ENGLISH

07 ޖުލައި 2025

Advertisement

ޔުމްނު ވެއްޓުނު މައްސަލަ: ރިޔާސީ ކޮމިޝަނުގެ ރައީސަކަށް ރާއްޖޭގެ އެންމެ ވަރުގަދަ އެއް ޝަޚުސިއްޔަތު!

27 އޭޕްރީލު 2025

|

ޝާމަ ޝުޢައިބު

މިވަގުތު ދިވެހިރާއްޖޭގައި ހުރި އެންމެ ފުންނާބު އުސް އެއް ވަކީލު އަދި ކުރީގެ ބަންޑާރަނައިބު ޑރ. މުހައްމަދު މުނައްވަރު - ފޮޓޯ: އެޑިޝަންއެމްވީ

މި މަހުގެ 18 ވަނަ ދުވަހު މާލޭގެ އިމާރާތެއްގެ ފުރާޅު މައްޗަށް ޒުވާނަކު ވެއްޓިފައި އޮއްވައި ފެނުނު މައްސަލައާ ގުޅިގެން މާލެ ތެރެވަނީ ހަލަބޮލިވެފައެވެ. އެ ހާދިސާއާ ގުޅިގެން އެކަމުގެ ތަހުގީގު ފުލުހުން ހިންގަމުން އައި ގޮތާމެދު ކަންބޮޑުވުންފާޅުކޮށް ޒުވާނުން ވަނީ ސިލްސިލާ މުޒާހަރާތަކެއް ފަށާފައެވެ. 

ގިނަ ބައެއްގެ ކަންބޮޑުވުން އޮތް މި މައްސަލައިގައި އަދުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު އެޅުއްވީ ނުހަނު ހިކުމަތްތެރި އަދި ހަރުދަނާ ފިޔަވަޅުތަކެކެވެ. ޒުވާނުން ފާޅުކުރަމުންދާ ކަންބޮޑުވުންތަކަކީ ހަގީގީ ރަނގަޅު ކަންބޮޑުވުންތަކެއް ކަމަށް ވިދާޅުވެ އެމަނިކުފާނު ވަނީ އެކަންބޮޑުވުންތައް އަޑުއައްސަވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

އެ ޔަގީންކަމާ ގާތަށް އެމަނިކުފާނު އެންމެ ފުރަތަމަ ނެންގެވި ފިޔަވަޅަކީ މައްސަލައާ ގުޅިގެން މިނިވަން މުސްތަގިއްލު އަދި އިތުބާރު ހިފޭ ތަހުގީގެއް ހިންގައި، އެ ހާދިސާގެ ހަގީގަތް ހޯދައި، އެ ހާދިސާއާ ގުޅިގެން ކަމާބެހޭ މުއައްސަސާތަކުން މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކަކީ ކޮބައިކަން ބެލުމަށާއި، އެ މައްސަލއާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި އެ މައްސަލާގައި ކަން ހިނގާފައިވާ ގޮތުގެ ތަހުގީގެއް އިންސާފުވެރިކަމާއި އަދުލުވެރިކަމާއެކު ހިންގުމަށް ރިޔާސީ ކޮމިޝަނެއް އުފެއްދެވުމެވެ. 

މި ރިޔާސީ ކޮމިޝަނަށް ބަލާއިރު އެންމެ ފާހަގަކޮށްލެވެނީ ރިޔާސީ ކޮމިޝަނުގެ ރައީސްގެ މަގާމަށް އެމަނިކުފާނު އައްޔަނުކުރެއްވި ވަރުގަދަ ޝަހުސިއްޔަތެވެ. މިވަގުތު ދިވެހިރާއްޖޭގައި ހުރި އެންމެ ފުންނާބު އުސް އެއް ވަކީލު އަދި ކުރީގެ ބަންޑާރަނައިބު ޑރ. މުހައްމަދު މުނައްވަރު މި މަގާމަށް އައްޔަނު ކުރެވުމުން ދޭހަވީ އެންމެ ބޮޑު އެއްކަމަކީ މި މައްސަލަ ދެފުށްފެންނަގޮތެއްގައި ކުރިއަށް ގެންދެވުމަށް ރައީސް ދެއްވަވާ އިސްކަމެވެ. 

ޑރ. މުނައްވަރަށް ބަލާއިރު އެމަނިކުފާނަކީ 1985 ވަނަ އަހަރު ރަޝިޔާގެ މޮސްކޯ ގައި ހުންނަ ޕެޓްރިސް ލަމަމްބާ ޕީޕަލް ފްރެންޑްޝިޕް ޔުނިވަސިޓީން މާސްޓަރ އޮފް ލޯ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. ޚާއްސަވވެވަޑައިގަތީ އިންޓަރނޭޝަނަލް ލޯ އިންނެވެ. 

އެއަށްފަހު އިންޑިޔާގެ ނިއުދިއްލީ ގައި ހުންނަ ބިއުރޯ އޮފް ޕާލަމެންޓަރީ ސްޓަޑީޒް އެންޑް ޓްރޭނިންގް އިން ލެޖިސްލޭޓިވް ޑްރާފްޓިންގް ކޯސް ފުރިހަމަ ކުރެއްވިއެވެ. އަދި 1989 ވަނަ އަހަރު ކެނެޑާގެ ޑަލްހައުސީ ޔުނިވަސިޓީން ޑރ. މުނައްވަރު ވަނީ މާސްޓަރ އޮފް ލޯ ވެސް ހާސިލުކުރައްވާފައެވެ. މީގެ އިތުރުން 1993 ވަނަ އަހަރު އެމަނިކުފާނު ވަނީ ހަމަ އެ ޔުނިވާސިޓީން ޑޮކްޓަރ އިން ސައިންސް އޮފް ލޯ ވެސް ހާސިލުކުރައްވާފައެވެ. 

ތައުލީމީ ހަޔާތުގައި ގިނަ ކާމިޔާބުތަކެއް ހާސިލުކުރެެއްވި ޑރ. މުނައްވަރަކީ ގާނޫނީ ވަކީލުކަމުގެ ދާއިރާގައި ހަމައެކަނި ރާއްޖެއިން ފާހަގަކޮށްލެވޭ ޝަޚުސިއްޔަތެއް ނޫނެވެ. އެމަނިކުފާނުގެ މަސައްކަތް ވަނީ ބައިނަލްއަގްވާމީ ފެންވަރުގައި ވެސް ބަލައިގަނެފައެވެ. އެގޮތުން  އެމަނިކުފާނު ކިޔަވައި ވިދާޅުވިއިރު ލިޔުއްވި ތީސިސްއަކީ، ދުނިޔޭގެ ފެންވަރުގައި ފާހަގަކުރެވިފައިވާ ތީސިސްއަކަށްވެފައި، އެ ތީސިސް ފޮތަކަށް ބަދަލުކުރެވި، ދުނިޔޭގެ ފެންވަރުގައި މަޝްހޫރު ފަރާތަކުން ޝާއިއުވެސް ކޮށްފައިވެއެވެ.

މީގެ އިތުރުން އޮކްސްފޯޑާއި ހާވަޑް ޔުނިވާސިޓީން ކަނޑުތަކާ ބެހޭ ގާނޫނު ކިޔަވާ ދަރިވަރުން ކިޔަން އެންމެ އެކަށީގެންވާ ފޮތުގެ ލިސްޓްގައި ޑރ. މުނައްވަރު ލިޔުއްވި ފޮތް އޯޝަން ސްޓޭޓް ހިމަނާފައިވާއިރު ޑރ. މުނައްވަރަކީ ކަނޑުތަކާ ބެހޭ ގާނޫނުގެ ރޮނގުން ދުނިޔޭގެ ފެންވަރުގެ މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން އދ. އިން ވަނީ ޖަޒީރާ ގައުމުތަކުގެ ކަނޑުތަކާ ބެހޭ ގާނޫނު އެކުލަވާލިއިރު، ޑރ. މުނައްވަރުގެ ފަންނީ ލަފާ ހޯދާފައެވެ.

އެހެން ކަމުން ދިވެހިރާއްޖޭގައި ގާނޫނީ ދާއިރާއިން އެންމެ ތަޖުރިބާހުރި އަދި އެންމެ ފުންނާބު އުސް އެއްބޭފުޅަކީ ޑރ. މުނައްވަރޭ ބުނުމުން ދޮގަކަށް ނުވާނެއެވެ.  

ޑރ. މުނައްވަރުގެ ޝަޚުސިއްޔަތުގެ ވަރުގަދަކަމުގެ ހެކިތައް އެމަނިކުފާނު ގައުމަށް ކުރެއްވި ޚިދުމަތްތަކާ، ސިޔާސީ މައިދާނުގައި ކުރެއްވި މަސައްކަތަށް ބަލާލިނަމަވެސް ފެންނާން އެބަހުއްޓެވެ. އެގޮތުން  11 ނޮވެންބަރ 1993 އިން 11 ނޮވެންބަރު 2003 އަށް، ޖުމްލަ 10 އަހަރު ރާއްޖޭގެ ބަންޑާރަނައިބުގެ މަގާމު ފުރުއްވި ޑރ. މުނައްވަރަކީ ސިޔާސީ ގޮތުން ނުފޫޒު ނުފޯރުވޭނެ ވަރުގަދަ، ކެރޭ ބޭފުޅެއްކަން އެމަނިކުފާނު ވަނީ އެކި ފަހަރު މަތިން ސާބިތުކޮށްދެއްވާފައެވެ.

ޑރ. މުނައްވަރަކީ އެމްޑީޕީ އުފެއްދުމުގައި އިސްކޮށް މަސައްކަތް ކުރެއްވި އެއް ބޭފުޅާއެވެ. އަދި އެޕާޓީ އުފެދިގެން އައިއިރު އެޕާޓީގެ ރައީސްކަން ވެސް ކުރެއްވިއެވެ. ނަމަވެސް އެމްޑީޕީގެ ކަންތައްތައް ރޭވިފައިވާ ގޮތުން އެ ޕާޓީ އަށް ސިޔާސީ ޕާޓީއެއްގެ ގޮތުގައި ދެމިއޮވެވިދާނެތޯ އާއި ރައްޔިތުންގެ ތާއީދު ޕާޓީ އަށް ހޯދުމަށް ގެންނަން ޖެހޭ ބަދަލުތައް ގެނެވިދާނެތޯ ސުވާލު އުފައްދަވާ ޑރ. މުނައްވަރު ވަނީ ފާޅުކަންބޮޑު ގޮތެއްގައި ޕާޓީގެ ކަންކަމަށް ފާޑުވިދާޅުވެ ޕާޓީން ވަކިވެވަޑައިގަނެފައެވެ. އެއަށްފަހު ޖުމްހޫރީ ޕާޓީއާއެކު ވެސް ދުވަސްކޮޅެއްގައި މަސައްކަތް ކުރެއްވި ޑރ. މުނައްވަރު ވަނީ އަމިއްލަ ޕާޓީއެއް އުފައްދަވާފައެވެ. 

އެމަނިކުފާނު އޭރު ވިދާޅުވީ ސިޔާސީ ޕާޓީއެއް އުފައްދަވަން ނިންމެވީ އިސްލާހީ ހަރަކާތްތަކައިގެން ކުރިއަށްވަޑައިގަތުމަށް ކަމަށެވެ. 2010 ވަނަ އަހަރު އުފެއްދި އެ ޕާޓީއަށް މީހުން ހަމަ ކުރުމަށް ސޮއި ހަމަކުރުމަށް ކުރެއްވި މަސައްކަތުގެތެރެއިން ޑރ. މުނައްވަރު ވިދާޅުވީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުތަކުން ހޮވިވަޑައިގެންނެވި ފަރާތްތަކުން ގައުމަށް ބޭނުންވާ އިސްލާހީ ބަދަލުތައް ގެންނަވާތޯ ބައްލަވާފައިވާނެ ކަމަށެވެ. ނަމަވެސް، ބޭނުންވި އިސްލާހީ ބަދަލުތަކަށް މަގުފަހިވެގެން ދިޔަތަން ފެނިވަޑައިނުގަންނެވި ކަމަށެވެ. އަދި ވެރިކަން ހިންގާ ފަރާތުންނާއި އިދިކޮޅު ފަރާތްތަކުންވެސް ރައްޔިތުންގެ ހައްގުގާ މަސައްކަތް ކުރައްވަމުން ނުގެންދަވާ ކަމަށްވެސް ޑރ. މުނައްވަރު ވިދާޅުވިއެވެ. 

އޭގެ އިތުރުން ޑރ. މުނައްވަރު އަބަދުވެސް ވިދާޅުވަމުން ދިއަ އެއްކަމެއް ފާހަގަކުރެވެއެވެ. އެއީ ގައުމީ ބޮޑެތި މައްސަލަތަކުގައި އޭނާ ހިމޭނުން ނުހުންނަވާ ކަަމަށް ވިދާޅުވާ ވިދާޅުވުމެވެ.

މިހުރިހާ ކަމަކުން ވެސް ފާހަގަވެގެންދަނީ އެއް ކަމެކެވެ. އެމަނިކުފާނަކީ ބައެއްގެ ނުފޫޒު ފޯރުވޭ ވަރަށްވުރެ މާ ވަރުގަދަ، ނުގުޑާ އަޒުމެއްގެވެރި ޝަޚުސިއްޔަތެއް ކަމެވެ. އަދި އެއީ ވަކި ބަޔަކު ދެކެ ބިރުން ފަހަތަށް ޖެހިވަޑައިގަންނަވާނެ ބޭފުޅެއް ނޫންކަމެވެ. 

މިހުރިހާ ކަމަކާއެކު ޑރ. މުނައްވަރު ރައީސްގެ ރިޔާސީ ކޮމިޝަންގެ ރައީސަކަށް ހަމަޖެއްސެވެމުން ޔަގީންވަނީ ހަމަ އެންމެ ކަމެކެވެ. ޒުވާނުންގެ މިއަދުގެ އެންމެ ބޮޑު ކަންބޮޑުވުމުގެ ދެފުށްފެންނަ، ވަރުގަދަ ތަހުގީގެއް ހިނގާނެ ކަމެވެ. އެއްވެސް މައްސަލައެއްގައި އިންސާފު ގާއިމުކުރެއްވުމުގައި އެއްވެސް މީހަކަށް އެމަނިކުފާނުގެ މައްޗަށް ނުފޫޒު ފޯރުވުމުގެ ފުރުސަތެއް ނުދެއްވާނެ ކަމަށް ރައީސް ވިދާޅުވެފައިވާއިރު އެކަން އެންމެ ރަނގަޅަށް ތަންފީޒު ކުރެވޭނެ އެއް ބޭފުޅަކީ ޑރ. މުނައްވަރުކަމީ މިއަދު ދެބަސްވެވެން ނެތް ހަގީގަތެކެވެ. 

ކިޔުންތެރިންގެ ހިޔާލު