ENGLISH

09 މޭ 2025

Advertisement

ފުލުހުން އެންމެ އިސްކަންދޭ މައްސަތަކުގެ ތަރުތީބަށް ބަދަލެއް: އެންމެ ކުރިއަށް މަސްތުވާތަކެއްޗާއި ގުރޫޕްތަކުގެ މައްސަލަ

25 އޭޕްރީލު 2025

|

މުރުޝިދު އަބްދުލް ޙަކީމް

ފުލުހުންގެ މުވައްްސަސާއިން އެންމެ އިސްކަމެއް ދީގެން ހައްލު ކުރަން ނިންމަވާފައިވާ މައްސަލަތަކުގެ އެންމެ ކުރިއަށް މަސްތުވާތަކެތީގެ މައްސަލަތަކާއި ގުރޫޕްތައް ހަދައިގެން ޖިނާއީ ކުށްތަކަށް އަރައިގަންނަ މައްސަލަތައް ހަމަ ޖައްްސާފައިވާ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު ވިދާޅުވެއްޖެ އެވެ.

ފުލުހުންގެ އަހަރީ ދުވަހުގެ ރަސްމީ ޖަލްސާގައި ސީޕީ ޝުޖާއު ވިދާޅުވީ ފުލުހުން އެންމެ އިސްކަމެއް ދީގެން ހައްލުކުރަން މަސައްކަތް ކުރާ މައްސަލަތަކުގެ ތަރުތީބަށް ބަދަލު ގެނައީ ސަރުކާރުގެ ސިޔާސަތާއި އެއްގޮތަށް، މި މައްސަލަތައް ހައްލު ކުރުމަށް އިސްކަން ދިނުމުގެ ގޮތުން ކަމަށެވެ.

ސީޕީ ވިދާޅުވީ ރައްޔިތުންގެ ޓެކްސް ފައިސާއިން ބޮޑު ހޭދައެއްކުރާ ފުލުހުންގެ މުވައްސަސާއިން ރައްޔިތުންގެ ކަންބޮޑުވުން ހުރި މައްސަލަތަކަށް އެދެވޭ ހައްލު ހޯދައި ނުދެވޭކަމީ ރައްޔިތުންގެ ކަންބޮޑުވުން އޮތް ކަމެއް ކަމަށެވެ. އެގޮތުން އެއް ކަމެއް ގޮތުގައި ސީޕީ ފާހަގަ ކުރެއްވީ ގުރޫޕްތައް ހަދައިގެން ކުށްތަކަށް އަރައިގަންނަ މައްސަލަ އެވެ.

އެކި ކަހަލަ ކުށްތައްކުރާ ގުރޫޕްތައް އުފައްދައި، ގުރޫޕްތަކަށް ކުޑަކުދިން ވައްދައި، އެ ގުރޫޕްތަކުގެ އިސްވެރިންނަށް މަންފާވާ ގޮތައް އެ ކުދިން ބޭނުންކޮށް މުއްސަނދިވާ  ގުރޫޕްތަކުގެ ލީޑަރުންގެ މައްސަަލަތައް އެކަށީގެންވާ ގޮތެއްގައި ތަޙްޤީޤު ނުކުރެވުމަކީ ފުލުހުންނާމެދު އޮންނަ ޔަޤީންކަމާއި އިތުބާރު ގެއްލޭ ކަމެއް ކަމަށް ސީޕީ ވިދާޅުވިއެވެ.

މީގެ އިތުރުން މަސްތުވާތަކެތީ މައްސަލަައަށްވެސް އެކަށީގެންވާ ހައްލެއް އައިސްފައިނުވާކަން ސީޕީ ފާހަގަ ކުރެއްވި އެވެ.

"ރާއްޖޭގައި މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކާއި މަސްތުވާތަކެތި ރާއްޖެއަށް އެތެރެެކުރާ ފަރާތްތަކާއި އެއިން ވިޔަފާރިކުރާ ފަރާތްތައް އަތުނުލެވިދާ ކޮންމެ ދުވަހަކީ ރައްޔިތުންގެ ކަންބޮޑުވުން އޮތް ކަމެއް " - ސީޕީ ވިދާޅުވިއެވެ.

ސީޕީ ޝުޖާއު ވިދާޅުވީ މަސްތުވާތަކެއްޗާއި ކުށްތަކަށް އަރައިގަންނަ ގުރޫޕުތަކުގެ މައްސަލަ ހައްލު ކުރުމަށް ކޮންމެ ދައުރެއްގައިވެސް މަސައްކަތްތަކެއް ކުރެވޭ ކަމަށާއި އެހެން ނަމަވެސް އެކަމަށް އެކަށީވެގެންވާ ހައްލެއް އައިސްފައިނުވާ ކަމަށެވެ. ނަމަވެސް މި ދައުރުުގައި ފުލުހުންގެ މަސައްކަތްތައް ތަރުތީބުވެގެންދާއިރު އެންމެ އިސްކަމެއް ދޭނީ މަސްތުވާތަކެއްޗާއި ގުރޫޕްތަކުގެ މައްސަލަ ހައްލު ކުރުމަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ފުލުހުންގެ މަސައްކަތްތައް ތަރުތީބުވެގެންދާއިރު އެންމެ އިސްކަމެއް ދީގެން ހައްލު ކުރުމަށް ސަރުކާރުން އެދިލައްވާފައިވަނީ މަސްތުވާތަކެއްޗާއި ރޭވިގެން ހިންގާ ކުށްތައް މަދުކޮށް މި ކުށްތަކުގައި އުޅޭ ދެނެގަނެ، ތަހްގީގުތައް ހަރުދަނާކޮށް މިފަދަ މީހުނަށް ޤާނޫނީ ގޮތުން ދެވެން އޮތް އެންމެ ހަރުކަށި އަދަބެއްދިނުމަށް ފުލުހުން ކުރަން ޖެހޭ މަސައްކަތްތަކެއް ކޮށްދިނުމަށް" - ސީޕީ ވިދާޅުވިއެވެ.

ސަރުކާރުގެ އެންގުމާއި އެއްގޮތައް އެ ދެ މައްސަލަ ހައްލު ކުރުމަށް ފުލުހުން ކުރި ތަފާތު އެ މަސައްކަތަކީ ކުށްކުރާ ނެޓްވޯކްތަކުގައި އުޅެފައިވާ އަދި އުޅެމުންދާ ފަރާތްތަކަށް ލިބިފައިވާ މުއްސަނދިކަމަކީ ކިހިނެތް ލިބުނު މުއްސަނދި ކަމެއްތޯ ބެލުމަށް ފައިނޭންޝަލް އިންވެސްޓިގޭޝަންތަކެއް ހިންގަން ފެށުން ކަން ސީޕީ ފާހަގަ ކުރެއްވި އެވެ. އޭގެ ބައެއް މަސައްކަތްތައް ސީޕީ ވަނީ ފާހަގަ ކުރައްވާފައެވެ.

"އެގޮތުން ޏ.ފުވައްމުލަކުގައި 2024 ވަނަ އަހަރު ޕްލޭން ކުރެވިގެން ވެށިރައްކަލުުގެ ނަމުގައި ހިންގުނު އޮޕަރޭޝަން ވަނީ ކާމިޔާބުކަމާއެކު ނިންމާލާފަ. ފުވަމުއްލަކު ސިޓީން މަސްތުވާތަކެތީގެ ނެޓްވޯކަކުން 12 މީހުން ހޯދާ 121 މައްްސަލައެއް ތަހްގީގުކޮށް ޕްރޮސެކިއުޓާ ޖެނަރަލް އޮފީހަށް ފޮނުވިފައިވޭ. އަދި މި ނެޓްވޯކްގައި މުއްސަނދިކަން ހޯދާފައިވާ ބޮޑުންގެ ގޮތުގައި ހިމެނޭ ދެ މީހެއްގެ މައްސަލަ ވަނީ ޕްރޮސެކިއުޓާ ޖެނަރަލް އޮފީހަށް ފޮނުވާފަ" - ސީޕީ ވިދާޅުވިއެވެ.

ފުލުހުންގެ އަހަރީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެސް ވަނީ ފުލުހުންގެ މުވައްސަސާއަށް ރައްޔިތުން ކުރާ އިތުބާރު ދެމެހެއްޓުމަށްޓަކައި ރައްޔިތުންނާ ގާތުން މަސައްކަތްކޮށް ފުލުހުން ތަޙްޤީޤު ކުރާ މައްސަލަތަކުގެ މަޢުލޫމާތު އާންމުންނަށް ފޯރުކޮށް ދިނުމަށް ކުރާ މަސައްކަތް ހަލުވިކޮށް ވީހާވެސް ދެފުއް ފެންނަ ގޮތަކަށް ކަންކަން ރޭވުމަށް އެދިވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު