ENGLISH
09 މޭ 2025
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި
25 އޭޕްރީލު 2025
|
"ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025" ބައިވެރިވުމުގެ ސުންގަޑި ވަނީ އިތުރުކޮށްފައި
"ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025" ބައިވެރިވުމުގެ ސުންގަޑި އިތުރުކޮށްފި އެވެ.
ސަރުކާރުން ބުނީ މި މުއްދަތު އިތުރު ކޮށްފައިވަނީ އަންނަ މެއި މަހުގެ 10 ވަނަ ދުވަހާއި ހަމައަށް ކަމަށެވެ. މައުރަޒުގައި ބައިވެރިވުމުގެ ސުންގަޑީގެ ގޮތުގައި އެންމެފަހުން ކަނޑައަޅާފައި އޮތީ މި އެޕްރީލް މަހުގެ 25 ވަނަ ދުވަހެވެ.
މި މުއްދަތު މިފަހަރު އިތުރު ކުރުމަށް ނިންމީ މައުރަޒުގައި ބައިވެރިވުމަށް ލުއި ގޮތްތަކެއް ހަމަޖައްސައިދީފައިވުމާއެކު، މައުރަޒުގައި ބައިވެރިވާން ބޭނުންވާ މީހުންނަށް އިތުރު ފުރުޞަޠެއް ދިނުމާއި، ވީހާވެސް ގިނަ ބަޔަކަށް ބައިވެރިވެވޭނެ މަގު ފަހިކޮށްދިނުމުގެ ގޮތުން ކަމަށް ސަރުކާރުން ބުނެ އެވެ.
ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ރަޖިސްޓްރީ ކުރެވޭނެ މަގު ފަހިކޮށްދިނުމުގެ ގޮތުން އީ-ގަވް މެދުވެރިކޮށް އޮންލައިންކޮށް ފޯމް ހުށަހެޅުމުގެ އިތުރުން، މި މައުރަޒަށް ޚާއްޞަ ވެބްސައިޓް، www.expo.mv ގައިވާ ފޯމް، އީމެއިލްގެ ޒަރިއްޔާއިންނާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުގެ ހެޑް އޮފީހުން، އަދި އަތޮޅުތަކުގައި ހުންނަ ބީސީސީގެ ބިޒްނަސް ސެންޓަރތަކުން ބަލައިގަނެވޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސާފައެވެ. އަދި ފޯމް ފުރުމަށް ދަތިވާ ފަރާތްތަކަށް ފޯމް ފުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްވެސް ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ދަނީ ފޯރުކޮށްދެމުންނެވެ.
މީގެ އިތުރުން މައުރަޒުގައި ބައިވެރިވާ ފަރާތްތަކުން ބޭނުން ޢަދަދަކަށް ތަކެތި ބައިވެރި ކުރެވޭނެ ފުރުޞަތުވެސް މިހާރު ވަނީ ހުޅުވާލާފައެވެ. މައުރަޒުގައި ތަކެތި ބައިވެރި ކުރުމަކަށް އެއްވެސް އަގެއް ދައްކާކަށް ނުޖެހޭނެ އެވެ. މިއީ އުފެއްދުންތެރިންގެ މަސައްކަތްތައް ޢާންމުކޮށް ދައްކާލުމަށްޓަކައި އެފަދަ މަސައްކަތް ކުރައްވާ ފަރާތްތަކަށް ހިލޭ ދެވޭ ފުރުޞަތެކެވެ.
ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒު 2025 އަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމާއި އިރުޝާދުގެ ދަށުން، އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ބާއްވާ ޚާއްޞަ މައުރަޒެކެވެ. މި މަޢުރަޒު ބޭއްވުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ މެއި މަހުގެ 23 އިން 31 އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު ނުވަތަ، މޯލްޑިވްސް އެކްސްޕޯ 2025 އަކީ މިހާތަނަށް ރާއްޖޭގައި ބޭއްވޭ އުފެއްދުންތެރިކަމުގެ އެންމެ ބޮޑު މަޢުރަޒެވެ. މި މަޢުރަޒުގައި ދިވެހިވަންތަ ޡަޤާފީ އުފެއްދުންތެރިކަމުގެ އިތުރުން ޒަމާނީ ދިވެހި އުފެއްދުންތަކާއި، ހުނަރުވެރި ދިވެހީންގެ ސުމޭކު އުފެއްދުންތަކާއި މުނިފޫހިފިލުވުމުގެ ދާއިރާގެ އުފެއްދުންތަކާއި ހުށަހެޅުންތަކަށްވެސް ޖާގަ ދިނުމަށް ވަނީ ހަމަޖެހިފައެވެ.