރުކޮށްދެއްވުމަށާއި މާލީ އަދި އިޤްތިޞާދީ ހާލަތު ރަނގަޅުކުރެއްވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިވަނީ މުހިންމު ނިންމެވުންތަކެއް ނިންމަވާފައެވެ. ޚާއްޞަކޮށް ރާއްޖޭގެ ކުރީގެ ރައީސުންނަށް ހައްލު ހޯއްދަވައި ނުދެވުނު އަދި ނިންމަވަން ކެރިވަޑައިނުގަތް މުހިންމު ނިންމެވުންތަކެއް ނިންމަވައި އެކަންކަން ހާސިލް ކުރެއްވުމުގެ މަސައްކަތް އަމަލީގޮތުން މިވަނީ ފައްޓަވާފައެވެ.
މިދިޔަ އަހަރުގެ ފަހު ތިން މަސް ދުވަހަށް އެޅިގެން އައި އިރު އެންމެ ބޮޑަށް ދެކެވެމުންދިޔައީ، ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ދައްކަންޖެހޭ ދަރަނީ ނުދެއްކި، ރާއްޖެ ބަނގުރޫޓުވެދާނޭ ވާހަކައެވެ. މާލީ އިދާރާތަކުން ވެސް އެކަމުގެ ކަންބޮޑުވުން ފާޅުކުރިއެވެ.
ރައީސް ޑޮކްޓަރ މުޢިއްޒު ވެރިކަމާ ހަވާލުވެޑައިގަތްއިރު 124 ބިލިއަން ރުފިޔާގެ ދަރަނި ދައްކަންވެފައި އޮތެވެ. އޭގެ ތެރެއިން ދެބައިކުޅަ އެއްބަޔަކީ އޭގެ ކުރީގެ ސަރުކާރުން ނެގި ދަރަންޏެވެ. ޖުމްލަ އާމްދަނީގެ 24 އިންސައްތަ އޮތީ ދަރަނި އަދާކުރަން ޚަރަދުކުރަން ޖެހިފައެވެ.
މާލީ ހާލަތުގެ ކަންބޮޑުވުން އޮތް ވަގުތުގައި ރައީސް ވަނީ އެވަގުތައް ކޮންމެހެން ދައްކަންޖެހޭ ދަރަނިތައް ދައްކަވައި، އާމްދަނީއަށް ފަހިވާގޮތަށް ކަންކަން ހަރުދަނާކުރައްވައި ޚަރަދުތައް "ރެޝަނަލައިޒް" ކުރައްވައި، ރަހުމަތްތެރި ގައުމުތަކާ މުއާމަލާތްކުރައްވައިގެން ދަރަނިވެރިވުމުގެ ކަންބޮޑުވުމުގެ ހާސްކަން ފިލުވާލަދެއްވައިފައެވެ.
އިޤްތިޞާދީ ތަރައްޤީ އާއި ވިޔާފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެފައިވާ ގޮތުގައި ރައީސް ހޯއްދަވައިދެއްވި އެންމެ ބޮޑު ކާމިޔާބަކީ ގައުމު ބަނގުރޫޓު ނުވެ ސަލާމަތްކޮށްދެއްވުމެވެ.
ކަޅުބާޒާރުގައި ޑޮލަރު ވިއްކުމާއި، ބޭރުފައިސާ ލިބުމުގެ ދަތިކަމަކީ 15 ވަރަކަށް އަހަރު ދިގުލައި ދިޔައިރު ވެސް އެއްވެސް ސަރުކާރަކަށް ހައްލުކޮށްދެވުނު މައްސަލައެއްނޫނެވެ. މިއީ ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތަކުގެ ނުފޫޒާ ހެދި، ހައްލުކުރުމަށް ފަސް ޖެހިފައިވާ މައްސަލައެކެވެ.
މިދިޔަ އަހަރުގެ އޮކްޓޫބަރު އެއްވަނަ ދުވަހުން ފެށިގެން ސަރުކާރުން ވަނީ، ޑޮލަރުން ލިބޭ އާމްދަނީގެ ވަކި މިންވަރެއް ބޭންކުތަކަށް މާރުކުރަން މަޖުބޫރުވާގޮތަށް ހެދި ބޭރުފައިސާ އާ ބެހޭ ގަވާއިދަށް އަމަލުކުރަން ފަށައިފައެވެ. ބޭރުފައިސާއާ ބެހޭ ގާނޫނު އިސްލާހުކޮށް މި އަހަރުގެ ފުރަތަމަ ދުވަހުން ފެށިގެން ވަނީ އަމަލުކުރަން ފަށައިފައެވެ.
