ENGLISH
09 މޭ 2025
ސަބްސިޑީން 237 މިލިއަން ރުފިޔާގެ ލުޔެއް ލިބިއްޖެ!
26 އޭޕްރީލު 2025
|
ކަރަންޓު ހިދުމަތްދޭ ސްޓެލްކޯގެ ދުންހޮޅިތައް: ސަބްސިޑީ ހޭދަ ކުޑަވީ، ތެލުގެ އަގު ހެޔޮވުމުން-- ފޮޓޯ/އެމްއެމްޓީވީ
ދައުލަތުގެ ބަޖެޓުން ސަބްސީޑީއަށް ކުރަން ޖެހުނު ހޭދައިން 237 މިލިއަން ރުފިޔާގެ ލުޔެެއް ލިބިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ މާލީ ހިސާބުތަކުން ދައްކައިފި އެވެ.
ފިނޭންސް މިނިސްޓްރީން އެންމެ ފަހުން އާންމުކުރި 'ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް' ރިޕޯޓުގައިވާ ގޮތުން، މިއަހަރުގެ ޖެނުއަރީން ފެށިގެން އެޕްރީލް 17 ވަނަ ދުވަހުގެ ނިޔަލަށް ސަބްސިޑީގެ ގޮތުގައި ހޭދަކޮށްފައިވަނީ 987 މިލިއަން ރުފިޔާ އެވެ. އެއީ މިދިޔަ އަހަރުގެ އެއް މުއްދަތުގައި ސަބްސިޑީއަށް ހޭދަކުރި 1.2 ބިލިއަން ރުފިޔާ އަށްވުރެ 237 މިލިއަން ރުފިޔާ މަދު އަދަދެކެވެ. މި އަހަރުގެ ބަޖެޓުގައި ސަބްސިޑީ އަށް ކަނޑައަޅާފައިވަނީ 1.8 މިލިއަން ރުފިޔާ އެވެ.
ފީނޭންސް މިނިސްޓްރީން ބުނި ގޮތުގައި ސަބްސިޑީއަށް ކުރަން ޖެހުނު ހޭދަ ދަށްވެފައިވަނީ ފިއުލް ސަބްސިޑީއަށް ކޮށްފައިވާ ހަރަދު ގާތްގަނޑަކަށް ހަތަރުބައިކުޅަ އެއްބަޔަށްވުރެ ބޮޑުތަނުން ކުޑަވެފައިވާތީއެވެ. ކަރަންޓު އުފެއްދުމަށް ދޫކުރާ ތެލުގެ ސަބްސިޑީ ދަށަށްދިއުމުގެ މައިގަނޑު ސަބަބަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުވެސް މިދިޔަ އަހަރާ އަޅައިބަލާއިރު ހެޔޮވެފައިވުން ކަމަށް މިނިސްޓްރީން ފާހަގަކުރެއެވެ.
ދައުލަތުގެ ބަޖެޓުން ސަބްސިޑީ ދިނުން ހަރުދަނާ ކުރުމަށް މާލީ އިދާރާތަކުން ލަފާދީފައިވެއެވެ. ހަރަދު ކުޑަކުރުމަށްޓަކައި ސަބްސިޑީ ރިފޯމްކުރުމަށް މިއަހަރުގެ ބަޖެޓުގައި ވެސް ހިމަނާފައިވެއެވެ.
ފިނޭންސްގެ ހިސާބުތަކުން ދައްކާ ގޮތުގައި އެޕްރީލް 17 ވަނަ ދުވަހުގެ ނިޔަލަށް 671 މިލިއަން ރުފިޔާ އާސަންދައަށް ހޭދަވެފައިވެއެވެ. އެއީ މިދިޔަ އަހަރުގެ އެެ މުއްދަތުގައި ހޭދަކުރި 554 މިލިއަން ރުފިޔާ އަށްވުރެ 117 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.
މި އަހަރުގެ އެޕްރީލް 17 ގެ ނިޔަލަށް ދައުލަތަށް އާމްދަނީގެ ގޮތުގައި 11.7 ލިބި، 9.5 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ. ލިބުނު އާމްދަނީގެ ނިސްބަތުން، އެ ތާރީހުގެ ނިޔަލަށް 2.1 ބިލިއަން ރުފިޔާ އަރަނިވެފައިވެއެވެ.