ENGLISH
07 ޖުލައި 2025
ނަބަވީގެ އިމާމުގެ އަސަރުގަދަ ޚުތުބާއެއް، ކޮންމެ މީހަކު ވިސްނާލުން މުހިންމު ނުކުތާތަކެެއް!
25 އޭޕްރީލު 2025
|
މަސްޖިދުއްނަބަވީގެ އިމާމު ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރު
އިސްލާމީ މަރުކަޒުގައި މިއަދު އިމާމުވެ ހުކުރު ނަމާދު ކުރެއްވީ, ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެން އުޅުއްވާ މަސްޖިދުއްނަބަވީގެ އިމާމު ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރު އެވެ. އެމަނިކުފާނު ހުތުބާ ދެއްވީ "ތިޔަބައިމީހުންނީ ލޯބިވާ އަޚުންތަކެއް ކަމުގައިވާށެވެ!" މި މައުޟޫއު އަށެވެ.
ޝެއިޚް ދެއްވީ އަސަރުގަދަ ޚުތުބާ އެކެވެ. މުހިންމު މަޢުލޫމާތުން ފުރިގެންވާ ޢިލްމީ ޚުތުބާ އެކެވެ.
ޝެއިޚް ޚުތުބާ ފެއްޓެވީ ﷲ ސުބްޙާނަހޫ ވަތަޢަލާ އެ ކަލާނގެ ކަލާމްފުޅުގައި، އެ ކަލާނގެ އަޅުތަކުންނަށް އަމުރުކުރައްވައިފައި ވަނީ، ކިޔަމަންގަތުމާއި ހެޔޮ ޢަމަލުތަކުގައި ކުރިއަރައިދިއުމަށް ކަމަށް ވިދާޅުވަމުންނެވެ. އަދި އެއްބައިވަންތަވުމަށާއި ގުޅިގެން އުޅުމަށާއި ބައިބައިވުމާއި ދެބަސްވުންތައް ނަހީކުރެއްވި ކަމަށެވެ.
މާތް ﷲ ހުއްދަކުރެއްވި ކަންކަމުގައި އެއްބަސްވާ، އެކަކު އަނެކަކުދެކެ ލޯބިވާ ބައެއްގެ ގޮތުގައި ދިރިއުޅުމަށާއި ހެޔޮކަމާއި ތަޤްވާވެރިވުމުގައި އެކަކު އަނެކަކަށް އެހީތެރިވާ ބަޔަކަށް ވުމަށް ކަމަށެވެ. އެކަމުގެ ފުރިހަމަ މިސާލާއި ދަލީލު ކީރިތި ޤުރުއާނާއި ސުންނަތުގެ އަލީގައި ބަޔާން ކޮށްދެއްވި އެވެ.
ޝެއިޚްގެ ޚުތުބާގައި ވިދާޅުވި ގޮތުގައި އެންމެ ނުބައި މީހަކީ، އެ މީހެއްގެ ޤައުމު ޚަރާބުކޮށް، އަމާންކަމާއި ސަލާމަތްކަން ނަގައިލައި، އަމިއްލަ މީހުންނާ ދެކޮޅަށް ހަނގުރާމަކުރާ މީހާ އެވެ. ދެބަސްވުމާއި ދެކޮޅުވެރިކަމުގެ އަލިފާން ރޯކުރާ ޖާހިލަކަށް، ޤައުމެއްގެ ރައްޔިތުން އެއްގަލަކަށް ނޭރުވޭނެ ކަމަށް ވިދާޅުވި އެވެ.
އަދި ހަރުކަށިކަމާއި ނަފުރަތުން މީސްތަކުން ދީނާ ދުރުކުރާ މީހުންނާއި، މީސްތަކުންނާ ހުތުބަހުން މުޚާޠަބުކޮށް އަނިޔާވެރިވާ މީހުންނާއި، މީސްތަކުންގެ ހިތްތަކުގައި ނަފުރަތުގެ އޮށްތައް އިންދައި، އެބައިމީހުންގެ ބަދަހި ސަފުތައް ވިސްސިވިހާލި ކޮށްލާ މީހުންނާއި، ތަންދޮރު ނުދަނެ ތިބެ ފަތުވާދީއުޅޭ މީހުންނާއި، އަނިޔާވެރިކަމާއި ފާޖިރުމަކުން ސިފަލިބިގެންވާ ބަޔަކަށް ވެސް ޤައުމު އެއްގަލަކަށް ނޭރުވޭނެއެވެ. ފަހެ ފުރެދުމާއި، ފަސާދައާއި، އިލްޙާދަށް ގޮވައިލައި، މުސްލިމުން ބައިބައިކޮށް ދެކޮޅުވެރިކަން އުފައްދާ މީހުންނާމެދު ބިރުވެތިވެ ޙިކުމަތްތެރިކަމާއި މެދުމިނުގައި ހިފެހެއްޓުމަށް ނަސޭހަތްތެރިވެވަޑައިގަތެވެ.
އޭގެ ފަހުން ދެން ބަޔާން ކޮށް ދެއްވީ އެކަކު އަނެކަކަށް ރަޙުމުކޮށް އޯގާވެރިވެ އުޅުމަކީ މަތިވެރި ކަމެކެވެ. އެގޮތުން ވިދާޅުވި އެވެ;
"... ابْنُ الْقَيِّمُ -رحمه الله ވިދާޅުވެފައި ވެއެވެ. ﷲ ތަޢާލާއީ އޯގާވެރީންގެ މައްޗަށް އޯގާވެރި ރަސްކަލާނގެއެވެ. އެ ކަލާނގެއީ އަޅުތަކުންގެ ސިއްރުތައް ވަންހަނާކޮށްދޭ މީހުންގެ ސިއްރުތައް ވަންހަނާކޮށްދެއްވާ ރަސްކަލާނގެއެވެ. އެ ކަލާނގެއީ މީސްތަކުންނަށް މަޢާފުކުރާ މީހުންނަށް ގިނަގިނައިން ޢަފޫކުރައްވާ، އެ މީހުންގެ ފާފަ ފުއްސަވާ ރަސްކަލާނގެއެވެ. އެއީ އެ ކަލާނގެ އަޅުތަކުން ކުރެ ރަޙުމުހުރި އޯގާވެރީންގެ މައްޗަށް ނުހަނު އޯގާވެރި ރަސްކަލާނގެއެވެ. ހިތް ހަރު، ހަރުކަށި މީހުން ދެކެ ކޯފާވެވޮޑިގެންވާ ރަސްކަލާނގެއެވެ. ކުލުނުވެރީންނަށް ކުލުނުވެރި، ކެތްތެރިކަމަށް ލޯބިކުރައްވާ، މީހުންނަށް ހެޔޮކޮށް ހިތާ މީހުންނަށް ހެޔޮ ގޮތް މެދުވެރިކުރައްވާ، ޢަދުލުވެރީން ދެކެ ލޯބިވެވޮޑިގެންވާ ޢަދުލުވެރި ރަސްކަލާނގެއެވެ. ޢުޛުރުވެރިޔާގެ ޢުޛުރު ޤަބޫލުކުރާ މީހުންގެ ޢުޛުރު ޤަބޫލުކުރައްވާ ރަސްކަލާނގެއެވެ. އެ ކަލާނގެ އަޅުތަކުންނަށް، މިފަދަ މާތް ސިފަތަކުގެ ސަބަބުން އެއާ އެއްފަދަ ހެޔޮ ޖަޒާ ދެއްވައެވެ. ޢަފޫކުރާ މީހުންނަށް ޢަފޫކުރެއްވުމުންނެވެ. އެ ކަލާނގެ އަޅުތަކުންނަށް ހެޔޮކޮށް ހިތާ މީހުންނަށް ހެޔޮކޮށް ހިއްތެވުމުންނެވެ. އަދި މީހަކު އެހެން މީހުންގެ އަބުރަށް އަރައިގަނެ ފަޟީޙަތްކުރުމާއިގެން ތެދުވެއްޖެނަމަ މާތް ﷲ އެމީހަކު ފަޟީހަތްކުރައްވާހުއްޓެވެ. އެހެން މީހަކަށް ހެޔޮކަމެއް ލިބޭން ނޭދޭ މީހާ ހެޔޮކަމުން މަހްރޫމުކުރައްވަތެވެ. މީހަކަށް ދަތިކޮށްފި މީހާއަށް ދަތިކުރައްވާހުއްޓެވެ. އެހެން މީހަކަށް މަކަރު ހަދައި ކެހިދީފި މީހަކަށް އެކަމާ އެއްފަދަ ސަޒާ ދެއްވާހުއްޓެވެ. އަޅާ މީހަކާ މުޢާމަލާކުރާ ގޮތަކަށް، ދުނިޔެއާއި އާޚިރަތުގައި ވެސް މާތް ﷲ އޭނާއާ މުޢާމަލާ ކުރައްވާހުއްޓެވެ,"
މިއަދުގެ ޚުތުބާގައި ޝެއިހް ވިދާޅުވި ގޮތުގައި ﷲގެ އަޅުތަކުންނަށް ފައިދާއެއް ކޮށްދިނުމަކީ އެންމެ މަތިވެރި ޚުލްޤެވެ. މީސްތަކުންނަށް ހެޔޮކޮށް ކަންތައްކުރާ މީހުން ދިރިއުޅޭނީ ޢިއްޒަތާއި ޝަރަފާއި ޤަދަރުވެރި ކަމުގައި ކަމަށް ވިދާޅުވި އެވެ.
އެހެން ކަމުން ތިބާއީ މީސްތަކުންނަށް ފައިދާހުރި، ހެޔޮފޯރުވައި އުޅޭ މީހަކަށް ވުމަށް ނަސޭހަތްތެރިވެވަޑައިގަތެވެ.
".. ކީރިތި ރަސޫލާ ޙަދީޘްކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ. "މީސްތަކުން ކުރެ ﷲ ތަޢާލާގެ ޙަޟްރަތުގައި ލޮބުވެތިކަން އެންމެ ބޮޑު މީހަކީ، މީސްތަކުންނަށް އެންމެ ފައިދާހުރި މީހާއެވެ. އަދި ﷲ ތަޢާލާ އެންމެ ރުހިވޮޑިގެންވާ ޢަމަލަކީ މުސްލިމެއްގެ ހިތަށް އުފާވެރިކަމެއް ގެނެސްދިނުމެވެ. ނުވަތަ އޭނާއަށް ޖެހިފައިވާ ބޮޑުކަމެއް ލުއިކޮށްދިނުމެވެ. ނުވަތަ އޭނާގެ ދަރަންޏެއް އަދާކޮށްދިނުމެވެ. ނުވަތަ އޭނާގެ ބަނޑުހައިހޫނުކަން ފިލުވައިދިނުމެވެ. އަހަރެންގެ އަޚާއަށް ޖެހިފައިވާ ކަމެއް ކޮށްދޭން މަސައްކަތްކުރުން މަސްޖިދުއްނަބަވީގައި އިޢުތިކާފަށް އިނުމަށް ވުރެ މާހެޔޮކަން ބޮޑެވެ"
އަދި ނަސޭހަތްތެރިވެވަޑައިގަތީ އެހީތެރިކަމާއި، ދީލަތިކަމާއި، ހޭދަކުރުން ދޫކޮށްނުލުމަށެވެ. މުށްބާރު ނުކުރުމަށެވެ. ބޭނުމެއް ޖެހިގެން އަތްދިއްކޮށްލާ މީހާއަށް ކުޑަނަމަވެސް ހެޔޮކަމުގެ އަތެއް ދިއްކޮށް ލުމަށެވެ. ނުވަތަ ހިތްހެޔޮކަމާއެކު ރީތިކޮށް އޭނާއަށް ޖަވާބު ދިނުމަށެވެ.
އޭނާގެ ނިކަމެތިކަމާހެދި ސަލާންޖެހުމުން ހުސްއަތާ ދާންޖެހުމާއި، ތިބާގެ ހަރުކަށިކަމާއި ނުރުހުން އެކުވިޔަނުދިނުމަށެވެ.
ޝެއިޚް ވިދާޅުވި ގޮތުގައި މާތްމީހާގެ ވަޢުދު އަވަހަށް ފުއްދާނެ އެވެ. ބަޚީލުމީހާ ބުނާނީ މާދަން އަންނާށޭ އެވެ. އެއްޗެއް ދޭނެކަމަށް ބުނެ ދަންމަދަންމައި ހުރުމަށް ވުރެ ޞަރީޙަ ޖަވާބުދިނުން ހެޔޮކަން ބޮޑު ކަމުގައި ވިދާޅުވި އެވެ.
