ENGLISH

27 ޖުލައި 2026

Advertisement

މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރުގެ އައު އިމާރާތް ހުޅުވައިފި

27 ޖުލައި 2026

|

އައިމިނަތު ޝަފާ

މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރުގެ އައު އިމާރާތް ރައީސް ހުޅުވާދެއްވަނީ.

ވިލިމާލޭގައި ތަރައްގީކުރި މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރުގެ އައު އިމާރާތް ހުޅުވައިފިއެވެ. 

މިކަމަށްޓަކައި މިއަދު ވިލިމާލޭގައި ބޭއްވި ރަސްމިއްޔާތެއްގައި މި ސެންޓަރު ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުހައްމަދު މުއިއްޒެވެ. 

މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަކީ ވަޔާއި ކަނޑުމަތީގައި ހާލުގައިޖެހޭ މީހުންނާއި އުޅަނދުފަހަރު ހޯދައި ސަލާމަތްކުރުމުގެ އޮޕަރޭޝަންތައް ވިލަރެއްސްކުރުމަށް އުފައްދާފައިވާ މަރުކަޒެކެވެ. މި މަރުކަޒުގެ އައު އިމާރާތް ވިލިމާލޭގައި ތަރައްގީކުރީ ޖަޕާން ސަރުކާރުގެ އެހީގެ ދަށުންނެވެ. މި އިމާރާތުން ދެވޭ ހިދުމަތްތަކަށް ބޭނުންވާ އާލާތްތަކާއި ވަސީލަތްތައް ގާއިމްކުރުމަށް އޮސްޓްރޭލިޔާ ސަރުކާރުންވެސް އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.

ވިލިމާލޭގައި އެމްއާރުސީސީގެ އައު އިމާރާތުގެ ބިންގާ އެޅީ 2022 ވަނަ އަހަރުގެ ޖޫން މަހުގެ 23 ވަނަ ދުވަހުއެވެ. 

ޖަޕާނު ސަރުކާރުގެ އެހީގައި ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) ގުޅިގެން ހިންގި މި މަޝްރޫއަކީ ދިވެހި ރާއްޖޭގެ ސާޗް އެންޑް ރެސްކިއު ދާއިރާގެ ހިދުމަތް އިތުރަށް ފުޅާކޮށް ގާބިލިއްޔަތުކަން އިތުރުކުރުމަށް ހިންގި މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން އިމާރާތްކުރެވުނު އެމްއާރުސީސީ ބިލްޑިންގައި އެމްއާރުސީސީގެ އޮޕަރޭޝަން ރޫމާއި، ކުލާސްރޫމްތަކާއި އޮޑިޓޯރިއަމެއް ހިމެނެއެވެ. މި އިމާރާތް ފަރުމާކުރެވިފައިވަނީ ސާޗް އެންޑް ރެސްކިޔުއާއި އެހެނިހެން ލޯ އެންފޯސްމަންޓް ޕްރޮގްރާމްތައް ހިންގޭނެފަދަ ވަސީލަތްތަކާއެކުގައެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ އެމްއާރުސީސީގެ ހިދުމަތް ފެށުނީ "ގްލޯބަލް މެރިޓައިމް ޑިސްޓްރެސް އެންޑް ސޭފްޓީ ސިސްޓަމް"، ޖީއެމްޑީއެސްއެސްގެ ނަމުގައެވެ. އެގޮތުން ވިލިމާލޭގައި ޖީއެމްޑީއެސްއެސްގެ އޮޕަރޭޝަން ސެންޓަރެއް 2006ވަނަ އަހަރުގެ ޖަނަވަރީ މަހު ހުޅުވައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހިންގާ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންތައް އިތުރަށް ހަރުދަނާކޮށް، އެއް ފުރާޅެއްގެދަށުން ހުރިހާ ކަމެއް ވިލަރެސް ކުރުމުގެ ބޭނުމުގައި، 27 ޖުލައި 2012 ގައި، އެ މަރުކަޒުގެ ނަން "މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރު" ގެ ނަމަށް ވަނީ ބަދަލުކޮށްފައެވެ.

އެމްއެންޑީއެފުން ބުނީ ފާއިތުވީ 10 އަހަރުގެ ތެރޭގައި ޖުމްލަ 3،713 ހާދިސާއެއް އެމްއާރްސީސީއަށް ރިޕޯޓުކޮށްފައިވާކަމަށެވެ. މި ހާދިސާތަކުގައި 8،359 ރައްޔިތުންގެ ފުރާނައާއި، އުޅަނދުފަހަރާއި މުދާ ސަލާމަތްކުރުމަށް ކާމިޔާބު އޮޕަރޭޝަންތަކެއް ހިންގާފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ. 

ވެރިކަމުގެ މި ދައުރުގެ ތެރޭގައި ކޯސްޓުގާޑު ކެޕޭސިޓީ ދެގުނަ ކުރައްވާނެ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ. އެ އަމާޒާ އެއްގޮތަށް އެމްއެންޑީއެފްގެ އެއާ ކޯ އަދި އަންމޭންޑް އޭރިއަލް ވެހިކަލް (ޔޫއޭވީ) ސިފައިންގެ ހިދުމަތަށް އަލަށް ވަނީ ތައާރަފްކޮށްފައެވެ. އަދި މި ޖޫން މަހުގެ ތެރޭގައި އޮސްޓްރޭލިއާއިން ދިވެހި ސަރުކަރަށް ހަދިޔާކުރި ނޭވީ މަނަވަރު ވެސް ވަނީ ހިދުމަތާ ގުޅިފައެވެެ. މީގެ އިތުރަށް ތުރުކީވިލާތުން ދިވެހިރާއްޖެއަށް ހަދިޔާކުރި މަނަވަރު، "ދަރުމަވަންތަ" ވެސް ހިދުމަތާ ގުޅިފައިވާއިރު މިއީ ދިވެހި ތާރީޚުގައި ދިވެހި އަސްކަރިއްޔާއަށް ލިބުނު އެންމެ ބޮޑު މަނަވަރެވެ. 

ކިޔުންތެރިންގެ ހިޔާލު