މާރިޗު މަހުގެ ފަހުކޮޅު ރައީސް ފާހަގަކުރެއްވި ގޮތުގައި ޤަވާއިދަށް އަމަލުކުރަން ފެށިފަހުން އެހާތަނަށް 150 މިލިއަން ޑޮލަރު ބޭންކުތަކަށް މާރުކޮށްފައިވެއެވެ. އަދި އެ ހެޔޮބަދަލުގެ ސަބަބުން، ރަމަޟާން މަހު އުމްރާއަށް ދިޔަ 7،000 މީހުންނަށް ކާޑުލިމިޓް އިތުރުކޮށްދެވި، ބޭރުގައި ކިޔަވަންތިބޭ ދަރިވަރުންނަށް ބޭންކު މެދުވެރިކޮށް ޑޮލަރު ދޫކުރެވޭނެ މިންވަރު އިތުރުކުރެވޭނެ ފުރުޞަތު ފަހިވެގެން ދިޔައެވެ.
ރައީސް ޑޮކްޓަރ މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތްއިރު، ކުރީގެ ސަރުކާރުން 250 މިލިއަނަށްވުރެ އަށްވުރެ ގިނަ ރުފިޔާ މަސްވެރިންނަށް ނުދީ އޮތެވެ. ފައިސާ ލިބުން ދަތިވެ އަތްމަތި ދަތިވުމުން، މަސްވެރިކަން ދޫކޮށް އެހެން ދާއިރާތަކަށް މަސްވެރިނަށް ދާން މަޖުބޫރުވެ، ފަޅުގައި އޮޑިތައް ބަނދަރުކުރަން ޖެހުނެވެ.
މަސް ދޯންޏެއްގައި މަސްވެރިން ދޮށި އަޅަނީ-- ފޮޓޯ/މިފްކޯ
ކުރީ ސަރުކާރުން މަސްވެރިންނަށް ދޫނުކޮށް ހުރި ފައިސާއާއެކު މިދިޔަ އަހަރު މަސްވެރިންނަށް ބިލިއަނެއްހާ ރުފިޔާ ސަރުކާރުން ދޫކުރިއެވެ. ކިރުވާތާ 48 ގަޑިއިރު ތެރޭގައި މަސްވެރިންނަށް ފައިސާ ދޫކުރަން ފެށީ، މިދިޔަ މަސްވެރިންގެ ދުވަހު އެވެ. ޑިސެމްބަރު 10 ވަނަ ދުވަހުން ފެށިގެން އެންމެ ދުވަހެއް ވެސް ވައްޓާލާނުލައި، މާރިޗު މަހުގެ ފަހުކޮޅާ ހަމައަށް 385 މިލިއަނަށްވުރެ ގިނަ ރުރިޔާ އޮޑިވެރިންގެ އެކައުންޓްތަކަށް ޖަމާކޮށްފައިވެއެވެ.
ސަރުކާރުން މަސް ގަތުމުގެ ސަބަބުން މުޅި އިގްތިސާދަށް އެކަމުން ދިރުން އާދެއެވެ. މަސްވެރި ރަށްރަށުގެ ފިހާރަތަކުގެ ވިކުރާ ރަނގަޅުވެއެވެ. މަސްވެރި އާއިލާތަކުގެ ފޯރުންތެރިކަމާއި ދިރިއުޅުމުގެ ހާލަތަށް ހެޔޮ ބަދަލުގެނެސްދެއެވެ.
ސަރުކާރުތަކުން ޒުވާން ޖީލު ހަލާކުގެ ތެރެއަށް ވައްޓާލަނީ ގަސްތުގައި އެނގިތިބެއެވެ. ރައީސް މުޢިއްޒު އިސްކުރެއްވީ ޒުވާން ޖީލު ޖެހިފައިވާ އެންމެ ބޮޑު ވަބާއިން ފިލުވާލެއްވުމުގެ ވިސްނުމެވެ. ޓައިމް ލައިނެއް ކަނޑައަޅުވާ ވޭޕް މަނާ ކުރައްވާ އެކަން އަމަލީގޮތުން ތަންފީޒު ކުރެއްވީ ވަރަށް ހަލުވި ސްޕީޑެއްގައެވެ. ދޫދެއްވައިގެން ހައްލުނުވާނެ ކަމަކަށްވާތީ ވޭޕް މަނާކުރެއްވުމަށް ރައީސް ނެންގެވީ، "ޓަފް" ޑިޒިޝަން އެކެވެ.
ވޭޕް މަނާކުރަންވަން ނިންމެވިކަން ރައީސް އިއުލާނު ކުރެއްވީ މިދިޔަ އަހަރުގެ އޮކްޓޫބަރު 14 ވަނަ ދުވަހު އެވެ. ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހުގެ ބިލު ރައީސް ތަސްދީގު ކުރައްވާ ވޭޕް އެތެރެކުރުން މަނާކުރެއްވީ އޭގެ އެއް މަސް ފަހުން ނޮވެމްބަރު 14 ވަނަ ދުވަހު އެވެ. ވޭޕް އެތެރެކުރުމުގެ ދޮރު، އެރޭ ދަންވަރު 12:00 އިންފެށިގެން ބަންދުކުރެއްވިއެވެ. އޭގެ އެއްމަސް ފަހުން ޑިސެމްބަރު 14 ވަނަ ދުވަހުގެ ރޭ ދަންވަރު 12:00 އިން އިން ފެށިގެން ވޭޕް ވިއްކުމާއި ބޭނުންކުރުން މަނާކުރެއްވިއެވެ.
ވޭޕް އާންމުވެފައި އޮތްވަރާ އަޅާބަލާއިރު އެއީ ތަންފީޒު ކުރެވޭނެ ކަމެއްކަމަށް ކުރިން ހީނުކުރެވުނު ނަމަވެސް، ރައީސް އެޅުއްވި ހަލުވި ފިޔަވަޅުތަކުގެ ސަބަބުން ވޭޕްގެ ދުން ވަނީ ފިލައިގެން ގޮސްފައެވެ.
ވޭޕުގެ ސަބަބުން މަސްތުވާތަކެތި ބޭނުންކުރުމަށް މަގުފަހިވުމުގެ ފުރުސަތު އޮންނައިރު، ވޭޕްގެ ވަބާއިން ސަލާމަތް ވުމަކީ، ޒުވާން ޖީލުގެ މުޅި އުމުރު ވޭނާއި ހިތްދަތިކަމުން ސަލާމަތްވެ، ދުޅަހެޔޮ ސިއްހަތަކަށް މަގުފަހިވާނެ ކަމެކެވެ.
ވޭޕް މަނާކުރެއްވުމަށްފަހު، ވަކި އުމުރަކުން ފެށިގެން ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރުމަށް "ޖެނަރޭޝަނަލް ބޭން" އެއް ގެނައުމުގެ މަސައްކަތް ރައީސް ފެއްޓެވިއެވެ. އެކަން ތައްފީޒުކުރުމަށްޓަކައި ރައީސް ނިންމަވަންޖެހޭ ގިނަ ކަންތައްތައް މިހާރު ވަނީ ނިންމަވާފައެވެ.
ހާރިޖީ ކަންކަމަށް އަސަރުފޯރާނެ ފަދަ އެއްވެސް ނިންމެވުމެއް ނިންމެވުމަކީ އެއްވެސް ވެރިއަކަށް އެހާ ފަސޭހަފުޅު ކަމަށް ނުވާނެއެވެ. އިސްރާއީލްގެ ލާއިންސާނީ އަމަލުތަކާ ދެކޮޅަށް ފެށުނީއްސުރެ ރައީސް ގެންދެވީ އަޑު އުފުއްލަވަމުންވެ. އިދިކޮޅު ފަރާތްތަކުން ބުނަމުން ދިޔައީ، އިސްރާއިލް ޕާސްޕޯޓު މަނާ ކުރުމަކީ ރައީސް އަށް ކުރައްވަން ކެރިވަޑައިގަންނަވާނެ ކަމެއް ނޫންކަމަށެވެ.
ނަމަވެސް ރައްޔިތުންގެ މަޖިލީހުން ބިލު ފާސްކުރުމާއެކު، މިހާތަނަށް ރައީސް އެންމެ އަވަހަށް ތަސްދީގު ކުރެއްވި ބިލަކީ އިސްރާއީލް ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރުމުގެ ބިލެވެ.
އިމިގްރޭޝަން ޤާނޫނަށް ގެންނަންޖެހޭ އިސްލާހު މަޖިލީހުގެ 241 ކޮމިޓީން ދިރާސާކޮށް ގޮތެއް ނިންމީ މި މަހުގެ 15 ވަނަ ދުވަހު އެވެ. އެ ނިންމުން މަޖިލީހުގެ ތަޅުމުން ފާސްކުރިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ރައީސް އެ ބިލް ތަސްދީގު ކުރެއްވިއެވެ.
