ENGLISH
09 މޭ 2025
ޚާއްޞައެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި 199 މީހުން ބަލަހައްޓާ: ސިއްޙީ ވުޒާރާ
25 އޭޕްރީލު 2025
|
ކ. ގުރައިދޫގައި ހުންނަ ޚާއްޞައެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު. އެ މަރުކަޒުގައި 199 މީހުން އެބަތިބި
ކ. ގުރައިދޫގައި ހުންނަ ޚާއްޞައެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި މިވަގުތު 199 މީހުން ބަލަހައްޓަމުންގެންދާ ކަމަށް ޞިއްހީ ވުޒާރާގެ ދަށުން ހިންގަމުން އަންނަ ނެޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓުން ބުނެފި އެވެ.
ގުރައިދޫގައި ހުންނަ ޚާއްޞައެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަކީ ނަފްސާނީ ބަލިތަކާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، އުމުރުން ދުވަސްވީ މީހުން ރައްކާތެރިކަމާއެކު ބެލެހެއްޓުމަށް ޚާއްޞަކުރެވިފައިވާ މަރުކަޒެކެވެ.
މެންޓަލް ހެލްތު ޑިޕާޓްމަންޓުން އިއްޔެ ވަނީ އެ މަރުކަޒުގެ އެންމެ ފަހުގެ އަދާހަމަ އާއްމުކޮށްފަ އެވެ. އެގޮތުން ޚާއްޞައެހީއަށް ބޭނުންވާ މީހުންގެ މަޒުކަޒުގައި މިވަގުތު 199 މީހުން ތިބިއިރު އޭގެތެރޭގައި ގިނައީ ފިރިހެނުންނެވެ. ފިރިހެން 123 މީހުން ބަލަހައްޓަމުންދާއިރު އަންހެން 76 މީހުން އެ މަރުކަޒުގައި ބަލަހައްޓައެވެ.
ޖުމްލަ އަދަދުގެ ތެރެއިން 65 އަހަރުން މަތީގެ 32 މީހުން އެ މަރުކަޒުގައި އެބަތިއްބެވެ. މަރުކަޒުގައި މިވަގުތު ތިބި މީހުންގެ ތެރެއިން 167 މީހުންނަކީ ނަފްސާނީ ބަލިތަކަށް ފަރުވާހޯދާ މީހުން ކަމަށް މެންޓަލް ހެލްތު ޑިޕާޓްމަންޓުން ވަނީ ބުނެފައެވެ.
ޚާއްޞައެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ތިބި މީހުންގެ ތެރެއިން އަނބުރާ އާއިލާތަކާ ޙަވާލުކުރެވޭ ޙާލަތުގައި ތިބި މީހުން "ރީއިންޓަގްރޭޓް" ކުރުމުގެ މަސައްކަތް ވަރަށް ފުޅާކޮށް އަންނަނީ ކުރަމުންނެވެ. އެގޮތުން މިދިޔަ އަހަރު 20 މީހުން އަނބުރާ އާއިލާތަކާ ޙަވާލުކުރިއިރު މިއަހަރުގެ 22 އޭޕްރީލްގެ ނިޔަލަށް 13 މީހުން ވަނީ އަނބުރާ އާއިލާއާ ޙަވާލުކޮށްފައެވެ. މިދިޔަ ދޮޅު އަހަރަށް ބަލާއިރު 33 މީހުން އަނބުރާ އާއިލާތަކާ ޙަވާލުކޮށްފައިވެއެވެ.
ޚާއްޞައެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު މީގެކުރިން ބެލެހެެއްޓީ އިޖުތިމާއީ އަދި އާއިލީ ތަރައްްޤީއާ ބެހޭ ވުޒާރާއިންނެވެ. ޞިއްޙީ ވުޒާރާގެ ދަށަށް އެ މަރުކަޒު ބެލެހެއްޓުން ބަދަލުކުރީ 2024 ވަނަ އަހަރުގެ އޮގަސްޓް މަހު އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ކެބިނެޓުން އެގޮތަށް ނިންމެވުމާއެކު، އެ މަރުކަޒުގެ ބަޖެޓާއި، މަރުކަޒުގެ މަސައްކަތާ ޙަވާލުވެ ތިބި މުވައްޒަފުން ވެސް ވަނީ ޞިއްޙީ ވުޒާރާގެ ދަށަށް ބަދަލުކޮށްފައެވެ.