ENGLISH
09 މޭ 2025
އިންޑިޔާގެ "ހޫނަށް" ރާއްޖެއިން "ހިޔާ" ދިނުން
26 އޭޕްރީލު 2025
|
އިންޑިޔާގައި އާދަޔާ ހިލާފަށް ހޫނު ގަދަވުމުގެ ސަބަބުން މީހުން ކުޑަ އަޅައިގެން: ހޫނުމަޑު ހިސާބުތަކަށް ޗުއްޓީއަށް ދާންވޭނުންވާ މީހުން ގިނަ-- ފޮޓޯ/ ތައިމްސްއޮފްއިންޑިޔާ
ކޮވީޑް-19 ގައި ރާއްޖޭގެ ޓޫރިޒަމް ހުއްޓިފައި އޮތް އޮތުމަށް ދިރުން ގެނެސްދިނީ އިންޑިޔާގެ ޓޫރިސްޓުންނެވެ. ކޮވިޑަށްފަހު، ރާއްޖެ އަށް އެންމެ ގިނަ އަދަދަކަށް ޓޫރިސްޓުން އަންނަމުން ދިޔައީ އިންޑިޔާއިންނެވެ. ދުރު މަންޒިލުތަކަށް ދަތުރުކުރުމަށްވުރެ، ކޮވިޑްގެ ހާލަތުގައި ދިން ލުއިތަކާއެކު، އެ ވަގުތު ރާއްޖެ އަށް ދަރުތުކުރަން ފަސޭހަވުމާ ވެސް އެކުއެވެ.
ރާއްޖެއަށް 2021 ވަނަ އަހަރު 291،787 ޓޫރިސްޓުން އިންޑިޔާއިން އައިސްފައިވެއެވެ. އެއީ އެ އަހަރު އެންމެ ގިނައިން ޓޫރިސްޓުން އައި ގައުމެވެ. ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް އެއް ގައުމަކުން ޓޫރިސްޓުން އައުމުގެ ރިކޯޑު އަޮތީ ޗައިނާ އަށެވެ. މީގެ 11 އަހަރު ކުރިން 2014 ވަނަ އަހަރު ޗައިނާއިން 363،626 ޓޫރިސްޓުން ރާއްޖެ އައިސްފައިވެއެވެ.
އިންޑީޔާ އިން ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު 2021 ވަނަ އަހަރަށްފަހު އަހަރުން އަހަރަށް އައީ ދަށްވަމުންނެވެ. ދެހާސް ބާވީސް ވަނަ އަހަރު، އިންޑިޔާއިން 241،382 ޓޫރިސްޓުން އައިސްފައިވާއިރު 2023 ވަނަ އަހަރު އައީ 209,193 ޓޫރިސްޓުންނެވެ. އަދި މިދިޔަ އަހަރު އެ އަދަދު ވަރަށް ބޮޑަށް ދަށްވެ ހަމަކުރެވުނީ 130,805 ޓޫރިސްޓުންނެވެ.
ޓޫރިޒަމް ދިރާސާކުރައްވާ ބޭފުޅުންގެ ބަސްފުޅުތަަކަަށާއި ފެންނަން ހުރި އަދަތުތަކަށް ބަލާއިރު، ކުރިއަށް އޮތްތަނުގައި އިންޑިޔާއިން ބޭރު ގައުމުތަކަށް ދަތުރުކުރާ ޓޫރިސްޓުންގެ އަދަދު ވަރަށް ބޮޑުތަނުން އިތުރުވާނެ އެވެ. މިއަހަރު އިންޑިޔާ ޓޫރިސްޓުން 29 މިލިއަން ދަތުރު ގައުމުން ބޭރަށް ކުރާނެ ކަމަށް، ކަބާބެހޭ ފަރާތްތަކުން އަންދާޒާކުރެއެވެ. އަދި އިންޑިޔާގެ އައުޓް ބައުންޑް މާކެޓުން އަންނަ އަހަރު 62 ބިލިއަން ޑޮލަރުގެ އާމްދަނީއެއް އުފައްދާނެއެވެ.
ކޮންމެ އަހަރެއްގެ ވެސް އެޕްރީލް މަހުން ފެށިގެން ޖޫން ނިޔަލަށް ގުނޭ ދުވަސްތަކަކީ އިންޑިޔާ އަށް އެންމެ ހޫނު ގަދަވާ ދުވަސްތަކެވެ. މޫސުމީ ބަދަލުތަކާއެކު، ހޫނު މޫސުން ފެށޭލެއް އަވަސްވެފައި ދިގުދެމިގެން ވެސް ދާކަމަށް ފާހަގަކުރެވިފައިވެއެވެ. މި ދުވަސްވަރު އިންޑިޔާގެ ގިނަ ސިޓީތަކުގެ ހޫނުމިން ހުރީ 40 ޑިގްރިއަށްވުރެ މަތީގައެވެ. މިދިޔަ އަހަރު އިންޑިޔާގެ ރާޖަސްތާނުގެ ހޫނުމިން 50 ޑިގްރީ ހުރަސްކުރި އެވެ.
