ENGLISH
25 އޭޕްރީލު 2025
ފުރާޅަށް އަންހެނަކު ވެއްޓުން؛ ރައުދު ހައްޔަރުކޮށް، ދެ ތަނެއް ބަލައި ފާސްކޮށްފި
24 އޭޕްރީލު 2025
|
މަަގުމަތީ ފުލުހުން ހަރަކާތްތެރިވަނީ، ފޮޓޯ: ފައިލް
އޭޕްރީލު މަހުގެ 18 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ހެންވޭރުގެ ގެއަކުން އެގެއާ ޖެހިގެން ހުރި ގޭގެ ފުރާޅު މައްޗަށް އަންހެނަކު ވެއްޓުނު މައްސަލައާ ގުޅިގެން އެވަގުތު އެ އަންހެން މީހާއާއެކު އެގޭގައި އުޅުނު ޒުވާނާ ހައްޔަރުކޮށް، އެ މައްސަލައާ ގުޅުންހުރި ދެތަނެއް ފުލުހުންގެ ހިދުމަތުން ބަލައި ފާސްކޮށްފިއެވެ.
ފުލުހުން މީޑިޔާއަށް މައުލޫމާތު ދިން ގޮތުގައި މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ފުލުހުން ބަލައި ފާސްކުރި ދެ ގެއަކީ އަންހެން މީހާ ވެއްޓުނު ގެއަށް ވަނުމުގެ ކުރިން އޭނާއާ އެރޭ އޭނާއާއެކު އުޅުނު މީހުން ހަރަކާތްތެރިވެފައިވާ ދެ ގެއެވެ.
އެގޮތުން މއ.މާންދޫގޭ ޓެރެސްއާއި ދެވަނަ އަދި ހަތަރުވަނަ ފަންގިފިލާ ފުލުހުން ބަލައި ފާސްކުރިއެވެ. އަދި ހ.ކަށިވެލިގޭގެ ތިންވަނަ ފަންގިފިލާވެސް ފުލުހުން ބަލައި ފާސްކުރިއެވެ. މިއިން ފުރަތަމަ ގެއަކީ ޓްރާންސްޕޯޓު މިނިސްޓަރ މުހައްމަދު އަމީނުވެސް ދިރިއުޅުއްވާ ގެކޮޅެވެ.
އެގެކޮޅުގައި 17 ވަނަ ދުވަހުގެ ރޭ އެއްވުމެއް އޮތް ނަމަވެސް އެ އެއްވުން އޮތީ އަމީނު އުޅުއްވާ އެޕާޓުމެންޓުގައި ނޫންކަމަށާއި، އެ އެއްވުމެއް އޮތްކަން އެނގިވަޑައިނުގަންނަވާކަމަށާއި، މައްސަލައަށް އެއްވެސް މިންވަރަކަށް ނުފޫޒު ފޯރުއްވާފައިނުވާނެކަމަށް އަމީނު ވިދާޅުވެފައިވެއެވެ. އަމީނު އެފަދައިން ވިދާޅުވީ އޭނާގެ އިސްތަށިފުޅުގައި ބައެއް މީހުން އަޅުވަމުންދާ އިލްޒާމުތައް ދޮގުކުރައްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެމީހުންގެ އިތުރަށް އެ އަންހެންމީހާ ވެއްޓުމުގެ ކުރިން އޭނާއާއެކު އުޅުނު ގ.އެރިއަދޫ އުމުރުން 21 އަހަރުގެ ރައުދު އަހްމަދު ޒިލާލު ހައްޔަރުކޮށްފަައިވެއެވެ. މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުން ބުނި ގޮތުގައި އެ މައްސަލައިގެ ތަހުގީގު ރިވީއުކުރުމުގެ މަސައްކަތުގައި ރައުދުގެ ފަރާތުން އެއްބާރުލުން ނުލިބޭތީ ހައްޔަރުކުރަން ނިންމީއެވެ.
ރައުދު ހައްޔަރުކުރުމުގެ އިތުރަށް ފުރާޅަށް ވެއްޓުނު އަންހެންކުއްޖާއާއި ރައުދުގެ އިތުރަށް އޭނާއާއެކު އެރޭ އުޅުނު ބައެއް މީހުން ހިމެނޭހެން ޖުމްލަ ހަތް މީހެއްގެ ފޯނު ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށްވެސް ފުލުހުންގެ ހިދުމަތުން ބުންޏެވެ.
ފުލުހުންވަނީ މި މައްސަލާގަައި ހިމެނޭ އަށް މީހަކު ފުރުން މަނާކުރުމުގެ އަމުރުވެސް ހޯދާފައެވެ. ފުރުން މަނާކުރި މީހުންގެ ތެރޭގައި ރައުދުވެސް ހިމެނެއެވެ.