ENGLISH

24 އޭޕްރީލު 2025

Advertisement

މެލޭޝިޔާގެ ބޮޑުވަޒީރުގެ ދަޢުވަތަކަށް ރައީސް އެ ގައުމަށް ރަސްމީ ދަތުރުފުޅެއް ކުރައްވަނީ

24 އޭޕްރީލު 2025

|

އަޙުމަދު ޙަމީދު

ރައީސުލްޖުމްހޫރިއްޔާ ބައްދަލްވުމެއްގެ ރިޔާސަތުގައި --

މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ ދައުވަތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު އެ ޤައުމަށް ރަސްމީ ދަތުރުފުޅެއް ކުރައްވަން ނިންމަވާފައިވާ ކަމަށް ދިވެހި ސަރުކާރުން ހާމަކުރައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ބުނީ ރައީސް, މެލޭޝިޔާއަށް ވަޑައިގަންނަވާނީ މި މަހުގެ 27 ވަނަ ދުވަހު ކަމަށެވެ. މި ދަތުރުފުޅު 27 އިން 30 ވަނަ ދުވަހަށް ކުރިއަށް ގެންދަވާނެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ކެބިނެޓް މިނިސްޓަރުންނާއި ސަރުކާރުގެ އިސް އޮފިޝަލުންގެ މަތީ ފެންވަރުގެ ވަފުދެއް ވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މިއީ ރާއްޖެ އާއި މެލޭޝިޔާއާ ދެމެދު ޒަމާނުއްސުރެ އޮތް ގާތް، އެކުވެރި ގުޅުން އިތުރަށް ބަދަހިކުރުމުގެ މަޤްޞަދުގައި ރައީސް ޑރ މުއިއްޒު މެލޭޝިޔާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަަދު މުޢިއްޒު, މެލޭޝިޔާގެ ބޮޑުވަޒީރާ ބައްދަލުކުރައްވައި ރަސްމީ މަޝްވަރާތައް ބާއްވައި، ދެ ގައުމުގެ އެއްބާރުލުން އިތުރުކުރުމާއި، ސަރަޙައްދީ އަދި ދުނިޔޭގެ މައްސަލަތަކުގައި ޚިޔާލު ބަދަލުކުރައްވާނެ އެވެ.

އަދި މުހިންމު ބައެއް ދާއިރާތަކުން އެއްބަސްވުން ޤާއިމު ކުރުމަށް ވަނީ ނިންމާފަ އެވެ.

ރައީސްގެ މި ދަތުރުފުޅުގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑުން އިންތިޒާމްކޮށްގެން ބާއްވާ ބިޒްނަސް ފޯރަމެއް ގައި ބައިވެރިވެވަޑައިގަންނަވާނެ އެވެ. އަދި އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ އޮފް މެލޭޝިއާ (އައިއައިޔޫއެމް) އަށް ވެސް ވަޑައިގެން ތަޤުރީރު ކުރައްވާނެ އެވެ.

ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންގެ ޙާލަތު އޮޅުންފިލުއްވައި، މަސްލަޙަތުތައް ދެނެގަތުމަށް އެމަނިކުފާނު ދެއްވާ ސަމާލުކަމުގެ ދަށުން، މެލޭޝިއާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ވެސް ވަނީ ހަމަޖައްސަވާފައެވެ. މި ބައްދަލުކުރެއްވުމުގައި މެލޭޝިއާގައި ދިރިއުޅޭ ދިވެހި އާބާދީގެ ކަންބޮޑުވުންތައް އަޑުއައްސަވައި، އެ ފަރާތްތަކަށް ދިމާވާ ގޮންޖެހުންތަކުން އަރައިގަނެވޭނޭ ގޮތްތަކެއް ހޯއްދަވައިދެއްވުމަށާއި، އެ ފަރާތްތަކަށް އެއްބާރުލުން ދެއްވޭނޭ ގޮތްތައް ހޯއްދެވުމާމެދު މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު