ENGLISH
09 މޭ 2025
މާލީ ގޮންޖެހުންތަކާއެކުވެސް %5.7 އިން ދިވެހި އިގުތިސާދު ކުރިއަރާނެ: ވޯލްޑް ބޭންކު
26 އޭޕްރީލު 2025
|
ވޯލްޑް ބޭންކުގެ މައި އިމާރާތް، ފޮޓޯ: ގޫގްލް
ދިވެހިރާއްޖެއަށް މާލީ ގޮންޖެހުންތައް ކުރިމަތިވެފައިވާކަން ފާހަގަކުރުމާއެކު ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރަމުން އަންނަ ދުވެއްޔަށް ބަލާއިރު ހިނގަމުންދާ 2025 ވަނަ އަހަރު ދިވެހިރާއްޖޭގެ އިގުތިސާދު 5.7 އިންސައްތައިން ކުރިއަރާނެ ކަމުގައި ވޯލްޑް ބޭންކުން ލަަފާކޮށްފިއެވެ.
އެ ބޭންކުން މި މަހުގެ 23 ވަނަ ދުވަހު އާއްމުކުރި "މޯލްޑިވްސް ޑިވެލޮޕްމެންޓު އަޕްޑޭޓު"ގައި ބަޔާންކޮށްފައިވަނީ މި އަހަރުގެ މެދެއްހައި ތަނުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލުގެ މަސައްކަތް ނިމި ބޭނުންކުރަން ފެށުމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ކުރިއަށްވުރެ އިތުރުވާނެ ކަމުގައި ލަފާކުރެވޭ ކަމަށެވެ.
އަދި މީގެ ކުރިން 2024 ވަނަ އަހަރުގެ ސެޕްޓެންބަރު މަހު ނެރުނު ރިޕޯޓުގައި ރާއްޖޭގެ އިގުތިސާދު ކުރިއަރާނެކަމަށް ލަފާކުރެވުނު މިންވަރަށްވުރެ އިތުރަށް އިގުތިސާދު ކުރިއަރާނެ ކަމުގައި ލަފާކުރެވޭކަމަށާއި، ސަަބަބަކީ ފަތުރުވެރިކަން އަންދާޒާކުރި ވަރަށްވުރެ ރަނގަޅުވެފައި، ކޮންސްޓްރަކްޝަން ދާއިރާއާއި މަސްވެރިކަންވެސް ކުރިއަށްވުރެ ރަނގަޅުވާން ފަށާފައިވާތީކަމަަށް ވޯލްޑް ބޭންކުން ބުނެފައިވެއެވެ.
މި އަަހަރުގެ ފަހުކޮޅުގައި ބައެއްކަހަލަ މާލީ އިސްލާހުތައް ގެނައުމުން އިންފްލޭޝަން މަަތިވާނެކަމުގައި ވޯލްޑް ބޭންކުން ލަފާކުރެއެވެ. އެގޮތުން އަހަރުގެ އެވެރެޖު އިންފްލޭޝަން 4.3 އިންސައްތައަށް އަރާނެ ކަމުގައި އެ ބޭންކުގެ ރިޕޯޓުގައި އަންދާޒާކޮށްފައިވެއެވެ.
އަދި ދުނިޔޭގެ އިގުތިސާދަށް އަންނަ ލޮޅުންތަކުން ރާއްޖޭގެ އިގުތިސާދީ ކުރިއެރުމަށް އަސަރުކުރާނެކަން ވޯލްޑް ބޭންކުގެ ރިޕޯޓުގައި ފާހަގަކުރިއެވެ. އެގޮތުން ދުނިޔޭގެ ބާޒާރުގައި މުދަލުގެ އަގުތަކަށް އަންނަ ބަދަލާއި، ބައިނަލްއަގުވާމީ އިންފްލޭޝަން މަތިވުމާއި، ދޭދޭ ގައުމުތަކުގެ މެދުގައި އޮންނަ ސިޔާސީ ވާދަވެރިކަން އިހުނަަށްވުރެ ހޫނުވުމާއި، އާލަމީ ވިޔަފާރިއަށް އަންނަ ބަދަލުތަކާއި، ދުނިޔޭގެ އިގުތިސާދަށް އަތުވެދާނެ މަޑުޖެހުމެއްގެ އަސަރު ރާއްޖޭގެ އިގުތިސާދަށް ކުރާނެ ކަމުގައި އެ ރިޕޯޓުގައި ބުނެފައިވެއެވެ.
ވޯލްޑް ބޭންކުން ބުނި ގޮތުގައި މެދު ރާސްތާގައި ޗައިނާއާއި ޔޫރަޕު ފަދަ ބޮޑެތި އިގުތިސާދުތައް މަޑުޖެހޭނެ ކަމުގައި ބެލެވޭ ކަމަަށެވެ. އެހެންކަމުން މިއިން ކޮންމެ ކަމެއްގެ ސަބަބުން އަދި ދުނިޔޭގެ އިގުތިސާދަށް ކުރިމަތިވެދާނެ ކޮންމެ ލޮޅުމެއްގެ ސަބަބުން ދިވެހި އިގުތިސާދަށް ނޭދެވޭ އަސަރުތަކެއް ކުރުމުގެ އިހުތިމާލު އެބައޮތްކަން ރިޕޯޓުގައި ފާހަގަކުރިއެވެ.
ހަމަ އެގޮތަށް ދުނިޔޭގެ ބާޒާރުގައި މުދަލުގެ އަގު ދަށްވެއްޖެނަމަ އަދި ބައިނަލްއަގުވާމީ ފަތުރުވެރިކަން މިހާރަށްވުރެ ރަނގަޅުވެއްޖެނަމަ އެކަމުގެ މަންފާ ދިވެހި އިގުތިސާދަށް ކުރާނެ ކަމުގައިވެސް ވޯލްޑް ބޭންކުން ބަޔާންކުރެއެވެ.