ENGLISH

27 ޖުލައި 2026

Advertisement

އުދަ އަރާނެ ކަމަށް ލަފާކޮށް، މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި

27 ޖުލައި 2026

|

އާމިނަތު ނުޒްލާ

މާލެއަށް އުދަ އެރުން - ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް

ރާއްޖެއަށް އުދައަރަމުންދާ މިދުވަސްވަރު، މިއަދުވެސް އުދަ އަރާނެކަމަށް ލަފާކޮށް ހުުދު ސަމާލު ނެރެފިއެވެ. 

މޫސުމާބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ހާމަކޮށްފައިވާ ގޮތުގައި، ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ރާއްޖޭގެ ބައެއް ރަށްތަކަށް މިއަދުވެސް އުދައިގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެކެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ މިއަދު 10:00 އިން 15:00 އާ ހަމައަށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފައެވެ. 

މިއަދު ހަވީރު 6:00 އާ ހަމައަށް އެ އިދާރާއިން ނެރެފައިވާ މޫސުމީ ލަފާގައިވާ ގޮތުން، ރާއްޖޭގެ ބައެއް ހިސާބުތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވެއެވެ. ވައިގެ ބާރުމިން ހުންނާނެ ކަމަށް ލަފާކުރެވެނީ ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގައެވެ. އެގޮތުން އުތުރުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން އަދި އެހެން ހިސާބުތަކަށް ދެކުނާއި ހުޅަނގު ދެކުނުން ވައިޖެހޭނެ ކަމަށް ބެލެވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވާނެ ކަމަށްވެސް ލަފާކޮށްފައިވެއެވެ.

މެޓް އިން ބުނީ، ކަނޑުތައް އާންމު ގޮތެއްގައި މަޑުވި ނަމަވެސް، ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެއެވެ. ރާޅުގެ އުސްމިން ހުންނާނެ ކަމަށް ބެލެވެނީ ދެ ފޫޓާއި ފަސް ފޫޓާ ދެމެދުގައެވެ.

ވޭތުވެދިޔަ 24 ގަޑިއިރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ފުވައްމުލައް ސިޓީއަށެވެ. އިއްޔެ ހެނދުނު 8:00 އިން މިއަދު ހެނދުނު 8:00 އާ ހަމައަށް އެ ސިޓީއަށް 46.5 މިލީމީޓަރުގެ ވާރޭ ވެހިފައިވެއެވެ. މީގެ އިތުރުން އައްޑޫ ސިޓީ ހުޅުމީދުއަށް 16.6 މިލީމީޓަރު، ބ. ގޮއިދުއަށް 12.9 މިލީމީޓަރު، އއ. ތޮއްޑުއަށް 11.1 މިލީމީޓަރު އަދި ރ. އިފުރަށް 11.0 މިލީމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް މެޓް އޮފީހުން މައުލޫމާތު ދެއެވެ.

އިއްޔެ މާލޭގެ ބައެއް ސަރަހައްދުތަކަށް، ހާއްސަކޮށް އިންޑަސްޓްރިއަލް ވިލެޖާއި ކާނިވާ ސަރަހައްދު އަދި އަލަށް ތަރައްގީކުރި ބޮޑުތަކުރުފާނު މަގުގެ ބައެއް ދިމާތަކަށް ވަރަށް ބޮޑަށް އުދަ އަރާފައިވެއެވެ. މިކަމާ ގުޅިގެން މަގުތަކުން ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސްއިން އިއްޔެ ކުރިއަށް ގެންގޮސްފައިވެއެވެ.

ކުރިއަށް މިއޮތް ހަފްތާގައި ސްކޫލް ބަންދު ނިމޭއިރު، ދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އިން އިލްތިމާސްކޮށްފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު