ENGLISH
07 ޖުލައި 2025
ޔުމްނު ވެއްޓުނު މައްސަލަ؛ މިނިވަން ތަހުގީގެއް ހިންގަން ރިޔާސީ ކޮމިޝަނެއް ރައީސް އުފައްދަވައިފި
27 އޭޕްރީލު 2025
|
ރައީސް އުފެއްދެވި ރިޔާސީ ކޮމިޝަނުގެ ރައީސް ޑރ.މުޙައްމަދު މުނައްވަރު
ހިނގަމުންދާ އޭޕްރީލު މަހުގެ 18 ވަނައަށްވީ ހުކުރުދުވަހުގެ ފަތިހުގެ ވަގުތެއްގައި މާލޭގެ ގެއެއްގެ ނުވަވަނަ ފަންގިފިލާއިން އެގެއާ އިންވެގެން ހުރި ގުދަނުގެ މައްޗަށް ޒުވާނަކު ވެއްޓުނު މައްސަލައިގެ ތަހުގީގާ ގުޅޭ އިންކުއިރީއެއް ހެދުމަށް ރިޔާސީ ކޮމިޝަނެއް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އުފައްދަވައިފިއެވެ.
މިއަދު ރައީސް އޮފީހުން ސަރުކާރު ގެޒެޓުގައި ޝާއިއުކުރި ރިޔާސީ ގަރާރެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ 2025 އޭޕްރީލް 18 ވަނަ ދުވަހު މާލޭގެ ގެއެއްގެ ފުރާޅު މަތީގައި ދިވެހި ޒުވާނަކު ވެއްޓިފައި އޮއްވައި ފެނުނު މައްސަލައާ ގުޅިގެން މިނިވަން މުސްތަގިއްލު އަދި އިތުބާރު ހިފޭ ތަހުގީގެއް ހިންގައި، އެ ހާދިސާގެ ހަގީގަތް ހޯދައި، އެ ހާދިސާއާ ގުޅިގެން ކަމާބެހޭ މުއައްސަސާތަކުން މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކަކީ ކޮބައިކަން ބެލުމަށާއި، އެ މައްސަލއާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި އެ މައްސަލާގައި ކަން ހިނގާފައިވާ ގޮތުގެ ތަހުގީގެއް އިންސާފުވެރިކަމާއި އަދުލުވެރިކަމާއެކު ހިންގުމަށް ގަސްތުކުރައްވާ ކަމަށެވެ.
އަދި މަގުސަދު ހާސިލުކުރެއްވުމަށް ގާނޫނުއަސސީގެ 115 ވަނަ މާއްދާގެ (ގ)އިން އެމަނިކުފާނަށް ލިބިވަޑައިގަންނަވާ އިހުތިޔާރުގެ ދަށުން އެ ހާދިސާ ތަހުގީގުކުރުމަށް ހާއްސަ ކޮމިޝަނެއް އުފެއްދެވުމަށް ނިންމަވައި ތިން ބޭފުޅަކު އެ ކޮމިޝަނުގެ މެންބރުންގެ ގޮތުގައި އައްޔަންކުރައްވަން ނިންމަވާފައިވާ ކަމަށްވެސް އެ ގަރާރުގައި ރައީސް ވިދާޅުވިއެވެ.
އެ ކޮމިޝަނުގެ މެންބަރުންގެ ގޮތުގައި އައްޔަންކުރައްވާފައިވަނީ:
- ޑރ.މުޙައްމަދު މުނައްވަރު، ގަ.ހަސަންކާރިގެ
- ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އަޙްމަދު މުޙައްމަދު، ވ.އަލްމާން
- ޑރ.މުޙައްމަދު ޙަބީބް، ސީސަންމާގެ، ސ.ހިތަދޫ
އޭގެ ތެރެއިން ކޮމިޝަނުގެ ރައީސްގެ ގޮތުގައި ހަމަޖައްސަވާފައިވަނީ ކުރީގެ ބަންޑާރަނައިބު އަދި ރާއްޖޭގެ އެންމެ ފުންނާބުއުސް އެއް ވަކީލު ޑރ.މުޙައްމަދު މުނައްވަރެވެ.
އެ ކޮމިޝަނާ ރައީސް މަތިކުރައްވާފައިވާ ޒިންމާއަކީ އެ ހާދިސާއާއި އެ ހާދިސާގެ ވަށައިގެންބވާ ކަންކަން ތަހުގީގުކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތަކެއް ކޮށް އެ ހާދިސާއާ ގުޅިގެން ކަމާބެހޭ މުއައްސަސާތަކުން މިހައިތަނަށް ކޮށްފައިވާ މަސައްކަތްތަކަކީ ކޮބައިކަން ބަލައި، އެ މައްސަލައިގައި ކަން ހިނގި ގޮތުގެ ތަހުގީގެއްކޮށް އެމަނިކުފާނަށް ލަފާއެރުވުމެވެ.
އެ މަސައްކަތް ކުރުމަށް ކޮމިޝަނަށް ބޮޑެތި ބާރުތަކެއް ދެއްވުމަށްވެސް ގަރާރުގައި ރައީސް ނިންމަވާފައިވެއެވެ. އެގޮތުން؛
- ކޮމިޝަނުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައާއި ތަހުގީގުތަކުގައި އެހީތެރިވުމަށް ރާއްޖެއިން ބޭރުގެ ކަމާބެހޭ ފަރާތްތައް ގެނައުމާއި، ރާއްޖެއިން ބޭރުގެ ހަބީރުންގެ އެހީތެރިކަން ހޯދުމުގެ ބާރާއި،
- ޖިނާއީ އިޖުރާއާތުގެ ގާނޫނުގައި ބަޔާންކުރާ ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ ބާރުތައް ބޭނުންކުރުމުގެ ބާރާއި،
- ހައްޔަރު އަމުރާއި ތަހުގީގާ ގުޅޭ އެންމެހައި ކޯޓު އަމުރުތަކަށް ކޯޓުގައި އެދުމުގެ ބާރާއި،
- ހާޒިރުކުރަންޖެހޭކަމަށް ކޮމިޝަނަށް ފެންނަ ކޮންމެ ފަރާތެއް ކޮމިޝަނަށް ހާޒިރުކޮށް ސުވާލުކުރުމާއި، މައްސަލައާ ގުޅިގެން ބޭނުންވާ ކޮންމެ ލިޔުމެއް ނުވަތަ އެނޫންވެސް ހެކި ހޯދުމާއި، އެކިއެކި ފަރާތްތަކުގައި ހުންނަ އެފަދަ ތަކެތި ހުށަަހެޅުމަށް އެންގުމުގެ ބާރާއި،
- ކޮމިޝަނުން ބަލާ މައްސަލައަކާ ގުޅިގެން ކޮމިޝަން ނޫން އެހެން ފަރާތަކުން އެއްވެސް ތަހުގީގެއް ކޮށްފައިވާނަމަ އެ ތަހުގީގަކުން ނުވަތަ އެނޫންވެސް ގޮތަކުން ހޯދާފައިވާ ހޯދުންތަކައި، އެފަރާތެއްގެ ބެލުމުގެ ދަށުގައި ހުރި ލިޔުންތަކާއި ހެއްކާއި ގަރީނާތަކާއި އެނޫން މައުލޫމާތު ހޯދުމާއި ބެލުމުގެ ބާރު ކޮމިޝަނަށް ގަރާރުން ރައީސް ދެއްވިއެވެ.
ރައީސް ނިންމަވާފައިވަނީ އެމަނިކުފާނު ކޮމިޝަނާ މަތިކުރައްވާފައިވާ ޒިންމާތައް އަދާކުރެވިއްޖެ ކަމުގައި ނިންމަވަންދެން ކޮމިޝަން ދެމިއޮންނާނެ ކަމަަށެވެ.