ޚުތުބާގައި ޝެއިހް ފާހަގަ ކުރެއްވި ގޮތުގައި މުއުމިނުންނަކީ މީހުންގެ ބޭނުންތައް ފުއްދައިދޭ, މީހުންނަށް ޖެހޭ އުނދަގޫތަށް ދުރުކޮށްދޭ ބައެކެވެ.
އެހެން ކަމުން މުސްލިމުންނަށް އުނދަގޫކޮށް، އެ މީހުންގެ މައްޗަށް ބާޠިލު ތުހުމަތުތައް ނުކުރުމާއި ދޮގު ބުހުތާން ވާހަކަތައް ނުފެތުރުމަށާއި ދެރަކޮށް، ނިކަމެތިކޮށް ނުލުމަށާއި ބަދުބަސް ބުނެ، ލަޢުނަތްދީ، ކާފިރުކޮށް، މީހުންނަށް ނިސްބަތްކޮށް ބިދުޢަވެރީންނާއި ފާސިޤުންކަމުގައި ބުނެ ނޫޅުމަށް ނަސޭހަތްތެރިވެވަޑއިގަތެވެ.
އަދި އެ މީހުންގެ އަތްދަށުން ދޫވެގެން ކުރެވޭ ކުށްތައް ފަތުރައި، ފަޟީޙަތް ނުކުރުމަށާއި މީހުންގެ މުދާ ވަގަށް ނަގައި، ކެހިދީ، އަބުރު ނަގައިލައި، އެ މީހުންގެ ފުރާނަޔަށާއި އަބުރައް އަރައިނުގަތުމަށް ވެސް ނަސޭހަތްތެރިވެވަޑަައިގަތެވެ.
"ކީރިތި ރަސޫލާ މިންބަރަށް އަރައިވަޑައިގަންނަވައި ހަރުއަޑުފުޅުން ޙަދީޘްކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ. "އޭ އެ ބައެއްގެ ދުލުން އީމާންވެ، އެ އީމާންކަން ހިތާހަމައަށް ނުފޯރާ މީހުންނޭވެ! ތިޔަބައިމީހުން މުސްލިމުންނަށް އުނދަގޫ ނުކުރާށެވެ! އެ މީހުންނަށް ޢައިބުނުކިޔާށެވެ! އެ މީހުންގެ ކުށްތައް ހޯދައި ހާމަނުކުރާށެވެ. އެހެނީ ތިމާގެ މުސްލިމް އަޚާގެ ކުށްތައް ހޯދައި އުޅޭ މީހުންގެ ކުށްތައް މާތް ﷲ ހާމަކުރައްވާހުއްޓެވެ. އަދި އެފަދަ މީހާ ގޭގެ އެތެރޭގައި ވިޔަސް މާތް ﷲ އޭނާ ފަޟީޙަތްކުރައްވާހުށްޓެވެ." އެއްދުވަހަކު އިބުނު ޢުމަރު ކަޢުބާއާ ދިމާލަށް ބައްލަވައިލައްވައިފައި ވިދާޅުވިއެވެ. "ތިބާގެ މަތިވެރިކަމާއި ޤަދަރުގެ ބޮޑުކަމާއެވެ! ﷲގެ ޙަޟްރަތުގައި ތިބާއަށް ވުރެ މުއުމިނާގެ މާތްކަން މާބެޑެވެ" ޚުތުބާގައި ޝެއިހް ވިދާޅުވި އެވެ.
މުސްލިމެއްގެ ހުރިހައި ކަމަކީ، އަނެއް މުސްލިމާ އަރައިގަތުމަށް ޙަރާމްވެގެންވާ ކަންން ކަމަށާއި އޭގެ ތެރޭގައި އޭނާގެ ލެޔާއި، މުދަލާއި އަބުރު ހިމެނޭކަން ޝެއިޚް ފާހަގަ ކުރެއްވި އެެވެ.
ފަހު ޚުތުބާ ފައްޓަވަމުން ޝެއިޚް ވިދާޅުވީ ދުނިޔެއަކީ ދެމިހުރުން ހުރިތަނެއް ނޫން ކަމަށާ ކޮންމެ މީހަކީ މި ދުނިޔެ ދޫކޮށް ދާނޭ މީހެއް ކަމަށެވެ. އަދި އެ މީހަކީ ގޮސްނިމިފައިވާ ކޮންމެވެސް މީހެއްގެ ދަރިއެއް ކަމަށެވެ.
