ENGLISH

07 ޖުލައި 2025

Advertisement

ޔުމްނު ވެއްޓުނު މައްސަލައިގެ ތަހުގީގުގައި އެއްވެސް އޮފިސަރެއްގެ އިހުމާލު އޮތްތޯ ބަލަން ޕީޖީ އަންގަވައިފި

26 އޭޕްރީލު 2025

|

ޝިފްޒާން އަޙްމަދު

ޕީޖީ އައްބާސް ޝަރީފު ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއުއާއެކު، ފޮޓޯ: ޕީޖީ އޮފީސް

މި މަހުގެ 18 ވަނަ ދުވަހުގެ ފަތިހު ހެންވޭރު ގެއެއްގެ 9 ވަނަ ފަންގިފިލާއިން ޖެހިގެން ހުރި ގޭގެ ފުރާޅަށް 21 އަހަރުގެ އަންހެންކުއްޖަކު ވެއްޓުނު މައްސަލައިގެ ތަހުގީގުގައި އެއްވެސް ފުލުސް އޮފިސަރެއްގެ އިހުމާލެއް ނުވަތަ އިޖުރާއާތުތަކާ ހިލާފު އަމަލެއް އޮފިސަރަކު ހިންގިތޯ ބެލުމަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ފުލުހުންގެ ހިދުމަތަށް އަންގައިފިއެވެ. 

މިއަދު ޕީޖީ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ މައްސަލައާ ގުޅިގެން 24 އޭޕްރީލުގައި ފުލުހުންގެ ހިދުމަތަށް ޕީޖީ އޮފީހުން ހާއްސަ އިރުޝާދުތަކެއް ދީފައިވާ ކަމަށެވެ. ޕީޖީ އޮފީހުން ފުލުހުންގެ ހިދުމަތަށް ދިން އިރުޝާދުތަކުގެ ތެރޭގައި، މި މައްސަލައާ ގުޅިގެން 24 އޭޕްރޯލުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައްސަލާގައި އަނިޔާ ލިބުނު މީހާގެ ޒާތީ މައުލޫމާތާއި، އޭނާ ފެންނަ ފޮޓޯ ވީޑިޔޯ އާއްމުކޮށްފައިވާތީ އަނިޔާ ލިބުނު މީހާގެ އަބުރާއި ކާރާމާތަށް އުނިކަން އަތުވެދާނެ އެއްވެސް މައުލޫމާތެއް އިތުރަށް ހާމަނުކުރުމަށާއި، މިފަދަ ކަންކަން ތަކުރާރުނުވާނެހެން އަމަލުކުރުން ހިމެނެއެވެ. 

އަދި މައްސަލައިގެ ތަހުގީގަށް ހާޒިރުކުރި ބައެއް މީހުން މަސްތުގެ ހާލަތުގައި ތިބިކަމަށް ބެލެވެނު ނަމަވެސް އެމީހުން ކުޑަކަމުދާތަކެތި ދިނުމަށް އިންކާރުކުރިކަން ފުލުހުން ނޫސްވެރިންގެ ބައްދަލުވުމުގައި ފާހަގަކުރުމާ ގުޅިގެން، ގާނޫނާ އެއްގޮތަށް ކުޑަކަމުދާތަކެތި ދިނުމަށް އެންގުމުން، އެތަކެތި ނުދީފިނަމަ، އެ މައްސަލައަކީ ކުޑަކަމުދާތަކެތި ދިނުމަށް އިންކާރުކުރުމުގެ މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރަންޖެހޭނެކަމެއްކަން ޕީޖީ އޮފީހުން ފުލުހަށް އަންގާފައިވެއެވެ. 

ޖިނާއީ މައްސަލަތަކުގައި މައުލޫމާތު ހާމަކުރާއިރު ހަމަހަމަކަން ނުގެއްލޭނެހެން، ގާނޫނުއަސާސީން ފަރުދުންނަށް ކަށަވަރުކޮށްދޭ ހައްގުތަކަށް އުނިކަން ނުލިބޭނެ ގޮތަށް، ހާމަކަމާއެކު، ތަހުގީގަށް ހުރަސްނޭޅޭނެހެން އަދި އޮޅުންނާރާނެ ގޮތަށް މައުލޫމާތު ހާމަކުރުމަށް ޕީޖީ އޮފީހުން އިރުޝާދު ދީފައިވެއެވެ. 

އަދި މައްސަލައިގެ ތަހުގީގުގައި ފުލުހުންގެ އެއްވެސް އޮފިސަރެއްގެ އިހުމާލެއް ނުވަތަ އިޖުރާއާތާ ހިލާފު އަމަލެއް ހިމެނޭކަން ނުވަތަ ނޫންކަން ކަށަވަރުކުރުމަށްވެސް އަންގާފައިވެއެވެ. 

އޭގެ އިތުރަށް މައްސަލައިގެ ތަހުގީގާމެދު އާއްމުންގެ ޝަކުވާ ހުށަހެޅުމުގެ ފުރުސަތުވެސް ޕީޖީ އޮފީހުން ހުޅުވާލާފައިވެއެވެ. އަދި އެ ޝަކުވާތަކާމެދު އަޅަންޖެހޭ ފިޔަވަޅުތައްވެސް ޕީޖީ އޮފީހުން އަޅާނެކަމަށް އެ އޮފީހުން ބުނެފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު