ENGLISH
07 ޖުލައި 2025
ރައީސަށް އަޑުއިވިވަޑައިގަންނަވާ؛ ޒުވާނުންގެ ދެ މުޒާހަރާއާއި ދެ ވެރިއެއްގެ ތަފާތު!
27 އޭޕްރީލު 2025
|
ޒުވާނުން ކުރަމުންދާ މުޒާހަރާގެ ތެރެއިން، ފޮޓޯ: ދިޔަރެސް
އޭޕްރީލު 18 ވަނަ ދުވަހުގެ ހެނދުނު މާލޭގެ ގެއެއްގެ ނުވަވަނަ ފަންގިފިލާއިން ޖެހިގެންހުރި ގުދަނުގެ ފުރާޅަށް ޒުވާނަކު ވެއްޓިފައި އޮތެވެ. އެ މައްސަލައިގަ ފުލުހުން ކަންކަން ހާމަކުރުން ދިގުލައި ލަސްވެފައިވަނިކޮށް، އެ މައްސަލައާ ގުޅޭ ބައެއް މައުލޫމާތުތައް މީސްމީޑިޔާއަށް ފެންމަތިވިއެވެ. އެ މައުލޫމާތުތައް ފެންމަތިވުމާއެކު އާއްމުންގެ ނުރުހުން ފުލުހުންގެ ހިދުމަތަށް އަމާޒުވާން ފެށިއެވެ. ދެން ފުލުހުން ނޫސްވެރިންނާއެކު ސިއްރު ބައްދަލުވުމެއް ބާއްވައި މައްސަލައިގެ ބައެއް ތަފުސީލުތައް ހާމަކުރިއެވެ.
ފުލުހުން ނޫސްވެރިންނާ ހިއްސާކުރި މައުލޫމާތުތައް ރިޕޯޓުކުރަން ފެށުމާއެކު ނުތަނަވަސްކަންވީ އިތުރުވެ. ނުރުހުން ބޮޑުވެ، ޒުވާނުން އިހުތިޖާޖަށް މަގުތަކަށް ނުކުތެވެ. ފުލުހުންގެ ހިދުމަތުގެ އިމާރާތެއް ކުރިމައްޗަށް ޒުވާނުން އެއްވިއެވެ. ނުރުހުން ފާޅުކުރިއެވެ. އިހުތިޖާޖުކުރިއެވެ. އެތަނުގައި ތިބި ފުލުހުން މޫނަށް ފައިސާ ބުރުވައި ރިޝްވަތާއި ކޮރަޕްޝަނުގެ ތުހުމަތުތައް ފުލުހުންނަށް އަމާޒުކުރިއެވެ. ޒުވާނުން ކުރިމަތީ ފުލުހުން މަޑުމަޑުން ތިއްބެވެ.
ޒުވާނުން ފެށި މުޒާހަރާތައް ހުއްޓާނުލައި ކުރިއަށްގެންދާތާ ދެތިން ރޭ ވެއްޖެއެވެ. ކޮންމެ ރެޔަކުވެސް ޒުވާނުން އެއްވެ އަޑުއުފުލައި އިހުތިޖާޖުކޮށް ނުރުހުން ފާޅުކުރެއެވެ. ސަރުކާރުގެ ބައެއް ވަޒީރުންނާއި ފުލުހުންގެ ބައެއް ވެރިންގެ އިސްތިއުފާއަށް ގޮވައިލައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒަށްވެސް ޒުވާނުންގެ ނުރުހުން އަމާޒުވެއެވެ.
މުޒާހަރާކުރާ ޒުވާނުންނަށް ފުލުހުން ހުރަސްނާޅައެވެ. ޒުވާނެއްގެ ގައިގަ ފުލުހުން ތަޅައި އަނިޔާކުރާ މަންޒަރެއް ނުފެނެއެވެ. ފުލުހުންގެ ބެޓަންތަކާއި ކަރުނަ ގޭހާއި ޕެޕާ ސްޕްރޭ ހުރި ތަނެއްގައި އެހުރި ގޮތަކަށް ބަހައްޓައިން ތިބީއެވެ. ޒުވާނުންގެ ނުރުހުމުގެ ކުރިމަތީ މަޑުމަޑުން ފުލުހުން ތިބީ އެގޮތަށް ތިބެން އަންގަވާފައި އޮތުމުންކަން ޔަގީނެވެ.
ސަބަބަކީ މީގެ ކުރިންވެސް މިޒާތުގެ އެހެން މައްސަލައެއްގައި ޒުވާނުންގެ ބަޔަކު އިހުތިޖާޖަށް ނުކުތުމުން ކަން ހިނގި ގޮތުގެ ތަފާތުގެ ބޮޑުކަމުންނެވެ. މީގެ އަހަރުތަކެއް ކުރިއެވެ. ހުޅުމާލޭ ފަޅުގައި އޮތް ސަފާރީއެއްގައި ކެންޔާ އަންހެނެއްގެ ހަށި ފޭރިގަތްކަމަށް ތުހުމަތުވާ މައްސަލައެކެވެ. ތުހުމަތުވި މީހަކީ ވެރިކަންކުރާ ޕާޓީގެ ބާރުގަދަ މަޖިލިސް މެންބަރެއްގެ ފިރިމީހާއެވެ. އެ މެންބަރަކީ އެއިރުގެ ރައީސްގެ ކޮއްކޯފުޅެކެވެ.
މައްސަލަ އޮއްބައިލާކަމަށް ތުހުމަތުވެފައި އޮއްވައި ޒުވާނުންގެ ބަޔަކު ޖިންސީ އަނިޔާއާ ދެކޮޅަށް އިހުތިޖާޖުކުރަން މަގުތަކަށް ނުކުތެވެ. މިދެންނެވި ދުވަހު ފުލުހުން އިހުތިޖާޖުކުރި ޒުވާނުންނާ ބައްދަލުކުރީ ގަދަބަދަވިކަމާއެކުއެވެ. އެއިން ބައެއް އަންހެން ޒުވާނުން ބިންމަތީ އިށީނދެ ތިއްބައި ގަދަކަމުން ނަގައިގެން ގެންދިޔަ ގޮތުގެ މަންޒަރު ފެންނަ ވީޑިޔޯތައް މިހާރުވެސް އެކި މަންސަތަކުގައި ދައުރުވާނެހެން ފެންނަން އެބަހުއްޓެވެ.
2021 ވަނަ އަހަރު ޒުވާނުން ކުރި މުޒާހަރާގެ ތެރެއިން
އެއީ އެ ދުވަހު ޒުވާނުންގެ ނުރުހުމާއި ނުހަނު މަގުބޫލު އިހުތިޖާޖާ އެއިރުގެ ވެރިން ކުރިމަތިލެއްވި ގޮތެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެރިކަމާ ޙަވާލުވެވަޑައިގަތީ މާޒީގައި ފެނުނު މިފަދަ މަންޒަރުތައް ތަކުރާރުވިޔަނުދެއްވުމުގެ އަޒުމާއެކުއެވެ. އިންތިހާބުގެ ތެރޭގައި ސިޔާސީ އަދި މަދަނީ ހައްގުތައް ގާނޫނުއަސާސީން ކަށަވަރުކޮށްދޭ އިންތަކުގެ ތެރެއިން ފޯރުކޮށްދެއްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.
މިހަފުތާ ކޮންމެ ރެޔަކު މާލޭގައި ތިން މުޒާހަރާ ކުރިއަށްދެއެވެ. އިދިކޮޅު އެމްޑީޕީން ކުއްލި ހަރަކާތުގެ ނަމުގައި މަގުތަކުގައި އިހުތިޖާޖުކުރެއެވެ. ޓެކްސީ ޑްރައިވަރުންގެ ބަޔަކުވެސް މުޒާހަރާކުރެއެވެ. އަދި އެއާއެކު ޒުވާނުންގެ މުޒާހަރާތައްވެސް ދަނީ ކުރިއަށެވެ. މިއިން އެއްވެސް މުޒާހަރާއަކަށް ފުލުހުން ވަދެގަނެ، ޕެޕާ ސްޕްރޭ ޖަހައި، ގަދަކަމުން މުޒާހަރާ ރޫޅައިލަން އުޅޭ މަންޒަރެއް ނުފެނެއެވެ.
2021 ގައި ޒުވާނުން ކުރި މުޒާހަރާ ތެރެއިން ޒުވާނަކު ބިނޑިއަޅުވާފައި
ޒުވާނުންގެ ކަންބޮޑުވުން ގުޅިފައި އޮތީ ފެންމަތިވި މައްސަލައިގެ ތަހުގީގު އިންސާފުވެރިކަމާއެކު، ދެފުށް ފެންނަ ގޮތަކަށް ކުރިއަށްނުދާކަމަށް ގަބޫލުކުރެވޭތީއެވެ. އިންސާފުވެރި ތަހުގީގެއް ކަށަވަރުކޮށްދެއްވުމަށް ލަސްތަކެއްނުވެ ރައީސް ފިޔަވަޅުތަކެއް އަޅުއްވައިފިއެވެ. އެގޮތުން މިރޭ ރައީސްވަނީ ރިޔާސީ ކޮމިޝަނެއް އުފައްދަވައި ރާއްޖޭގެ އެންމެ ތަޖުރިބާކާރު ވަކީލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ކުރީގެ ބަންޑާރަނައިބު ޑރ.މުޙައްމަދު މުނައްވަރު އެ ކޮމިޝަނުގެ ރައީސްކަމަށް ހަމަޖައްސަވައި އިންސާފުވެރި ތަހުގީގެއް ހިންގުމަށް ބޭނުންވާ އެންމެހައި ބާރުތައް އެކޮމިޝަނަށް ދެއްވައި، ހުޅުވާލެވިފައިވާ ތަހުގީގެއް ހިންގުމުގެ ޒިންމާ ކޮމިޝަނާ މަތިކުރައްވާފައެވެ.
ކުރިން ދެންނެވުނު ސަފާރީއެއްގައި އަންހެނަކު ރޭޕުކުރި މައްސަލައަށްވީ ގޮތަކީތޯއެވެ؟ މައްސަލަ ދަންމައިލީއެވެ. މުއްތަހަމު މިނިވަންކުރީއެވެ. އެ މައްސަލާގައި ޝާމިލުވާ މުއްތަހަމަކީ، މިހާރު ފެންމަތިވެގެން އުޅޭ މައްސަލާގައި ޝާމިލުވާ ހުރިހާ މުއްތަހަމުންނަށްވުރެ ބާރުގަދަ ނުފޫޒުގަދަ މަގާމެއްގައި ހުރި މީހެކެވެ. ރައީސްގެ ކޮއްކޯފުޅެއްގެ ފިރިމީހާއެވެ. މިހާރު ފެންމަތިވި މައްސަލާގައި މިހާރުގެ ރައީސާ އާއިލީ ގޮތުން ގުޅުމެއް އޮތް އެކަކުވެސް ނެތެވެ.
ނަމަވެސް އެއިރު މިނިވަން ތަހުގީގަކަށް ޖާގަދިނުމުގެ ވިސްނުންފުޅެއް ކުރީގެ ރައީސް ނުގެންގުޅުއްވިއެވެ. މިހާރުގެ ރައީސް ބޭނުންފުޅުވީ ޒުވާނުންގެ ކަންބޮޑުވުންތަކަށް ހަގީގީ ހައްލެއް ގެނެސްދެއްވުމަށް މިނިވަން ތަހުގީގަކަށް ޖާގަދެއްވާށެވެ. ޒުވާނުންނަށް އިހުތިޖާޖުކުރަން ފުރުސަތު ދެއްވުމާއެކު، އެމަނިކުފާނު ޒުވާނުންގެ ކަންބޮޑުވުންތައް އަޑުއައްސަވައިފިއެވެ.
ދެ ދައުރެއްގައި ޒުވާނުން އިހުތިޖާޖަށް ނުކުތުމުން ދެ ވެރިޔަކު އެ ޒުވާނުންނާ ކުރިމަތިލެއްވި ގޮތުގެ ތަފާތަކީ، ޒުވާނުންގެ އުދާސްތައް ބަންޑުންކުރާނެ ޖާގަދެއްވުމާއި، އެޖާގަ ބަންދުކުރެއްވުމުގެ ތަފާތެވެ. ގަދަބަދަވިކަން އިސްކުރެއްވުމާއި، ޒުވާނުންގެ ޝިކާޔަތު އަޑުއައްސަވައި ހައްލެއް ހޯދައިދެއްވުމަށް މަސައްކަތްކުރެއްވުމުގެ ތަފާތެވެ. ޒުވާނުންނަށްވެސް މި ތަފާތުގެ ބޮޑުކަން ވަރަށް ރަނގަޅަށް އެނގޭނެއެވެ. އަދި އިހުސާސްވާނެއެވެ.