އިސްރާއީލުގެ ޕާސްޕޯޓު މަނާކުރުމަށް ދިވެހި ދައުލަތުން ނިންމި ނިންމުމާ ގުޅިގެން ފަލަސްޠީނުގެ މުޖާހިދުން ވެސް ވަނީ ރައީސް އަށް ޝުކުރު އަދާކުރައްވާފައެވެ. އަދި އެ ނިންމުން ބަލައިނުގަނެ، ބޭރުގެ އެއްވެސް ފަރާތަކުން ރާއްޖެއާ މެދު ނުރުހުން ފާޅުކޮށްފައެއް ވެސް ނުވެއެވެ.
ޖުމްލަކޮށް ހުރިހާ ރައްޔިތުންނަށް ބޭނުންވެފައިވާ މުހިންމު ވަރަށް ގިނަ ނިންމުންތަކެއް ވެސް ރައީސް މިދިޔަ ހައެއްކަ މަސް ދުވަހުގެ ތެރޭގައި ނިންމެވިއެވެ. އަދި އެ ހުރިހާ ނިންމެވުންތަކެއްގެ ސަބަބުން، ގިނަ ބަޔަކަށް ތަފާތު ގޮތްގޮތުން ފައިދާކުރިއެވެ.
ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭސް ދޫކުރުން-- ފޮޓޯ/ ލޯކަލް ގަވަމަންޓް މިނިސްޓްރީ
ފާއިތުވި ރަމަޟާން މަހު ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭހެއް ދޭން ނިންމުމުން، އިދިކޮޅު ފަރާތްތަކުން ވަރަށް ގިނަ ފާޑުކިޔުންތައް އަމާޒުކޮށް ދޮގު ވާހަކަތައް ވެސް ފެތުރިއެވެ. ރަމަޟާން މަސް ނިމުނުއިރު، މަސްދަޅު ނުލިބުމުގެ ސަކުވާއެއް އަދި އެކަމުގައި ހިނގި އެއްވެސް ގޯހެއްގެ ވާހަކައެއް ނެތެވެ. ސަތޭކަ ޕަސެންޓް ރައްޔިތުން އެކަން ބަލައިގަތެވެ.
ރަމަޟާން މަހުގެ ފަހު 10 އާއި ހަ ރޯދަ އާއެކު ގިނަ ދުވަސްތަކެއް ސަރުކާރު ބައްދުކުރުމުގެ ހިތްހަމަޖެހުން ވެސް ރައްޔިތުންނަށް ލިބުނެވެ.
ސަރުކާރުގެ ހުރިހާ ސްކޫލެއްގެ ކްލާސް ރޫމް އޭސީ ކުރުމުގެ މަޝްރޫއު ފެށީ މިދިޔަ އަހަރުގެ ޖޫން މަހު އެވެ. ހުރިހާ ރަށެއްގެ ހުރިހާ ސްކޫލެއްގެ ކްލާސް ރޫމް މި އަހަރު ތެރޭގައި އޭސީކޮށް ނިންމަވާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.
މި ނިންމެވުން މި ފާހަގަކުރީ، ރާއްޖޭގެ ހުރިހާ ކިޔަވާކުދިންނާއި އެކުދިންގެ މައިންބަފައިންނަށް ވެސް ލިބޭނެ ބޮޑު ހިތްހަމަޖެހުމަކަށް މިކަން ވާނެތީއެވެ. ހޫނާއި އުދާސް ކުލާސް ރޫމެއްގެ ތެރޭގައި ދާހިއްލައިގެން ތިބެ ކިޔެވަން ޖެހުން ނިމުމަކަށް އަންނާނެތީއެވެ.
މި އަހަރު ޙައްޖަށް ދިއުމަށް ޙައްޖު ކޯޕަރޭޝަނުގެ ކިއުގައި ޖެހިފައި ތިބި އެންމެނަށް ޙައްޖަށް ދެވޭނެ ކަމުގެ އުފާވެރި ޚަބަރު ވެސް ރައީސް ވަނީ ދެއްވާފައެވެ. މިއީ އިދިކޮޅު ފަރާތްތަކުން ކުރިމަތިކުރަމުންދާ ފާޑުކިއުންތަކާ އެކުވެސް، ރައްޔިތުންނަށް ކަންކަން ފަހިވާގޮތަށް ތަރުތީބު ކުރެވިގެން ރައީސުލްޖުމްހުރިއްޔާގެ ދުރު ވިސްނުންފުޅާކު ކުރައްވަމުން ގެންދަވާ މުހިންމު މަސައްކަތްޕުޅު ތަކުގެ ނަތީޖާއެވެ.