ޒަމާނަކީ ހޭދަވާ ރޭދުވާފަދަ ވަގުތުކޮޅެއް ކަމަށާ މަރު އޮތީ ދާދި ގާތުގައި ފާހަގަ ކުރައްވާ ޝެއިޚް ވިދާޅުވީ ދިރިހުރި އިންސާނާ ލާ ކޮންމެ ނޭވާއަކީ، އޭނާގެ ނަފުސު މަރާ ގާތްކޮށް، ދުނިޔެއަށް އަލްވަދާޢުޗކިޔާ ނޭވާއެއް ކަމަށެވެ.
ސުންގަޑި ކަނޑައެޅިފައިވާ ޙަޔާތުގެ އުންމީދަކީ ކޮންފަދަ އުންމީދެއްތޯ ސުވާލު ކުރައްވާ ދިރިއުޅުގެ ބައެއް ކަންކަން ބައެއް ފަހަރު، އިތުރު ފުރުޞަތެއް ނެތް ވަގުތަކަށް ގޮސް ނިމޭތަން ފެންނަ ކަމުގައި ޝެއިޚް ވިދާޅުވި އެވެ.
"މާތް ﷲގެ އަޅުތަކުންނޭވެ! ހަނދާންކޮށްދޭ މީހެއްގެ އަޑު ނާހައި ތިބާ ހުއްޓުމެއް ނެތި ތިޔަގޮތަށް ދާނީ ކިހައި ދުވަހަކަށް ހެއްޔެވެ؟ ތިބާގެ ޙަޔާތާ މެދު ބިނާކުރަނިވި ފާޑުކިޔުންތެރިޔާއަށް ބީރުކަންފަތެއް ދީގެން އުޅޭނީ ކިހައި ދުވަހަކަށް ހެއްޔެވެ؟ ތަވާޟުޢުވެރިވާންވީ ވަގުތު އަދިވެސް ނާދޭ ހެއްޔެވެ؟ ތަހައްޖުދަށް ތެދުވާކަށް އަދިވެސް ނުވޭހެއްޔެވެ؟ އަހަރެމެންނަށް މި ތިބެވެނީ ނިދިފައި ހެއްޔެވެ؟ ނޫނީ ހިތުގައި ވިންދު ނުޖަހަނީހެއްޔެވެ؟ އަޚާއެވެ! ތިބާ ނިދި ހަމަކޮށް ތެދުވާށެވެ! ނަރަކައިގެ އަލިފާން އަނއަނދައި ހުއްޓައި ތިބާ ނިދަނީހެއްޔެވެ! އޭހެ ހޫނު މަޑުވާނެ ދުވަހެއް ނާންނާނެއެވެ. އަދި އެއީ އޭގެ އަނގުރު ނިވޭކަށް ހުރި އަލިފާނެއް ނޫނެވެ. ލޮލަށް ފެންނަ މަންޒަރުތަކުން ޢިބުރަތް ލިބި، ދެކަންފަތުން ދަރުސްތައް އަޑުއަހާ މީހާގެ ގާތަށް އިންޛާރުދޭ މީހާ އަތުވެއްޖެއެވެ. މާތް ﷲގެ ކަލިމަފުޅުތައް އޭނާގެ ކަންފަތަށް އެބަ އިއްވެއެވެ. ނިކަމެތިކަމައެކު ތިބާގެ ވެރި ރަސްކަލާނގެ ޙަޟްރަތަށް ކުއްތަންވާށެވެ! ޢުޛުރުވެރިކަމާޢެކު އެ ކަލާނގެ ދީލަތިކަމުގެ ދޮރޯށީގައި ޓަކިޖަހާށެވެ! ޢަފޫކުރެއްވުމަށް އެދި ދެއަޔް އުފުލައިލާށެވެ," ޝެއިޚް ދެއްވި އަސަރުގަދަ ޚުތުބާގައި ބަޔާން ކުރެއްވި އެވެ.
އަދި ޚުތުބާ ނިންމަވާލައްވަމުން އިންސާނާ ނޭވާހޮޅިއަށް އެޅިއްޖައުމަށް ދާނދެން ތައުބާގެ ދޮރުކޮޅު ހުޅުވިފައިވާކަން ފާހަގަ ކުރައްވާ ނަފްސު އިސްލާޙުކޮށް ތަޢުބާވުން އަވަސް ކުރުމަށް ނަސޭހަތްތެރިވެވަޑައިގަތެވެ.