ENGLISH
07 ޖުލައި 2025
ސަލްޓަން ޕާކް މިނިސްޓްރީގެ ދަށަށް، ޕާކު އަލުން ތަރައްގީ ކުރުމުގެ އާ ޕްލޭނެއް ހަދަނީ
26 އޭޕްރީލު 2025
|
ސަލްޓަން ޕާކު: ފެބްރުއަރީ 19 ވަނަ ދުވަހުން ފެށިގެން ބަލަހައްޓަކީ ކޮންސްޓްރަކްޝަން މިނިސްޓްރީން-- ފޮޓޯ/ އެމްއެމްޓީވީ
މާލޭގެ އެންމެ ޚާއްސަ އެއްތަން ކަމަށްވާ ސަލްޓަންޕާކު މިހާރު ވަނީ މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައި ކަމަށާއި މިހާރު ވިރާނާވެފައިވާ ޕާކު ތަރައްގީކުރުމަށް އާ ޕްލޭނެއް ހަދަމުންދާ ކަމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން ބުނެފިއެވެ.
މިނިސްޓަރު އަބްދުﷲ މުއްތަލިބު ފޭސްބުކްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސަލްޓަން ޕާކް ބަންދުކޮށްފައިވާތާ ގިނަ ދުވަސްތަކެއްވެފައިވާތީ އާއި، ޕާކު ވީރާނާވެ، ކުށްކުރާ ފަރާތްތައް ބޭނުންކުރާ ތަނަކަށްވެ މަދިރި އުފެދޭ ގޮތަށް ދޫކޮށްލާފައިވާތީ އެތަން ތަރައްގީ ކުރުމަށްޓަކައި މާލޭ ސިޓީ ކައުންސިލުގައި އެދިގެން ޕާކު މި މިނިސްޓްރީގެ ދަށަށް ބަދަލުކުރީ 19 ފެބްރުއަރީ 2025 ގައި ކަމަށެވެ.
"މި ފާއިތުވި ދެ މަސްދުވަހުގެ ތެރޭގައި ޕާކުތެރެ ސާފުކުރެވި، ތަރައްގީކުރުމަށް ބޭނުންވާ ޕްލޭން ހެދުމުގެ މަސައްކަތް ދަނީ ކުރަމުން. ޕާކުގެ ސާވޭ ކުރެވިފައިވާ ކުރެހުމެއް ނެތުމުގެ ސަބަބުން ޕާކު ސާވޭ ކުރުމުގެ މަސައްކަތް ދަނީ ކުރަމުން. އިރާދަކުރެެއްވިއްޔާ ޕާކުގެ ޑިވެލަޕްމަންޓް ޕްލޭން ފައިނަލްކުރެވި އެކި ބައިތައް ތަރައްގީ ކުރުމުގެ މަސައްކަތް މާލަހެއްނުވެ ފަށާނެ،" މުއްތަލިބު ވިދާޅުވި އެވެ.
މާލޭ ސިޓީ ކައުންސިލުން ކުރިން ބަލަހައްޓަމުން އައި ސަލްޓަން ޕާކުގެ ފެންއަރުވާވަޑާމާއި ޓްރީ ހައުސް ބަންދުކުރީ މިދިޔަ އަހަރުގެ ޖޫންމަހު އެވެ.
ރަސްފަންނާއި ސަލްޓަން ޕާކަށް މި އަހަރުގެ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހު ހެނދުނު ކުރެއްވި ޒިޔާރަތަކަށް ފަހު، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވީ އެ ދެ ތަނުގެ ހާލަތު ފެނިފައި ހިތާމަކުރައްވާ ކަމަށާއި އެ ދެތަން ވެސް ދަނީ ވީރާނާވަމުން ކަމަށެވެ. ވީރާނާވަމުންދާ ރަސްފަންނާއި ސަލްޓަން ޕާކަށް އަލުން އާރޯކަން ގެނެސްދިނުމަށް ޚާއްސަ މަސައްކަތްތަކެއް ކުރަން ހަމަޖެހިފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ހައުސިން މިނިސްޓަރުގެ މަގާމުގައި ރައީސް ހުންނެވި ދުވަސްވަރު ތަރައްގީކުރެއްވި ރަސްފަންނާއި ސަލްޓަން ޕާކަކީ ތޮއްޖެހިފައިވާ މާލޭގައި، ރައްޔިތުންނަށް ނުހަނު ހިތްހަމަޖެހުމާއި އުފާ ލިއްބައިދޭ ދެތަންކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެ ދެ ތަނުގެ ރީތިކަމާއި އާރޯކަން އަނބުރާ ގެނެސްދެއްވާނެ ކަމަށެވެ.