ENGLISH
09 މޭ 2025
ފުވައްމުލަކު ބިނާވެށި ޕްލޭނަށް އާންމުން ހިޔާލު ދިނުމަށް މޭޔަރުގެ އެދިވަޑައިގެންފި
25 އޭޕްރީލު 2025
|
ފުވައްމުލަކު ދަނޑިމަގު ކުޅި: އެރަށުގެ ބިމުގެ ބޮޑު ބަޔަކީ ކުޅި ހިމެނޭ ސަރަހައްދު-- ފޮޓޯ/އެމްއެމްޓީވީ
ވަކި އަތޮޅެއްގެ ގޮތުގައި އޮތް ފުވައްމުލަކުގެ ބިނާވެށި ޕްލޭނަށް އާންމުންގެ ހިޔާލު ދިނުމަށް އެ ސިޓީގެ މޭޔަރު އިސްމާއިލް ރަފީގު އެޑިވަޑައިގެންފިއެވެ.
އިސްމާއިލް ވަނީ މުސްތަގުބަލަށް ވިސްނާއިރު ފުވައްމުލަކުގެ ބިން ހެޔޮގޮތުގައި ބޭނުންކުރުމަށް، އެންމެ އިސްކަންދޭންވީ ކަންކަން ފާހަގަ ކުރައްވާ ފޭސްބުކްގައި ހިޔާލުތަކެއް ހިއްސާ ކުރައްވާފައެވެ.
ގާތްގަނޑަކަށް 494 ހެކްޓަރުގެ ބިމެއް އޮންނަ ފުވައްމުލަކުގެ އާބާދީ އަކީ މިހާރު 14,251 އެވެ. ހެކްޓަރަކަށް 28.8 މީހުން ޖެހެއެވެ. ރާާއްޖޭގެ ރަށްތަކުގެ ތެރެއިން ތިން ވަނަ އަށް އެންމެ ބިން ބޮޑު ރަށުގައި ބޮޑު ދެ ކުޅިވެސް އޮވެއެވެ.
އިސްމާއިލް ފާހަގަކުރައްވާފައިވާ ގޮތުގައި ފުވައްމުލަކަކީ ބިންބޮޑު ރަށަކަށް ވިޔަސް، އާބާދީގެ ނިސްބަތަށް ބަލާއިރު ބިމުގެ ދަތިކަން ކުރިމަތިވަމުންދާ ރަށެކެވެ. ޒަމާނުއްސުރެ ދައުލަތުގެ އެކި އެކި މުއައްސަސާތަކަށާއި އާންމު ބޭނުންތަކަށް ދޫކޮށްފައިވާ ބިންތައް ތަރައްގީކޮށް ބޭނުންކުރަމުން އަންނަނީ އެންމެ އެކަށީގެންވާ ގޮތެއްގައި ނޫންކަން އޭނާ ފާހަގަކުރައްވާފައިވެއެވެ.
ރަށުގެ ހޮސްޕިޓަލު، ދެވަނަ ބިމެއްގައި އަލަށް އިމާރާތް ކުރުމުންވެސް، މާގިނަ ދުވަސްތަކެއްނުވެ ބިން ފުރިގެން ޖާގައިގެ ދަތިކަން މިހާރު ކުރިމަތިވެފައިވާކަން ފާހަގަކުރައްވާފައިވެއެވެ. އިސްމާއިލް ފާހަގަކުރައްވާފައިވާ ގޮތުގައި ހޮސްޕިޓަލުގެ ޖާގަ ފުރިފައިވަނި ދިގު މުއްދަތުގެ ޕްލޭނެއްނެތި ހިދުމަތްތައް ފުޅާކޮށް ޖާގަ ތަނަވަސްކުރަން "އެކްސްޓެންޝަން"ތައް ހަދަމުން ދިއުމުގެ ސަބަބުންނެވެ.
ގާތްގަނޑަކަށް 494 ހެކްޓަރު ހުންނަ ފޯވައްމުލައް-- ފޮޓޯ/ އިސްމާއީލް ރަފީގު
"ފުވައްމުލައް ސިޓީ ކައުންސިލްގެ ވިސްނުމަކީ މިކަންކަން ބަދަލުކޮށް ބިމުގެ ބޭނުން އެންމެ ފުރިހަމައަށް ހިފޭނެ ގޮތްތަކެއް ރޭވުން،" އިސްމާއިލް ވިދާވެފައިވެއެވެ.
އިސްމާއިލްގެ ހިޔާލަކީ ފުވައްމުލަކުގައި އަޅާ ސަރުކާރުގެ އިމާރާތްތައް ހަ ބުރިއަށް އިމާރާތްކުރުމާއި ގްރައުންޑްފްލޯ ގައި ޕާކިންއާއި ވިޔަފާރި ޖާގަ ހިމެނޭގޮތަށް ފްލެޓް އިމާރާތްތައް 7-10 ބުރިއަށް އިމާރާތްކުރުމެވެ.
އިސްމާއިލް ވިދާޅުވީ ސަރުކާރުގެ އޮފީސްތައް އެއްތަނަކަށް ބަދަލުކޮށް އިތުރު ވިޔަފާރި އަދި އޮފީސް ގާޖަ އުފެއްދުމަށް ކައުންސިލުން އޮފީސް ކޮމްޕްލެކްސްއެއް އަޅަން ނިންމާފައިވާކަމަށެވެ.
މޭޔަރު އިތުރަށް ވިދާޅުވީ ފުވައްމުލަކުގެ ބިން އެންމެ ހެޔޮގޮތުގައި ބޭނުންކުރެވޭނީ ރައްޔިތުންނާއި، ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރުގެ ފުރިހަމަ އެއްބާރުލުމާއިއެކު ކަމަށެވެ.
ފުވައްމުލަކު ސިޓީގެ ބިން ބޭނުންކުރުމާ ގުޅޭގޮތުން މޭޔަރު ހިޔާލު ހިއްސާކުރެއްވިއިރު، އުތުރުގެ ކުޅުދުއްފުށި ސިޓީގެ ބިން އެންމެ އެކަށީގެންވާ ގޮތަށް ބޭނުންކުރުމާ ބެހޭ ގޮތުން އާންމުން އަންނަނީ ތަފާތު ހިޔާލުތައް ފާޅުކުރަމުންނެވެ.