ENGLISH
09 މޭ 2025
އަންހެނަކު ވެއްޓުނު ހާދިސާ: ނުވަ މީހެއްގެ ފޯނު ހިފަހައްޓައިފި
26 އޭޕްރީލު 2025
|
ދިވެހި ފުލުހުންގެ އިދާރާ
އޭޕްރީލު މަހުގެ 18 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ހެންވޭރުގެ ގެއަކުން އެގެއާ ޖެހިގެން ހުރި ގޭގެ ފުރާޅު މައްޗަށް އަންހެނަކު ވެއްޓުނު ހާދިސާއާ ގުޅިގެން ހިންގާ ތަހުޤީޤަށް ނުވަ މީހެއްގެ ފޯނު ހިފަހައްޓައިފި އެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް އަންހެނަކު ވެއްޓުނު މައްސަލައާ ގުޅިގެން ފޯނު ހިފެހެއްޓުމުގެ އަމުރު ނަގާފައިވާ އެންމެންގެ ފޯނު މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށެވެ.
އެއީ ޖުމުލަ ނުވަ މީހެއްގެ ފޯނު ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅުންހުރި ކަމަށް ފާހަގަ ކުރެވޭ އެންމެންގެ ވަނަވަރުވެސް ފުލުހުން ވަނީ އާންމުކޮށްފަ އެވެ. އަދި އެ މީހުންގެ ޕާސްޕޯޓް ހިފަަހައްޓާ ފުރުން ވެސް ވަނީ މަނާކޮށްފަ އެވެ.
މީގެ އިތުރުން މި ހާދިސާގައި ވެއްޓުނު އަންހެން މީހާއާއެެކު އެރޭ އުޅުނު ގ.އެރިއަދޫ އުމުރުން 21 އަހަރުގެ ރައުދު އަހްމަދު ޒިލާލު ވަނީ ހައްޔަރު ކޮށްފަ އެވެ. އޭނާގެ ބަންދަށް ކޯޓުން ވަނީ ފަސް ދުވަސް ޖަހާފަ އެވެ.
މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ދެ ގެއެއް ވަނީ ބަލައި ފާސްކޮށްފަ އެވެ. އެއީ އަންހެން މީހާ ވެއްޓުނު ގެއަށް ވަނުމުގެ ކުރިން އޭނާއާ އެރޭ އޭނާއާއެކު އުޅުނު މީހުން ހަރަކާތްތެރިވެފައިވާ ދެ ގެއެވެ.