ENGLISH

27 ޖުލައި 2026

Advertisement

ބަންގްލަދޭޝްއިން ރާއްޖެއަށް 20،000 ގަސް ހަދިޔާކޮށްފި

27 ޖުލައި 2026

|

އައިމިނަތު ޝަފާ

ބަންގްލަދޭޝްއިން ހަދިޔާކުރި ގަސްތައް ހަވާލުކުރުމުގެ ރަސްމިއްޔާޓުގެ ތެރެއިން ---ފޮޓޯ: ތިމާވެއްޓާއި ބެހޭ ވުޒާރާ

މުޅި ރާއްޖޭގައި ކުރިއަށްގެންދާ ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއަށް އެހީތެރިވުމުގެ ގޮތުން، ބަންގްލަދޭޝް ސަރުކާރުން ރާއްޖެއަށް 20،000 ގަސް ހަދިޔާކޮށްފިއެވެ.  

އިއްޔެ ހަވީރު ލޮނުޒިޔާރަތް ޕާކުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ބަންގްލަދޭޝްގެ ފަރާތުން މި ގަސްތައް ދިވެހި ސަރުކާރާ ހަވާލުކޮށްދެއްވީ ޚާރިޖީ ވަޒީރު ޑރ. ޚަލީލުއްރަޚްމާންއެވެ. ބަންގްލަދޭޝް ސަރުކާރުން މި ގަސްތައް ހަދިޔާކުރީ ތިމާވެށި ހިމާޔަތްކުރުމަށާއި މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމުގެ ގޮތުންނެވެ. 

ރާއްޖޭގެ ފަރާތުން މި ގަސްތަކާ ހަވާލުވެލެއްވީ ހާރިޖީ ވަޒީރު އިރުތިޝާމް އާދަމް އާއި މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު އަލީ ޝަރީފްއެވެ. ގަސްތައް ހަވާލުކޮށްދިނުމަށްފަހު ހާރިޖީ ވަޒީރު ޚަލީލުއްރަޚްމާން ވަނީ ރަމްޒީގޮތުން ގަހެއް އިންދަވައިދެއްވާފައެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ދެ ގައުމުގެ މަންދޫބުން ވަނީ ތިމާވެށީގެ ދާއިރާއިން ރާއްޖެއާއި ބަނގުލަދޭޝްއާ ދެމެދު އޮތް ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. ހާއްސަކޮށް މޫސުމީ ބަދަލުތަކުގެ ނުރައްކާ ބޮޑު ދެ ގައުމުގެ ހައިސިއްޔަތުން، މިފަދަ މަޝްރޫއުތަކުގެ ސަބަބުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަން ފާހަގަކުރައްވާފައިވެއެވެ.

ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް، ފެހިކަން އިތުރުކުރުމަށްޓަކައި ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމެއް ފައްޓަވާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެންމެ ފުރަތަމަ ހާމަކުރެއްވީ ޔޫއޭއީގައި ކުރިއަށްދިޔަ ތިމާވެއްޓާބެހޭ ބައިނަލްއަގުވާމީ ސަމިޓު (ކޮޕް-28)ގައި ތަގުރީރުކުރައްވަމުންނެވެ. 

ކޮޕް-28ގައި ގައުމީ ބަޔާން އިއްވަމުން ރައީސް މުއިއްޒު ވަނީ ތިމާވެށި ހިމާޔަތްކޮށް ސަލާމަތްކުރުމަށް ކުރައްވާނެ މުހިންމު ކަންތައްތަކެއް ފާހަގަކުރައްވާފައެވެ. އެގޮތުން މުޅި ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމަކީ އެމަނިކުފާނުގެ އަޒުމެއްކަމަށް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު