ENGLISH

27 ޖުލައި 2026

Advertisement

ކާބޯތަކެތި އިންސްޕެކްޓް ކުރާ މީހުން ގަވާއިދާ ހިލާފުވާނަމަ އެއްލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ

27 ޖުލައި 2026

|

އާމިނަތު ނުޒްލާ

ކާބޯތަކެތި އިންސްޕެކްޓް ކުރުމުގައި ހަރަކާތްތެރިވަނީ - ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް

ކާބޯތަކެތީގެ ރައްކާތެރިކަން ދެމެހެއްޓުމަށް މަސައްކަތްކުރާ ފުޑް އިންސްޕެކްޓަރުންގެ މަސްއޫލިއްޔަތުތަކާއި ސުލޫކީ މިންގަނޑުތައް ބަޔާންކުރާ "ކާބޯތަކެތީގެ އިންސްޕެކްޓަރުންގެ ގަވާއިދު" މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ޝާއިއުކޮށްފިއެވެ. 

މި ގަވާއިދާ ޚިލާފުވާ އިންސްޕެކްޓަރުން އެއްލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާކުރުމަށް ސަރުކާރުން ނިންމާފައިވެއެވެ. 

އެމްއެފްޑީއޭ އިން ބުނީ، ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނުގެ ދަށުން އެކުލަވައިލި މި ގަވާއިދުގެ މައިގަނޑު މަގުސަދަކީ އިންސްޕެކްޓަރުން އައްޔަނުކުރުމުގެ އުސޫލުތައް ކަނޑައެޅުމާއި، އެ ފަރާތްތަކަށް އޮންނަ ބާރުތައް ސާފުކޮށް ބަޔާންކުރުމެވެ. މީގެ އިތުރުން، އިންސްޕެކްޓަރުން އަމަލުކުރަންޖެހޭ އަސާސީ ސުލޫކީ މިންގަނޑުތައް ކަނޑައަޅައި، ގާނޫނާ ޚިލާފުވާ ހާލަތްތަކުގައި ފިޔަވަޅު އެޅޭނެ ހަރުދަނާ ނިޒާމެއް މި ގަވާއިދުގެ ދަށުން ގާއިމުކުރެވޭނެކަމަށްވެސް އެ އޮތޯރިޓީން ބުނެފައިވެއެވެ. 

މި ގަވާއިދުގެ ދަށުން އިންސްޕެކްޓަރުންނަށް ލިބިދޭ ބައެއް ބާރުތަކުގެ ތެރޭގައި:

  • ދުރާލައި އެންގުމަކާ ނުލައި، ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނަށް ވަދެ ފާސްކުރުން
  • ކާބޯތަކެތީގެ ސާމްޕަލް ނަގައި ޓެސްޓުކުރުމާއި، ކަމާގުޅޭ ރެކޯޑުތަކުގެ ކޮޕީ ހޯދުން
  • މިންގަނޑަށް ނުފެތޭ ތަކެތި ހިފެހެއްޓުމާއި، އާންމު ސިއްހަތަށް ނުރައްކާވާ ފަދަ ހާލަތްތަކުގައި ތަކެތި ނައްތައިލުން

ނަމަވެސް، އަމިއްލަ މީހުން ދިރިއުޅޭ ގެދޮރު ފާސްކުރެވޭނީ ވެރިފަރާތުގެ ހުއްދައާއެކު ނުވަތަ ކޯޓު އަމުރެއްގެ ދަށުން ކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ. 

އިންސްޕެކްޓަރަކު ގާނޫނާ ޚިލާފު އަމަލެއް ހިންގައިފިނަމަ، ކުށުގެ ކުޑަބޮޑުމިނަށް ރިޢާޔަތްކޮށް 5,000 ރުފިޔާއާއި 100,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. ޖޫރިމަނާ ކުރާނެ މިންގަނޑުތަކަކީ:

  • ފުރަތަމަ ފަހަރު: 5,000 ރުފިޔާ
  • ދެވަނަ ފަހަރު: 10,000 ރުފިޔާ
  • ތިންވަނަ ފަހަރު: 25,000 ރުފިޔާ
  • ހަތަރުވަނަ ފަހަރު: 50,000 ރުފިޔާ
  • ފަސްވަނަ ފަހަރު ނުވަތަ އެއަށްވުރެ ގިނަ ފަހަރު: 100,000 ރުފިޔާ

މީގެ އިތުރުން، ސިވިލް ސާވިސްގެ ގަވާއިދުގެ ދަށުން އިދާރީ ފިޔަވަޅު އެޅުމުގެ ބާރުވެސް އެމްއެފްޑީއޭއަށް ލިބިގެންވެއެވެ.

އިންސްޕެކްޓަރުންނަކީ ނަޒާހަތްތެރިކަމާއެކު މަސައްކަތްކުރާ ބަޔަކަށް ވާންޖެހޭނެކަން ފާހަގަކޮށް، މަސްލަހަތު ފުށުއަރާ ކަންކަމުން އެފަރާތްތަކުން ދުރުހެލިވާންޖެހޭނެ ކަމަށް ގަވާއިދުގައި ވަނީ ކަނޑައަޅާފައެވެ. ކާބޯތަކެތީގެ ވިޔަފާރިތަކުގައި ބައިވެރިވުމާއި، ރިޝްވަތާއި ހަދިޔާ ފަދަ މާލީ މަންފާ ހޯދުމާއި، ރިޕޯޓުތަކުގައި ދޮގު މައުލޫމާތު ހިމެނުމަކީ ކަނޑައެޅިގެން މަނާކަމެއްކަންވެސް ބަޔާންކޮށްފައިވެއެވެ. 

އެމްއެފްޑީއޭ އިން ބުނީ، އިންސްޕެކްޓަރުންގެ މަސައްކަތާ ގުޅޭގޮތުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ކޮންމެ ފަރާތަކަށްވެސް ހުޅުވާލެވިފައިވާ ކަމަށެވެ. އިންސްޕެކްޓަރެއްގެ ނިންމުމަކާ މެދު ހިތްހަމަނުޖެހޭނަމަ، 15 ދުވަހުގެ ތެރޭގައި އެމްއެފްޑީއޭއަށް ޝަކުވާ ހުށަހެޅުމުން، 30 ދުވަހުގެ ތެރޭގައި އެ އިދާރާއިން ޖަވާބެއް ދޭންޖެހޭނެ ކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު