ENGLISH

09 މޭ 2025

Advertisement

ފުލުހުން ކޯޓްގައި ބުނީ ދެ މީހުންގެ މެދުގައި އެރޭ ހަމަނުޖެހުމެއް ހިނގި ކަމަށް

25 އޭޕްރީލު 2025

|

އަޙުމަދު ޙަމީދު

ފުލުހުންގެ ބަންދުގައި ހުރި ޒުވާނާ

އޭޕްރީލު މަހުގެ 18 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ހެންވޭރުގެ ގެއަކުން އެގެއާ ޖެހިގެން ހުރި ގޭގެ ފުރާޅު މައްޗަށް އަންހެނަކު ވެއްޓުނު ހާދިސާގެ ކުރީން އެ އަންހެން މީހާއާ އޭނާއާ އެކު އުޅުނު ފިރިހެން މީހާއާ ދެމެދު ހަމަނުޖެހުމެއް ހިނގި ކަމަށް ފުލުހުން ކޯޓްގައި ބުނެފި އެވެ.

ފުލުހުން އެެކަން ހާމަކުރީ މި މައްސަލާގައި ހައްޔަރުކުރި ގ.އެރިއަދޫ އުމުރުން 21 އަހަރުގެ ރައުދު އަހްމަދު ޒިލާލުގެ ބަންދުގެ މަޖިލީހުގަ އެވެ. ރައުދު ހައްޔަރު ކުރީ ކޯޓުން އަމުރެއް ހޯދައިގެންނެވެ. އަދި އޭނާގެ ބަންދާއިމެދު ގޮތް ނިންމަން ކޯޓަށް ހާޒިރުކުރުމުން ވަނީ ފަސް ދުވަހުގެ ބަންދުގެ މުއްދަތެއް ޖަހާފަ އެވެ.

ކޯޓްގައި ފުލުހުން ވަނީ އެ ދެ މީހުންގެ މެދު ހަމަނުޖެހުމެއް އެ ރޭ ހިނގި ކަމަށް ބުނެފަ އެވެ. އަދި ބުނީ އަންހެން މީހާ ވެއްޓުނު ހާދިސާއަށް ފަހު އޭގެ މާ ގިނައިރުތަކެއް ނުވަނީސް އޭނާ ކޮބައިތޯ ފިރިހެން މީހާއާ ސުވާލުކުރުމުން ވީތަނެއް ނޭންގޭ ކަމަށް ބުނި ކަަމަަށެވެ. އަދި އޭގެ ފަހުން ވެއްޓުނީ ކަމަށް ބެލެވޭ ކަމަށް ބުނެފައިވާ ކަމަށެވެ.

ފުލުހުން ވަނީ މި މައްސަލާގަައި ހިމެނޭ އަށް މީހަކު ފުރުން މަނާކުރުމުގެ އަމުރުވެސް ހޯދާފައެވެ. ފުރުން މަނާކުރި މީހުންގެ ތެރޭގައި ރައުދުވެސް ހިމެނެއެވެ. ފުލުހުން މީޑިޔާއަށް މައުލޫމާތު ދިން ގޮތުގައި މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ދެ ގެއެއް ވަނީ ބަލައި ފާސްކޮށްފަ އެވެ. އެއީ އަންހެން މީހާ ވެއްޓުނު ގެއަށް ވަނުމުގެ ކުރިން އޭނާއާ އެރޭ އޭނާއާއެކު އުޅުނު މީހުން ހަރަކާތްތެރިވެފައިވާ ދެ ގެއެވެ. 

އެގޮތުން މއ.މާންދޫގޭ ޓެރެސްއާއި ދެވަނަ އަދި ހަތަރުވަނަ ފަންގިފިލާ ފުލުހުން ބަލައި ފާސްކުރިއެވެ. އަދި ހ.ކަށިވެލިގޭގެ ތިންވަނަ ފަންގިފިލާވެސް ފުލުހުން ބަލައި ފާސްކުރިއެވެ. މިއިން ފުރަތަމަ ގެއަކީ ޓްރާންސްޕޯޓު މިނިސްޓަރ މުހައްމަދު އަމީނުވެސް ދިރިއުޅުއްވާ ގެކޮޅެވެ. 

އެގެކޮޅުގައި 17 ވަނަ ދުވަހުގެ ރޭ އެއްވުމެއް އޮތް ނަމަވެސް އެ އެއްވުން އޮތީ އަމީނު އުޅުއްވާ އެޕާޓުމެންޓުގައި ނޫންކަމަށާއި، އެ އެއްވުމެއް އޮތްކަން އެނގިވަޑައިނުގަންނަވާކަމަށާއި، މައްސަލައަށް އެއްވެސް މިންވަރަކަށް ނުފޫޒު ފޯރުއްވާފައިނުވާނެކަމަށް އަމީނު ވިދާޅުވެފައިވެއެވެ. އަމީނު އެފަދައިން ވިދާޅުވީ އޭނާގެ އިސްތަށިފުޅުގައި ބައެއް މީހުން އަޅުވަމުންދާ އިލްޒާމުތައް ދޮގުކުރައްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. 

ކިޔުންތެރިންގެ ހިޔާލު