އާދަޔާ ހިލާފަށް ހޫނު މަތިވުމާ ގުޅިގެން، އިންޑިޔާ އިން ގައުމުން ބޭރަށް ދަތުރުކުރާ ޓޫރިސްޓުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އިންޑިޔާގެ ޓްރެވަލް ޚަބަރުތައް ގެނެސްދޭ ފަރާތްތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި އިންޑިޔާގައި އާދަޔާ ހިލާފަށް ހޫނު މަތިވުމާ ގުޅިގެން، ހޫނުމަޑު ތަނަކަށް ޗުއްޓީއަށް ދާން ބޭނުންވާ މީހުން ވަރަށް ގިނައެވެ.
ޓްރެވަލް އެންޑް ޓުއާ ވޯލްޑް (ޓީޓީޑަބްލިޔު) ވެބްސައިޓުގައި ބުނެފައިވާ ގޮތުގައި އިންޑިޔާ ޓޫރިސްޓުން ބޭރު ގައުމުތަކަށް ޗުއްޓީއަށް ދިއުމަށް ކުރާ ހޭދަ 17 ބިލިއަން ޑޮލަރަށް އަރާފައިވާއިރު، އެއީ މިދިޔަ އަހަރާ އަޅާބަލާއިރު 24.4 ޕަސެންޓް އިތުރުވުމެކެވެ. މިކުރިއެރުން ފާހަގަކުރެވިފައިވަނީ އިންޑިޔާގެ ގިނަ މީހުން ފިނި މާހައުލެއްގައި ޗުއްޓީއެއް ހޭދަކޮށްލަން ބޭނުންވެފައިވާތީ ކަމަށް ޓީޓީޑަބްލިޔު އިން ބުނެއެވެ.
ޓީޓީޑަބްލިޔު އިން ބުނެފައިވާ ގޮތުގައި އިންޑިޔާގައި ހޫނު ގަދަވުމުގެ ސަބަބުން ދިގު ދަތުރެއްނުކޮށް، ވިސާ ނެގުމުގެ އުނދަގުލާނުލައި އިންޑިޔާ ޓޫރިސްޓުންނަށް ދަތުރުކުރެވޭނެ ގައުމުތަކަށް ފުރުސަތުތަކެއް އެބަހުއްޓެވެ. އެހެން ކަމުން ރާއްޖެއާއި ތައިލެންޑާއި އިންޑޮނޭޝިޔާ އިންޑިޔާގެ ޓޫރިސްޓުންގެ މެދުގައި މަގުބޫލު ވެފައިވާކަމަށް އެ ވެބްސައިޓުގައި ބުނެފައިވެއެވެ.
އެއާލައިންތަކާއި ޓްރެވްލަ އެޖެންޓުންނާ ހަވާލާދީ ޓީޓީޑަބްލިޔު ވެބްސައިޓުގައި ބުނެފައިވާ ގޮތުގައި ހޫނުގަދަ ވުމާއި ސްކޫލް ބަންދާއި މި ދުވަސްވަރު ދިމާވުމުން ވެސް ފިނި ގައުމުތަކަށް ދިއުމަށް އޮތް ޑިމާންޑް ބޮޑުވެ، ބުކިން ހަދާ މިންވަރު 30-40 ޕަސެންޓް އިތުރުވެފައިވެއެވެ.
ޓޫރިސްޓުންގެ ވައްޓަފާޅިއަށް އަންނަ ބަދަލުތަކާއެކު، ކުރާ ހެދައަށްވުރެ ބޮޑަށް އިންޑިޔާގެ ގިނަ ޓޫރިސްޓުން ލިބޭ ޗުއްޓީގެ ފުރިހަމަ ހިތްހަމަޖެހުން ހޯދުމަށް މިހާރު އިސްކަންދެއެވެ. އެހެންކަމުން މިހާރު ހަފުތާ އެއްގެ މުއްދަތުގެ ޗުއްޓީއަަކަށް ކުރާ ހޭދަ އިތުރުވެ، އެވަރެޖްކޮށް ބޮލަކަށް 8،000 ޑޮލަރާއި 17،000 ޑޮލަރާ ދެމެދުގެ މިންވަރެއް ހަރަދުކުރެއެވެ.
ޓީޓީޑަބްލިޔު ވެބްސައިޓުގައި ބުނެފައިވާ ގޮތުގައި އާދަޔާ ހިލާފަށް ހޫނު ގަދަވުމުން، ހުރިހާ އުމުރުފުރާއެއްގެ މެދުގައި ވެސް ފިނިތަނަކަށް ދިއުމުގެ ޝައުގުވެރިކަން ވަނީ ބޮޑުވެފައެވެ. ގޭގައި ތިބެގެން މަސަކަތްކުރާ މީހުން އިތުރުވެފައިވާއިރު، ވަސިލަތްތައް ހުރި ރާއްޖެ ފަދަ ހެރޮވަރުގެ މޫސުމެއް އޮންނަ ގައުމަކަށް އައިސް "ވެކޭޝަން" އެއް ހޭދަކުރަން ބޭނުންވާ މީހުންވެސް ގިނައެވެ.
މިއަހަރުގެ ޖެނުއަރީން ފެށިގެން މިމަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް އިންޑިޔާއިން ރާއްޖެއަށް އައިސްފައިވަނީ 39,534 ޓޫރިސްޓުންނެވެ. އެއީ މިދިޔަ އަަހަރުގެ އެ މުއްދަތުގައި ރާއްޖެއައި 40,358 ޓޫރިސްޓުންގެ އަދަދަށްވުރު 842 މީހުން މަދު އަދަދެކެވެ.