ENGLISH
25 އޭޕްރީލު 2025
ތަޙުޤީޤު ކުރާ މައްސަލަތަކުގެ މައުލޫމާތު ތެދުވެރިކަމާއެކު އަވަހަށް ހާމަކޮށް ދެއްވުމަށް ފުލުހުންގެ ކިބައިން ރައީސް އެދިވަޑައިގެންފި
24 އޭޕްރީލު 2025
|
ރައީސް މިރޭގެ ރަސްމިއްޔާތަށް ވަޑައިގަތުން -- ފޮޓޯ: ރައީސް އޮފީސް
ފުލުހުން ތަހުޤީޤު ކުރާ ކޮންމެ މައްސަލައެއްގައި ރައްޔިތުންނަށް އޭގެ ފުރިހަމަ މައުލޫމާތު ފުރަތަމަ ވަގުތުން ފެށިގެން ހިއްސާ ކުރެއްވޭ ގޮތަށް އުސޫލުތަކަށް ބަދަލު ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ އެދިވަޑައިގެންފި އެވެ.
އެމަނިކުފާނު އެކަމަށް އެދިވަޑައިގެންފައި ވަނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ 92 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވަނީ ފުލުހުން ކުރާ ކަންކަން ވީހާވެސް ދެފުށްފެންނަ ގޮތެއްގައި ވީހާވެސް އަވަހަށް ރައްޔިތުންނަށް އެނގެން ޖެހޭ ކަމަށެވެ. ރައީސް ވިދާޅުވީ މައުލޫމާތު ހިއްސާކުރުމާއި ނުކުރުމުގެ ތަފާތު އިންތިހާއަށް ބޮޑު ކަމަށާ މުއައްސަސާއަށް އިތުބާރު ހޯދުމަށް ރައްޔިތުންނާއި ގާތްވާން ޖެހޭ ކަމަށެވެ. އެކަން ކުރެވޭނީ މައުލޫމާތު ފޯރުކޮށްދީގެން ކަމަށް ރައީސް ވިދާޅުވި އެވެ.
އެހެން ކަމުން ރައީސް އެދިވަޑައިގަތީ މައްސަލައެއް ބަލަން ފެށުމާއެކު ވަގުތުން އެކަން ހާމަކޮށް ދިނުމަށެވެ. ވިދާޅުވީ އެކަމުން ފުލުހުންގެ ޕްރޮފެޝަނަލް މަސައްކަތަށް އިތުރު ކުރިއެރުން ލިބޭނެ ކަމަށެވެ.
"އަޅުގަނޑު ދެކެނީ ކަމެއް ދިމާވެގެން ބަލަން ފަށާ މައްސަލައެއްގައި ވިޔަސް ފުރަތަމަ ވެސް ރައްޔިތުންނަށް މައުލޫމާތު ހިއްސާކުރުމަށް ޕްރޮސީޖާ ބަދަލު ކުރަން އަޅުގަނޑު އެދެން،"
ތެދު މައުލޫމާތު އަވަހަށް ފޯރުކޮށް ދިނުމަކީ ސިޔާސީ ބޭނުމަށް ދޮގު ފަތުރާ އަދި ފުލުހުންގެ މުއައްސަސާގެ އަގު ވައްޓާލުމަށް މަސައްކަތް ކުރާ މީހުންނަށް އެޅޭ ހުރަހަކަށް ވެގެންދާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރައީސް ތަކުރާރު ކުރައްވާ ވިދާޅުވީ ފުލުހުން ރައްޔިތުންނަށް ދޮގު ނުހަދާނެ ކަމަށާ އެކަމުން ލިބޭނެ އެއްވެސް މޮޅެއް އަދި ފައިދާއެއް ނޯންނާނެ ކަމަށެވެ. އަދި އެމަނިކުފާނުގެ ޒަޢާމަތުގައި ފުލުހުންގެ މުއައްސަސާގެ ފަރާތުން ފެށިގެން ދާނީ ފެގެންދާނީ ތެދުވެރި، އަމާނާތްތެރި، އިޚްލާސްތެރި ޚިދުމަތެއް ކަމަށް ރައީސް ވިދާޅުވި އެވެ.
ފުލުހުންގެ ޕްރޮފެޝަނަލް ޚިދުމަތުގެ އަގު ވައްޓާލަން ކުރާ މަސައްކަތަށް އެއްވެސް ރައްޔިތަކު ފުރުސަތު ނުދިނުމަށް ވެސް އެމަނިކުފާނު އިލްތިމާސް ކުރެއްވި އެވެ.