ENGLISH
09 މޭ 2025
ފަހި ޞިއްޙަތު ހެލްތު ފެއަރ، ހުޅުވުމުގެ ރަސްމިއްޔާތު މެޑަމް ސާޖިދާ ޝަރަފްވެރިކޮށްދެއްވައިފި
25 އޭޕްރީލު 2025
|
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު "ފަހި ޞިއްޙަތު ހެލްތު ފެއަރ" ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ: އެމްއެމްޓީވީ
ދުނިޔޭގެ ޞިއްޙަތު ދުވަހާ ގުޅުވައިގެން ބާއްވާ "ފަހި ޞިއްޙަތު ހެލްތު ފެއަރ" ހުޅުވުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މިއަދު ހަވީރު ޝަރަފްވެރިކޮށްދެއްވައިފިއެެވެ.
ފަހި ސިއްޙަތު ހެލްތު ވެލްފެއަރ، އިންތިޒާމުކުރީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން އިސްނަގައިގެން، ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އާއި ޔުނިސެފް އަދި ޞިއްޙީ ދާއިރާގައި މަސައްކަތްކުރާ އިދާރާތަކާއި ގުޅިގެންނެވެ. ފެއާރ ހުޅުވުމުގެ ރަސްމިއްޔާތުގައި އެ އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
އާޓިފިޝަލް ބީޗްގައި ކުރިއަށްދިޔަ ފެއަރ ރަސްމީކޮށް ހުޅުއްވައިދެއްވުމަށްފަހު މެޑަމް ސާޖިދާ މުޙައްމަދު ވަނީ ފެއަރގައި ތައްޔާރުކޮށްފައިވާ ހުރިހާ ސްޓޯލްތަކަށް ވަޑައިގެން މަޢުލޫމާތު ސާފުކުރައްވައިފައެވެ. އަދި، ސްޓޯލްތަކުގައި ހަރަކާތްތެރިވާ އޮފިޝަލުންނާ އެކަމަނާ ބައްދަލުކުރެއްވިއެވެ.
ފެއަރ ބޭއްވުމުގެ މައިގަނޑު މަޤްޞަދަކީ ދުނިޔޭގެ ޞިއްޙަތު ދުވަސް ފާހަގަކުރުމަށް ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން މި އަހަރުގެ ޝިއާރާ ގުޅުވައިގެން މުހިއްމު މައުލޫމާތުދީ ހޭލުންތެރިކުރުންކަމަށް ޤައުމީ ޔުނިވަރސިޓީން ބުނެފައިވެއެވެ.
ފަހި ސިއްޙަތު ހެލްތު ފެއަރ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: އެމްއެމްޓީވީ
އެއް ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ފެއަރ ކުރިއަށްގެންދަނީ ދެ ދަންފަޅިއަކަށް ބަހާލައިގެންނެވެ. އެގޮތުން ފެއަރ ކުރިއަށްދާނީ މިއަދު ހަވީރު 4 އިން 6 އަށް އަދި މިރޭ 8 އިން 10 އަށެވެ.
ފެއަރގައި ބައިވެރިވަނީ، ޑަބްލިއުއެޗްއޯ، ޔުނިސެފް، ސްކޫލް އޮފް މެޑިސިން، ސްކޫލް އޮފް ނާސިން، ދަމަނަވެށި، ކެއަރ ސޮސައިޓީ، ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް، ޑައިބެޓިކް ސޮސައިޓީ އޮފް މޯލްޑިވްސް، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، ހުޅުމާލެ ހޮސްޕިޓަލް، ސޮސައިޓީ ފޯރ ހެލްތު އެޑިއުކޭޝަން އަދި ސްވިމް މޯލްޑިވްސް އެވެ.
ދުނިޔޭގެ ޞިއްޙަތު ދުވަހަކީ ކޮންމެ އަހަރެއްގެ ވެސް އޭޕްރީލް 7 ވަނަ ދުވަހެވެ. ދުނިޔޭގެ ޞިއްޙަތު ދުވަހުގެ މިއަހަރުގެ ޝިއާރަކީ "ދުޅަހެޔޮ ފެށުމެއް، އުއްމީދީ މުސްތަޤްބަލެއް" އެވެ. ޝިއާރުގައި އަލިއަޅުވާލާފައިވަނީ މައިންނާއި އަލަށް އުފަންވާ ކުދިންގެ ޞިއްޙަތުގެ މުހިއްމު ކަމާއި، ދުޅަހެޔޮ މުޖުތަމަޢުތަކާއި އުޖާލާ މާދަމާއަކަށް މަގުފަހިކޮށްދޭ ބިންގަލުގެ މައްޗަށެވެ.