ENGLISH

07 ޖުލައި 2025

Advertisement

މޯލްޑިވްސް ގަރލްގައިޑްސް އެސޯސިއޭޝަންގެ އަހަރީ ޖަލްސާ މެޑަމް ސާޖިދާ ޝަރަފުވެރިކޮށްދެއްވައިފި

26 އޭޕްރީލު 2025

|

ޢަލީ ޝަހީމް

މޯލްޑިވްސް ގަރލްގައިޑްސް އެސޯސިއޭޝަންގެ 2024 ވަނަ އަހަރުގެ އަހަރީ އާއްމު ޖަލްސާ މެޑަމް ސާޖިދާ ޝަރަފްވެރިކޮށްދެއްވުން. ފޮޓޯ: ރައީސް އޮފީސް

މޯލްޑިވްސް ގަރލްގައިޑްސް އެސޯސިއޭޝަންގެ 2024 ވަނަ އަހަރުގެ އަހަރީ އާއްމު ޖަލްސާ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަދި ޗީފް ގައިޑް، މެޑަމް ސާޖިދާ މުޙައްމަދު މިއަދު ޝަރަފުވެރިކޮށްދެއްވައިފިއެވެ. 

ގަރލްގައިޑްސް އެސޯސިއޭޝަނުގެ އަހަރީ އާއްމު ޖަލްސާ އޮތީ ސެންޓަރ ފޯރ ހަޔަރ އެޑިއުކޭޝަން (ސީއެޗްއެސްސީ) ގަ އެވެ. 

ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަދި ޗީފް ގައިޑް، މެޑަމް ސާޖިދާ ވަނީ މޯލްޑިވްސް ގަރލްގައިޑްސް އެސޯސިއޭޝަނުގެ ވެބްސައިޓް އިފްތިތާހުކޮށްދެއްވައިފައެވެ. އަދި، އެ އެސޯސިއޭޝަނަށް 20 އަހަރާއި 25 އަހަރުގެ މުއްދަތަކަށް ހިދުމަތްކުރެއްވި ބޭފުޅުންނަށް ސެޓްފިކެޓާއި ބެޖް އެކަމަނާ ހަވާލުކޮށްދެއްވިއެވެ. 

މޯލްޑިވްސް ގަރލްގައިޑްސް އެސޯސިއޭޝަންގެ 2024 ވަނަ އަހަރުގެ އަހަރީ އާއްމު ޖަލްސާގެ ތެރެއިން. ފޮޓޯ: ރައީސް އޮފީސް

ޖަލްސާގައި ވާހަކަދައްކަވަމުން މެޑަމް ސާޖިދާ ވިދާޅުވީ ގަރލްގައިޑްސް ހަރަކާތަކީ ދިވެހީންގެ ދިރިއުޅުމުގެ ތެރޭގައި އޮތް ރަނގަޅު އިޖުތިމާއީ ގިނަ ސިފަތަކެއް ރަސްމީގޮތެއްގައި ދަމަހައްޓައިދޭ ވިއުގައެއްކަމަށެވެ. 

މެޑަމް ސާޖިދާ އިތުރަށް ވިދާޅުވީ ގަރލްގައިޑްސް ހަރަކާތުން އިންސާނީ ކަރާމާތުގެ އަގުގެ މަތިވެރިކަން ދަސްކޮށްދޭ ކަމަށާއި، ގަރލްގައިޑްސް ހަރަކާތް ބުނެދެނީ ކޮންމެ އަގަކީ ފައިސާއިން ލިބޭ އަގެއް ނޫން ކަމަށެވެ. 

ގަރލްގައިޑްސް ހަރަކާތުން ދޭދޭ ގުޅުންތަކުގެ އަގު ވަޒަންކުރަން އުނގަންނައިދޭކަމަށާއި، ވާޖިބު އަދާކުރުމާއި މަސްއޫލިއްޔަތު އުފުލުމުގައި އަވަދިނެތިވުމަކީ ކިހާވަރެއްގެ އުފަލެއްކަން އިހުސާސްކޮށްދޭ ކަމަށް އެކަމަނާ ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު