ENGLISH
31 އޮކްޓޯބަރު 2025
ފަސް މިލިއަން ގަސް ޕްރޮގްރާމަށް ބޭނުންވާ ގަސް އާލާކުރުމަށް ހުޅުމާލޭގައި ޒަމާނީ ނާސަރީއެއް އަޅަނީ
25 އޭޕްރީލު 2025
|
 
            އެންވަޔަރަމެންޓް މިނިސްޓްރީގެ ފަސް މިލިއަން ގަސް ޕްރޮގާރާމުގެ ޓީމު ޗައިނާގެ ނެޝެނަލް ޕާކް އެޑްމިނިސްޓްރޭޝަންގެ ބޭފުޅުންނާ ބައްދަލުކުރައްވަނީ-- ފޮޓޯ/ އެންވަޔަރަމެންޓް
ފަސް މިލިއަން ގަސް ޕްރޮގްރާމަށް ބޭނުންވާ ގަސް އާލާކުރުމަށް ހުޅުމާލެ ފޭސް ދޭއްގައި ޒަމާނީ ނާސަރީއެއް ތަރައްގީ ކުރުމަށް ޓޫރިޒަމް އެންޑް އެންވަޔަރަމެންޓް މިނިސްޓްރީން ނިންމައިފިއެވެ.
އެންވަޔަރަމެންޓް މިނިސްޓްރީން ބުނި ގޮތުގައި ފޭސް ދޭއްގައި 55،000 އަކަފޫޓުގެ ބިމެއްގައި އަޅާ މި ނާސަރީ ތަރައްގީކުރާނީ މީޓީން ރޫމަކާއި ލެބޯޓަރީއެއް ވެސް ހިމަނައިގެން އާންމުންނަށް ވެސް ވަދެވޭ ގޮތަށެވެ. ނާސަރީ ތަރައްގީކުރުމުގެ މަސައްކަތް މިއަހަރުގެ ތެރެގައި ފެށުމަށް މިނިސްޓްރީން އަންނަނީ މަސައްކަތް ކުރަމުންނެވެ.
 
    ފަސް މިލިއަން ގަސް ޕްރޮގާރާމުގެ ޓީމު ހުޅުމާލޭގައި ހަދާ ނާސަރީއާ ބެހޭ މައުލޫމާތު ހިއްސާކުރަނީ-- ފޮޓޯ/ އެންވަޔަރަމެންޓް 
މި ނާސަރީ ތަރައްގީ ކުރުމާ ގުޅޭ ގޮތުން މަސްވަރާކުރުމަށް ފަސް މިލިއަން ގަސް ޕްރޮގާރާމުގެ ޓީމު ޗައިނާ އަށް ވަނީ ދަތުރެއްކޮށްފައެވެ. މި ދަތުރުގައި އެޓީމުން ވަނީ ޗައިނާގެ ނެޝަނަލް ޕާކް އެޑްމިނިސްޓްރޭޝަނާ މަޝްވަރާ ކޮށްފައެވެ. މި މަޝްވަރާ ތަކުގައި މި ނާސަރީ ހަދާ ތަނާއި އެތައް ތަރައްގީކުރާ ގޮތާއި ބެހޭ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. މި ނާސަރީ ތަރައްގީ ކުރަން ނިންމާފައިވަނީ ޗައިނާ ސަރުކާރުގެ އެހީއާއެކުގައެވެ.
ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގުރާމަކީ ރާއްޖެއިން ނެތެމުންދާ ގަސްތައް އަލުން އާލާކުރުމާއި ފެހިކަން އިތުރުކޮށް މާހައުލީ ނިޒާމު ދެމެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރުގެ ތިމާވެށީގެ ދުވަހު، ޖޫން 5 ގައި ފެއްޓެވި ޕްރޮގްރާމެކެވެ.
 
                       
                       
                      