ENGLISH

19 މޭ 2025

Advertisement

ތިނަދޫއަށް ތާރީހީ ދުވަހެއް، ފުރަތަމަ ފަހަރަށް ލެޕްރޮސްކޯޕިކް ސަރޖަރީއެއް ހަދައިފި

26 އޭޕްރީލު 2025

|

ޢަލީ ޝަހީމް

ތިނަދޫގައި ކުރިއަށްދާ ކޭމްޕުގައި ހަރަކާތްތެރިވާ ޑޮކްޓަރުންގެ ޓީމު. ފޮޓޯ: ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް

ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ތާރީހުގައި ފުރަތަމަ ފަހަރަށް ލެޕްރޮސްކޯޕިކް ސަރޖަރީއެއް ހަދައިފިއެވެ. 

އެ ހޮސްޕިޓަލުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުގައި ބުނީ، ސަރަހައްދީ ސިިއްހީ ނިޒާމު އެހެން ހަރުފަތަކަށް ގެންދިޔަ ތާރީހީ ސަރޖަރީ ކުރިއަށްގެންދިޔައީ ތިނަދޫގައި މިހާރު ކުރިއަށްގެންދާ އޮޕަރޭޝަން ޑޮކްޓަރުންގެ ހާއްސަ ކޭމްޕުގައި ކަމަށެވެ. އިއްޔެ އެ ސަރޖަރީ ކުރިއަށްގެންދިޔައީ ކޭމްޕަށް އެރަށަށް ވަޑައިގެންނެވި ޑޮކްޓަރުންގެ ޓީމުންނެވެ. 

ލެޕްރޮސްކޯޕިކް ސަރޖަރީ އަކީ ކެމެރާ ހަރުކޮށްގެން ކުރާ ސަރޖަރީތަކެވެ. އެގޮތުން އޮޕަރޭޝަންތަކުގައި އެންމެ ކުޑަކޮށް ކަފައިގެން ކެމެރާ ހަރުކޮށްގެން އެފަދަ ސަރޖަރީތައް ކުރެއެވެ. 

އެ ހޮސްޕިޓަލުން ބުނީ ސަރޖަރީ އަކީ "ސަރޖިކަލް ކެއަރ" ހިދުމަތުގައި ލިބުނު ކުރިއެރުމެއް ކަމަށާއި، ކާމިޔާބު އެ ސަރޖަރީއާއެކު ދުނިޔޭގެ ފެންވަރުގެ ފަރުވާ އެ ސަރަހައްދަށް ގެނެވިއްޖެ ކަމަށެވެ. 

ތިނަދޫއަށް ވަޑައިގެންނެވި ޑޮކްޓަރުންގެ ޓީމުގައި އައިޖީއެމް ހޮސްޕިޓަލުގައި މަސައްކަތްކުރައްވާ، އެކި ދާއިރާތަކަށް ހާއްސަ ޑޮކްޓަރުން ހިމެނެއެވެ. ސަރޖަރީ ހެދުމުގައި އިސްކޮށް އުޅުއްވި ލެޕްރޮސްކޯޕިކް ސާރޖަރީގެ ހާއްސަ ޑޮކްޓަރ، ޑރ. އަބްދުﷲ އުބައިދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސަރޖަރީ ފުރިހަމަކުރެވުނީ އެކުގައި މަސައްކަތްކުރި ޓީމުގެ ބުރަ މަސައްކަތުން ކަމަށާއި، އެޓީމު ދެއްކި ހިތްވަރަށް ޝުކުރުއަދާކުރައްވާ ކަމަށެވެ. 

ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ކުރިއަށްގެންދިޔަ ލެޕްރޮސްކޯޕިކް ސަރޖަރީގެ ތެރެއިން. ފޮޓޯ: ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް

ޑރ. އަބްދުﷲ އުބައިދުގެ އިތުރުން ޕްލާސްޓިކް އަދި ރިކޮންސްޓްރަކްޝަން އަދި އެޑްވާންސް ވޫންޑް ކެއަރގެ ހާއްސަ ޑޮކްޓަރ މުހައްމަދު ވަހީދުއާއި އާއްމު އޮޕަރޭޝަން އަދި އެޑްވާންސް ވޫންޑް ކެއަރއަށް ހާއްސަ ޑޮކްޓަރ އިބްރާހީމް އާދިލް އަދި ކެންސަރުގެ އޮޕަރޭޝަންތަކަށް ހާއްސަ ޑޮކްޓަރ، މުހައްމަދު ޝިފާން ކޭމްޕަށް ތިނަދޫއަށް ވަޑައިގަތެވެ. 

އެހެން ދާއިރާތަކަށް ބަލާއިރު ސިކުނޑިއާއި ނާރުގެ އޮޕަރޭޝަންތަކުގެ ހާއްސަ ޑޮކްޓަރު އަލީ އާފީއާއި ކުޑަކަމުދާ ނިޒާމުގެ އޮޕަރޭޝަންތަކުގެ ހާއްސަ ޑޮކްޓަރ އަބްދުﷲ އަދްޡަރު އަދި ހޭނެއްތުމާއި ނުފިލާ ހުންނަ ތަދުތަކުގެހާއްސަ ޑޮކްޓަރ އަސްއަދު މުހައްމަދު ޝަހީދުގެ އިތުރުން ގޮހޮރުގެ އަދި ބެރިއަޓްރިކް ސާރޖަރީގެ ޚާއްޞަ ޑޮކްޓަރ އާއިޝަތު އަޒުނާ ވެސް ކޭމްޕުގައި ބައިވެރިވަޑައިގަންނަވައެވެ. 

ތިނަދޫގައި ކޭމްޕް ފެށީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. ޖުމްލަ 8 ޑޮކްޓަރުން ހިމެނޭ ތަޖުރިބާކާރުންގެ ޓީމުގެ ކޭމްޕު ނިންމާލާނީ މިއަދު އެވެ.

ތާރީހީ ސަރޖަރީ ކުރުމުގެ އިތުރުން ޑޮކްޓަރުންގެ ޓީމުން ވަނީ އެ ހޮސްޕިޓަލުގެ އޯޕީޑީގައި ބަލިމީހުން ބެލުމުގެ އިތުރުން ޑޮކްޓަރުންނާއި ނަރުހުންނަށް ތަމްރީނު ޕްރޮގްރާމްތައް ކުރިއަށްގެންދަވާފައެވެ.

ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ކޭމްޕް ކުރިއަށްގެންދިޔައީ ސިއްހީ ވުޒާރާ އަދި އައިޖީއެމް ހޮސްޕިޓަލާ ގުޅިގެންނެވެ. 

ކިޔުންތެރިންގެ ހިޔާލު